ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުން ކޯވިޑް-19 ފެންނަމުންދާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން އެ ހޮށްޕިޓަލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މިކަން ހާމަކުރައްވައި މިއަދު އެ ހޮށްޕިޓަލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ދިމާވެފައި މިވާ ކޯވިޑް-19 ގެ ވަބާ ތަޖުރިބާ ކުރަމުންދާއިރު، ދިވެހިރާއްޖޭގެ އުތުރުގެ ސަރަޙައްދުން ވެސް މިވަނީ ކޯވިޑް-19 ފެނިފައި ކަމަށާއި، ކަންމިހެން އޮތުމާއިއެކު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނަށް ޒިޔާރަތް ކުރުން މިހާރުވަނީ ވަގުތީގޮތުން މެދުކަނޑާލެވިފައި ކަމަށެވެ.
އިތުރަށް ބުނެފައިވަނީ އެޑްމިޓް ކުރެވިފައިވާ ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި "ރިލޭޓިވް ފާސް" އޮންނަ މީހުންނަށް މެނުވީނުތިބެވޭނެ ކަމަށާއި އަދި މި ދަނޑިވަޅުގައި ޞިއްޙީ އެހީތެރިން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށްޢަމަލުތައް ބަހައްޓާ، އަމިއްލަ ރައްކާތެރިކަމާއި އެހެންމީހުންގެ ރައްކާތެރި ކަމަށްޓަކައި ހޮސްޕިޓަލު ތެރޭގައި އުޅެވޭނީ މާސްކު އަޅުއްވައިގެން އުޅުއްވުމަށާއި އަދި ގައިދުރުކަން ބެހެއްޓުމަށް އެ އިއުލާނުގައިވެއެވެ. މީގެއިތުރުން ކޮންމެހެން ކުރަންޖެހޭ ޒިޔާރަތެއް މެނުވީ ނުކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އިލްތިމާސް ކުރައްވައެވެ.
ކޭއާރުއެޗް އިން މިކަން އިއުލާން ކޮށްފައި މިވަނީ އުތުރުގެ ބައެއް ރަށްތަކުން މި ބައްޔަށް ފައްސިވެފައިވާ ބަޔަކު ފެނިފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ދުވާފަރުން 3 މީހުން ފައްސިވެފައިވާ އިރު ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހުން ވެސް ވަނީ ކޯވިޑަށް ފައްސިވެފައެވެ. އެވެ. އަދި އއ. ތޮއްޑޫ، ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކުވެސް ވަނީ ކޯވިޑަށް ފައްސިވެފައެވެ. މީގެ އިތުރުން އިއްޔެ ވަނީ ނ. ކުޑަފަރިން މަނަދޫއަށް ގެނެސް އެރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ފައްސިވެފައެވެ. އަދި ރ،. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ އިއްޔެ ކޯވިޑް-19 އަށް ފައްސިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!