"ގެވެށި ގުޅުން" ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި އެވެ.

މުޖުތަމައުގައި މިފަހަކަށް އައިސް އިތުރުވަމުން އަންނަ ގެވެށި އަނިޔާގެ މައްސަލައާ ގުޅޭ ގޮތުން މުޅި މުޖްތަމައު ހޭލުންތެރިކުރުމުގެ މަގްސަދުގައި މިއަދު ހަވީރު ފެށި މި ކެމްޕެއިން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ އެވެ.

Ad
rt

ޖެންޑަރ މިނިސްޓްރީއިން ހާމަ ކުރަށްވާފައި ވާގޮތުގައި މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ތިން މަސްދުވަހުގެ މުއްދަތަށެވެ.

މި ކެމްޕެއިން ފެށުމުގެ ގޮތުން ވާޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ އިވެންޓްގައި ރައީސް ޞާލިޙްގެ ހާއްސަ މެސެޖެއް ވަނީ ގެނެސްދީފައެވެ. މި މެސެޖްގައި ގެވެށި އަނިޔާގެ މައްސަލައަކީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ރާއްޖޭގައި އޮތް އިޖްތިމާއީ މައްސަލައެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޖެންޑަރ މިނިސްޓްރީގެ ފަރާތުން މިއަދު ފެށި "ގެވެށި ގުޅުން” ކެމްޕެއިންގެ ހެޔޮ އަސަރު މުޖުތަމައުން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސްގެ މަސެޖްގައި ވަނީ ވިދާޅުވެފައެވެ.

"ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާހް ކޮށްދެއްވުމަށް ފަހު ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ބޮޑު އިންސައްތަ އެއް ހިއްސާކުރަނީ އަންހެނުން ކަމަށް ވުމާއެކު ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ފިރިހެން ބޭފުޅުންގެ ބައިވެރިވުން ވީހާވެސް ބޮޑަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ކަމެއް
ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ކެމްޕެއިން އިފްތިތާހްކުރުމާ ހަމައަށް ކުރެވުނު މަސައްކަތްތަކައި ފިރިހެން ބޭފުޅުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށާއި އެކަން ކުރިއަށް އޮތް ތަނުގައިވެސް ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ.

މައިގަނޑު ގޮތެއްގައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕެއިންގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ. މިގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދެވޭ ލައިވް ޕްރޮގްރާމް ތަކުގެ އިތުރުން ހޭލުންތެރިކުރުމުގެ މެސެޖްތައް ސޯޝަލް މީޑިއާ މެދުވެރިކޮށްގެންނާއި، ސްޓްރީޓް އާޓް އަދި ބިލްބޯޑް ފަދަ ވަސީލަތްތަކުގެ އެހީގައި އާންމުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ.

"ގެވެށި ގުޅުން" ކެމްޕެއިންގެ ތެރެއިން ހދ.ކުޅުދުއްފުށީގައި ގައިވެސް މިއަދު ވަނީ ސެޝަން ކުރިއަށް ގެންގޮސް ފައެވެ. މި ސެޝަންގައި ގެވެށި އަނިޔާއާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން އިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ވާޗުއަލްކޮށް އިފްތިތާހްކުރި މިއީ ފުރަތަމަ ފަހަރެވެ.