އައިޑިއާސް ޖަމިއްޔާގެ ފަރާތުން ހއ. ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި އެވެ.

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ޑަސްބިން ބަހައްޓާފައިވަނީ ކެލާ ޔޫތު ސެންޓަރު، ބަނދަރު އަދި އޭ.ޓީ.އެމް ސަރަހައްދުގައެވެ. މިއީ އައިޑިއާސް އާއި އޮލިވް ރިޑްލީ ޕްރޮޖެކްޓް ގުޅިގެން ކެލާގައި ހިންގާ "ޓާރޓަލް އެކްސްޕެޑިޝަން" ޕްރޮގުރާމްގެ ކޮމިއުނިޓީ ފަންޑްގެ ދަށުން، ކެލާގެ އާންމު ސަރަހައްދުތަށް ސާފްތާހިރުކޮށް ބެހެއްޓުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މި ޑަސްބިންތައް ބެލެހެއްޓުމަށް ހަމަޖެހިފައި ވަނީ ކެލާ ކައުންސިލުގެ ފަރާތުންނެވެ. މިކަމުގެ ސަބަބުން ކެލާގެ އިޖުތިމާއި ސަރަހައްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަށާއި ރަށުގެ ކުނި މެނޭޖުކުރުމަށް ފަސޭހަ ވެގެންދާނެކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

Ad
rt

"ޓާރޓާލް އެކްސްޕެޑިޝަން" ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އުތުރުގެ ކަނޑު ތަކުގެ ދިރުންތަކާއި ގުޅޭގޮތުން އިލްމީ ދިރާސާތައް ކުރުން ކަމަށް އައިޑިއާސް ޖަމިއްޔާއިން ފާހަގަކުރެއެވެ. އަދި ތިމާވެއްޓާއި ގުޅުންހުރި އިލްމީ ދިރާސާތަައް ކުރާފަރާތް ތަކުގެ މެދުގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަކީ މަޤުބޫލުތަނަކަށް ހެދުން ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

އޮލިވް ރިޑްލީ ޕުރޮޖެކްޓް އަކީ ރާއްޖޭގައި ވެލާ ކަހަނބު ހިމާޔަތްކޮށް، އެކަމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާ އެެކެއެވެ. ބޭނުން ކުރުމަށްފަހު ކަނޑަށް ދޫކޮށްލާ ދާގަނޑުތަކުގެ ސަބަބުން ވެލާ ކަހަނބަށް ލިބޭ ގެއްލުންތަކާއި ގުޅޭ ގޮތުން ދިރާސާކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އޮލިވް ރިޑްލީ ޕުރޮޖެކްޓް ދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މަސައްކަތް ކުރަމުންނެއެވެ. އޮއިވާލި ދާ (ގޯސްޓް ނެޓް) ގައި ހައްޔަރުވެގެން ވެލާ އާއި ކަހަނބާއި މިޔާރާއި މަޑި މަރުވެ ކަނޑުގެ ދިރުންތަކަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

އައިޑިއާސް ޖަމިއްޔާއަކީ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އަދި ކެލާގެ އިޖުތިމާއީ ކަންކަމުގައި ވަރަށް ހީވާގިކަމާއެކު ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ކެލާ ގެ އެކިއެކި އިދާރާތަަކާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަމުންދާކަން ފާހަގަކުރެވެއެވެ.