ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ 4 މެމްބަރުންގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 187 ވަނަ މާއްދާއާއި، އަދި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުންގެ މަޤާމު ހުސްވުމާގުޅިގެން، ޤާނޫނު ނަންބަރު 7/2010 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ކޮމިޝަނަށް 4 މެންބަރުން ޢައްޔަންކުރުމަށްޓަކައި، ސިވިލް ސަރވިސް
ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު 14 ޖުލައި 2020 ވާ އަންގާރަ ދުވަހުން ފެށިގެން 21 ޖުލައި 2020 ވާ
އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާކަމަށެވެ.

Ad
rt

ޤާނޫނު ނަންބަރު 7/2010 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ށ) ބަޔާންވެގެންވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ
މަށެވެ. އަދި އެގޮތުން، އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ ފަރާތެއް ނުވަތަ ފަރާތްތައް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެކަމަށެވެ.

ޤާނޫނު ނަންބަރު 7/2010 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 2 ވަނަ އިސްލާޙުގެ ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރަންވާނީ، ކޮމިޝަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ތަޢުލީމީ ޤާބިލުކަން ހުރި މީހުންގެ ތެރެއިން، ޤާނޫނު ނަންބަރ 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ސިފަތައް ފުރިހަމަވާ ފަރާތްކަމުގައެވެ. އެ ސިފަތަކަކީ:
1. ދިވެހި ރައްޔިތަކު ކަމުގައިވުން.
2. މުސްލިމަކު ކަމުގައިވުން.
3. ބުއްދި ސަލާމަތުން ހުރުން.
4. ޢުމުރުން 30 އަހަރު ވެފައިވުން
5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި
ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
6. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު
ކަމުގައި ނުވުން.
7. އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
8. ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރުމަށްފަހު، ސަރުކާރުގައި ނުވަތަ ސަރުކާރުނޫން ފަރާތެއްގައި ހިންގުމުގެ
ދާއިރާގައި މަދުވެގެން 10 އަހަރު ޚިދުމަތްކޮށްފައިވުން.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި، އިޤްރާރު ދޫކުރުމާއި، ފޯމާއި
އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ސަރުކާރު ބަންދުނޫން ކޮންމެ
ދުވަހެއްގެ 8:30 އިން 14:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ
މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި، އިޤްރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމުގައި އެ އިޢުލާނުގައި ވެއެވެ.

ކުރިން އެ ކޮމިޝަންގެ މަޤާމުތައް ފުރުއްވަމުން ގެންދެވި ޝަމީމާއި ޒަކަރިއްޔާ ހުސައިންގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަހީދު އާއި، މެންބަރު އިބްރާހިމް ޝަހީގް ވެސް ކޮމިޝަންގެ މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން ޝަހީޤް ފިޔަވާ ދެން ތިބި ތިން މެމްބަރުން ވަނީ އަމިއްލަ ފުޅަށް އެ މަޤާމްތަކުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ނުދެއްވާ ހުރި އެ ކޮމިޝަނުގެ މެމްބަރު އިބްރާހީމް ޝަހީޤު ވަކިކުރަން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އަޤުލަބިއްޔަތުން ފާސްކޮށްފައި ވުމުން އެ ހަތަރުމަޤާމު އިއްޔެ ވަނީ ހުސްވެފައެވެ.