ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ "އުތެމަ" ޖަމްޢިއްޔާއިން އިސްލާމް ދީނާ ޚިލާފު ރިޕޯޓެއް ނެރެފައި ވާކަމަށާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން ގޮވާލައިފިއެވެ.

ނެއްލައިދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ "އުތެމަ" އިން 22 ޖޫން 2020 އިން 10 ޖުލައި 2020 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމެޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހެޅި ރިޕޯޓުގައި އެމްޑީއެންގެ ރިޕޯޓު ބަލައިގަނެ، އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ދީނީގޮތުން ހައްދު ފަހަނައަޅައި ދިއުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ހަޤީޤަތާއި ޚިލާފަށް އެކުލަވާލާފައިވާ ކަންކަން ސަރުކާރުން ބަލައިގަނެފައި ވާކަމަށެވެ. އަދި އިލްމީ މަންހަޖު އޭގެމައްޗަށް ބިނާކުރުމަށް ހުށަހަޅާފައި ވާކަމަށާއި، އެކަމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައެވެ.

Ad
rt

ހަމައެހެންމެ ސީޑޯއަށް އުތެމައިން ހުށަހަޅާފައިވާ ރިޕޯޓުގައި އިސްލާމް ދީނުގެ އެތަކެއް ޙުކުމްފުޅުތަކާއި ހައްދުތަކެއް އުވާލުމަށް ހުށައަޅާފައި ވާކަން ފާހަގަ ކުރެވޭ ކަމަށާއި އަދި މިކަންކަމަކީ ސައްތައިންސައްތަ އިސްލާމީ މިދިވެހި ޤައުމުގެ އެއްވެސް މުއާއިނެއްގެ ކިބައިން ފެނިގެން ވާނޭ ކަންކަމެއް ނޫންކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ ރިޕޯޓަކީ، އިސްލާމީ ރިވެތި އުސޫލުތައް ދިވެހި ފަސްގަޑުން ފޮހެލުމަށް ބަޔަކު މީހުން ކުރާމަސައްކަތުގެ ތެރެއިންވާ ކަމެއްކަން އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީނަށް ތައުހީނުކޮށް އެދީނުގެ އަސްލު އުސޫލުތަކާއި އަދި ދިވެހިރާއްޖޭގެ ޤާނޫނު ތަކާއި ޚިލާފަށް ކުރެވޭ މިފަދަ ހަޑިމުޑުދާރު ކަންކަން ހުއްޓުވައި ދެއްވައި، މިކަންކަމުގައި ޝާމިލުވާ އެއްމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވައި، ލަސްނުކުރައްވާ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އެ ކައުންސިލުން އިލްތިމާސް ކުރާކަމަށެވެ.

މިކަންކަމަށް އިންސާފު ހޯދައި ނުދެވިއްޖެނަމަ މުޖުތަމަޢުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލިގެން ހިނގައިދާނޭކަމަށް އެ ކައުންސިލުން ދެކޭކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާން ނިންމާލަމުން ބުނެފައިވަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ މިފަދަ ކަންތައްތައް ކުރާ ފަރާތްތަކަށް ހެޔޮ ވިސްނުންދެއްވާ ތައުބާވުމަށް މަގުދައްކަވާ މިކަންކަން ހުއްޓުވަން ތިއްބެވި ހުރިހާ މުއައްސަސާތަކުގެ ވެރިންނަށް މިފަދަކަންކަން ހުއްޓުވުމުގެ ގޮތުން އަޅަންޖެހޭ އެއްމެހާ ފިޔަޅުތައް އެޅުމުގެ ހިއްވަރާއި އަޒުމާއި ކެރުންތެރިކަންދެއްވާ ހެޔޮތައުފީޤް ދެއްވުމަށް އެދޭކަމަށެވެ.

އުތެމަ ޖަމްޢިއްޔާގެ ރިޕޯޓު ކުށްވެރި ކޮށް ރާއްޖޭގެ ބައެއް ކައުންސިލް ތަކުންނާއި، ބައެއް ޖަމްޢިއްޔާ ތަކުން އަންނަނީ އުތެމަ އަށް ފިޔަވަޅު އަޅައި ދިނުމަށް ގޮވައި ލަމުންނެވެ.