ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލު ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު މިރަށްތަކާއި ބެހޭ މަޢުލޫމާތު ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު އާންމުކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު މީސްމީޑީޔާގައި އާންމުކުރި ލިސްޓްގައި އައުޓް ޑޯ ޖިމް ގާއިމު ކުރުމަށް ހަމަޖެހިފައިވާ 61 ރަށުގެ ތެރޭގައި ހިމެނެނީ އުތުރުގެ 15 ރަށެވެ.

Ad
rt

އެގޮތުން ހއ އަތޮޅުން ބާރަށް، ތަކަންދޫ، މުރައިދޫ ހދ އަތޮޅުން ކުޅުދުއްފުށި ސިޓީ، ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ، ށ އަތޮޅުން ފޯކައިދޫ، ކަނޑިތީމު އަދި ނ އަތޮޅުން ހެނބަދޫ، މާޅެންދޫ، ވެލިދޫ، ކުޑަފަރި، މާފަރު، މަނަދޫ ހިމެނެއެވެ.

މީގެ އިތުރުން މިނިސްޓަރ އާންމުކުރެއްވި އަތޮޅު ތަކުގެ ތެރޭގައި އެންމެ ގިނަ ރަށްތައް ހިމެނެނީ ރ އަތޮޅުގައެވެ. އެގޮތުން މަޑުއްވަރު، މީދޫ، އުނގޫފާރު، ރަސްގެތީމު، ހުޅުދުއްފާރު، އިނގުރައިދޫ، އިންނަމާދޫ، ފައިނު ހިމެނެއެވެ.

ބ އަތޮޅު - އޭދަފުށި، ކަމަދޫ، ގޮއިދޫ
ޅ އަތޮޅު - ކެރެންދޫ
ކ އަތޮޅު - ހިންމަފުށި، މާފުށި، ދިއްފުށި، ތުލުސްދޫ، ވިލިމާލެ
އއ އަތޮޅު - ހިމަންދޫ، އުކުޅަސް، ތޮއްޑޫ
ދ އަތޮޅު - މީދޫ
މ އަތޮޅު - ވޭވަށް، ނާލާފުށި
ފ އަތޮޅު - ދަރަނބޫދޫ، ފީއަލި
ތ އަތޮޅު - ހިރިލަންދޫ، ކިނބިދޫ، ކަނޑޫދޫ
ލ އަތޮޅު - މާވަށް، މާބައިދޫ، އިސްދޫ، ހިތަދޫ، ފޮނަދޫ، ގަން، މާމެންދޫ
ގއ އަތޮޅު - ކޮލަމާފުށި، ކަނޑުހުޅުދޫ، ކޮނޑޭ، ދާންދޫ
ގދ އަތޮޅު - ގައްދޫ، ތިނަދޫ، ހޯޑެއްދޫ
ފުވައްމުލަކު ސިޓީ
އައްޑޫ ސިޓީ - މަރަދޫ، ހިތަދޫ، މީދޫ

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތުގައި ރާއްޖޭގެ 61 ރަށެއްގައި ގާއިމު ކުރާ ޖިމުތަކުގެ ސާމާނުތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު އެވެ. އިންޑިއާ ސަރުކާރުގެ އެހީތެރި ކަމާއި އެކު ތަރައްޤީ ކުރަން ނިންމާފައިވާ މި ޖިމްތަކަށް ބޭނުން ވާ ސާމާނު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ.

މި ރަސްމިއްޔާތުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްއާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާންވީ ގުޅުން ފާހަގަ ކުރަށްވާފައެވެ. އަދި ކުރީ ސަރުކާރުގެ ފަސް އަހަރުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވީ ކަމަށް ދެކެވުނު ނަމަވެސް އެއީ ކުށްހީއެއް ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާގެ ގުޅުމާއި ނުލައި ދިރިއުޅެން އުނދަގޫވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ޔޫތު މިނިސްޓްރީ އަށް އަށް މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ވަނީ ހަމަޖައްސާފަ އެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހު އެވެ.