ކުދިން ތަރުބިއްޔަތު ކުރުމުގައި ގޭތެރެއިންނާއި ސްކޫލް މަދަރުސާގައިވެސް އެކުދީން ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތްކަތް ކުރުމަކީ މުހިއްމު ކަމެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެކަމަނާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، ފޮތް ކިޔުމަކީ މަޢުލޫމާތު މުއްސަނދިކޮށް، އުނގެނުމުގެ އަސާސީ މަސްދަރެއް ކަމުގައިވާއިރު، ޒަމާނީ ޓެކްނޮލޮޖީ އާއިއެކު ޒުވާން ޖީލު މި މުހިއްމު
އާދައާއި ކޮންމެވެސް މިންވަރަކަށް ދުރުވެފައި ވާކަމީ މިއަދު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ފެންނަމުންދާ ޙަޤީޤަތެއް ކަމަށެވެ.

Ad
rt

"އެހެންކަމުން ކުދިން ތަރުބިއްޔަތު ކުރުމުގައި ގޭތެރެއިންނާއި ސްކޫލް މަދަރުސާގައިވެސް ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނަ ބަޔަކު ނަފްސާނީ އެކިއެކި މައްސަލަތަކާއި ކުރިމަތި ލަމުންދާއިރު، ފޮތް ކިޔުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެހީވެދޭ ކަމެއްކަން މިއަދުގެ ހޯދުންތަކުން ދަނީ ހާމަވަމުންނެވެ. އެހެންކަމުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގައިވެސް ފޮތް ކިޔުމުގެ ޝައުޤު އުފެއްދުމަކީ މުހިއްމު ކަމެކެވެ."

މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ، ފޮތް ކިޔުމަށް ޝައުޤުވެރިން އުފެއްދުމަށް މަސައްކަތްކުރާއިރު، ފޮތް ކިޔުވާއި ދަރިވަރުން ތަޢުލީމު އުނގެނުމުގައި ކުތުބުޚާނާތަކުން މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ދިވެހި މުޖުތަމަޢު ފަދަ މުޖުތަމަޢުއެއްގައި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެކިއެކި އަޑުތަކާއި އުނދަގޫތަކާއި ނުލައި ގޭގައި ފޮތް ކިޔައި ފިލާވަޅު ދަސްކުރުމަށް އެންމެ އެކަށޭނަ މާހައުލެއް ފަހިވެފައިވަނީ ވަރަށް މަދު ދަރިވަރަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެ ސަބަބަށްޓަކައި، ކުތުބުޚާނާތައް ވެގެން ގޮސްފައިވަނީ މަޢުލޫމާތުގެ މުއްސަނދި ޚަޒާނާއެއްގެ އިތުރުން ފިލާވަޅު ދަސްކުރުމަށާއި، ދިރާސާކޮށް ކަންކަމާއި ވިސްނާ ފިކުރު ކުރުމަށް އެންމެ އެކަށޭނަ، ހަމަހިމޭން ޖާގައަކަށް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

" ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުތުބުޚާނާ ވަގުތީގޮތުން ބަންދުކޮށް، ކުތުބުޚާންގެ ގިނަ ޚިދުމަތްތައްވަނީ ހުއްޓިފައެވެ. މި އާލަމީ ވަބާ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދިން އެއް ކަމަކީ ޤައުމީ ކުތުބުޚާނާ ތަރައްޤީ ކުރުމަށް އަޅުގަނޑުމެންނަށް ޤަސައްކަތް ކުރެވެމުންދިޔައީ ރަނގަޅު މިސްރާބަށް ކަމެވެ. ބަވަނަ ވެފައިވާ ސުމޭކު ދުނިޔޭގައި މަޢުލޫމާތު ހޯދުމަކީ ފަޅި ސިކުންތެއްގެ މަސައްކަތަކަށް ވެފައިވާއިރު، މި ޢާލަމީ ލަބާ ކުރިމަތިވިއިރު އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް، ކުތުބުޚާނާގައި ހުރި އާސާރީ ލިޔުންތައް ސުމޭކުކޮށް އާންމުން ބޭނުން ކުރުމަށް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ތަޢާރަފްކުރުމަށެވެ. އެ ޚިދުމަތް ފެށުމަށް މިހާތަނަށް ވަނީ ވަރަށް ގިނަގުނަ މަސައްކަތްތައްވެސް ކުރެވިފައެވެ."

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއިން ކުރިއަށްގެންދާ ހޮނިހިރު ދުވަހުގެ ހަރަކާތްތައް ވަރަށް ކާމިޔާބުކަމާއި އެކު މިހާރު އޮންލައިންކޮށް ކުރިއަށް ގެންދެވޭކަމަށާއި، ކުޑަކުދިންގެ ލައިބްރަރީގެ ފޭސްބުކް ޕޭޖްގައި ހޮނިހިރުން ހޮނިހިރަށް ކުރިއަށް ދާ އެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުދިން ވަރަށް ޝައުޤުވެރިކަމާއެކު ބައިވެރިވަމުން ގެންދާ ކަމަށެވެ.

ޤައުމީ ކުތުބުޚާޔާގެ އީ.ރިސޯސްތައް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އެކްސެސް ލިބޭނެ ގޮތަށް މިއަހަރު ކުރީ ކޮޅު އީޕޯޓަލް
"ރިމޯޓްއެކްސްއެސް" ލޯންޗުކުރެވިފައި ވާކަމަށާއި، މަހުންމަހަށް ފައިސާ ދައްކައިގެން ހޯދާ ތަކެތީގެ އިތުރުން އައިފަލް މެދުވެރިކޮށް ލިބޭ ތަކެތި އަދި މުޅިން ހިލޭ ލިބެތަކެތި މި ވެބް ޕޯޓަލްއިން ބޭނުން ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި ވާކަމަށް އެކަމަނާ ވިދާޅުވިއެވެ.