ކޯވިޑް-19 ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށާއި، ކޯވިޑް-19 އާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީވެސް އަންހެނުން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ފޮނުއްވި ޚިޠާބުގައި މި އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު "ކޯވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތު ރައްކާތެރި ކުރާނީ ކިހިނެއް؟"، މި ޝިޢާރަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ކޯވިޑް-19 ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށެވެ.
އޭގެ އެއް ސަބަބަކީ، ކޯވިޑް-19 އާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށާއި، ރާއްޖޭގައި ޞިއްޙީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީވެސް އަންހެނުންކަމުގައި ވާތީކަން ރައިސް ވަނީ އެ ޚިޠާބުގައިި ފާހަގަކުރަށްވާފައެވެ.
އިތުރަށް ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ކޯވިޑް-19 ޖެހުނު އަންހެނުންގެ ޢަދަދު މަދު ނަމަވެސް، ލޮކްޑައުންގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން ކަމުގައެވެ. އަދި، މި ކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޢާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވުން ކަމުގައިވެސް އެމަނިކުފާނު ވަނީ އެ ޚިޠާބުގައި ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވެސް ޚާއްޞަ އިސްކަމެއް ދީގެން ހައްލު ކުރަން މަސައްކަތް ކުރަން ޖެހިފައިވާ މައްސަލަތަކެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވި ވެފައިވަނީ މި ކަމުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ޤައުމެއްގެވެސް އާބާދީއާއި ގުޅިފައިވާ މައްސަލަތަކާއި މެދު، އެ ޤައުމެއްގެ ރައްޔިތުން ހޭލުންތެރިކުރުވުން ކަމުގައެވެ.
މިގޮތުން، މުޖުތަމަޢުގެ ތެރޭގައި އުފެދޭނެ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކުން ނުކުންނަ ނަތީޖާތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންވީ ކަންކަމާއި މެދު، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން މީގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ދުޅަހެޔޮ އާބާދިއެއް ބިނާކުރުމުގައި މި ސަރަޙައްދުގެ ޤައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖެއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ދެމެހެއްޓޭނީ، ކޯވިޑް-19 ފަދަ ބޮޑެތި ބަލިތަކާއެކުވެސް، ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ޞިއްޙަތަށާއި، އެހެނިހެން އިޖުތިމާޢީ ކަންކަމަށް އިސްކަންދީގެން ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ޚިޠާބުގައި ވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު، ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!