ކުޅުދުއްފުށީ ހޮސްޕިޓަލް ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީ ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަޠީފް ވިދާޅުވެއްޖެއެވެ.
"އަލި ރަން މުތް" ފޭސްބުކް ޕޭޖުން ގެނެސްދެމުން ދާ ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ތިން ވަނަ އެޕިސޯޑުގައި "މާލެ ތޮއްޖެހި އަތޮޅުތައް ފަޅުވުން " މިމައުލޫއަށް ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މަރުކަޒީ ކުރެވެން ފެށިތާ މިހާރު ފަންސާހަކަށް އަހަރު ވެއްޖެ ކަމަށެވެ. އެހެންކަމުން ދައްކަމުންދާ ވާހަކައަކީ އެންމެ ރެއަކުން ހައްލު ގެނެވޭނެ ވާހަކައެއް ނޫން ކަމަށް ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، އަތޮޅުތަކަށް ދިރުން ލިބި މާލޭގައި ތޮއްޖެހުމަށް ލުއިކަން ލިބިގެން ދާނީ ތަރައްޤީ ރާއްޖޭގެ ކަންކޮޅުތަކަށް ތަރައްޤީ ބަހާލެވިގެން ކަމަށާއި، މިކަން ހާސިލް ކުރުމަށް މާލޭގައި ހުރިހާ ހިދުމަތްތައް ހުންނަ ހުރުން ބަދަލުކުރަން ޖެހޭ ކަމަށެވެ. މިސާލެއްގޮތުން މިސަރުކާރުން ރާއްޖޭގެ ފަސް ސަރަޙައްދެއްގެ ފަސް ހޮސްޕިޓަލް ތަރައްޤީ ކުރަން ނިންމި ނިންމުން ޔާސިރު ފާހަގަ ކުރެއްވިއެވެ.
ފަސް ހޮސްޕިޓަލް ފަސް ދާއިރާއަށް ޚާއްސަ ކުރެވިދާނެ ކަމަށާއި، މިސާލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކޮށް، އައްޑޫ ހޮސްޕިޓަލް ކަށީގެ ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކޮށް، ލ. އަތޮޅު ހޮސްޕިޓަލް ހިތުގެ ޚާއްސަ ހޮސްޕިޓަލެއް ގޮތުގައި ތަރައްޤީކުރެވިދާނެ ކަމަށެވެ.
މީގެ އިތުރުން މިޕެނަލްގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އެދޭނަމަ މާލޭގައި ތިބި ރައްޔިތުންނަށްވެސް ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ. މުޅި ނިޒާމް އައިސް މުޅިތަން ތޮއްޖެހުމަކީ އެ ރައްޔިތުންގެ މައްސަލައެއް ނޫން ކަމަށާއި، މާލެއަށް ހިޖުރަކުރަމުންއައިސް އެކިރަށް ރަށުން، މާލޭއައިސް ތިބި މީހުންގެ ރަށަށް މިއަދު ދާށޭ ބުނި ނަމަވެސް އެ ރަށްޔިތުން ރަށަށް ދާނީ ކިހިނެތްތޯ ޔާސިރު ސުވާލު ކުރެއްވިއެވެ.
" އަޅުގަނޑުމެންނަށް ފަހަކަށް އައިސް މިދެއްކެނީ 4 ހާސް އަހަރުވީ މިޤައުމުގެ އެންމެ 100 އަހަރުގެ ވާހަކަ، އޭގެކުރިން އަޅުގަނޑުމެންނަކީ ކިހިނެއް އުޅުނު ބައެއްތޯ، އަޅުގަނޑުމެންގެ އައިޑެންޓިޓީއަކީ ކޮބައިތ،ޯ އޮތީ ކޮން ނިޒާމެއްތޯ އަޅުގަނޑުމެންނަށް ނޭނގެ، އެވެސް ވިސްނާލަން ރަނގަޅު ވާހަކައެއް ހެން ހީވަނީ، މަރުކަޒީ ކުރެވެން ފެށިތާ ހޭދަވި 50 އަހަރުގެ ވާހަކަ މިދައްކަނީ، މިކަން އޯވަރނައިޓަކުން ރަނގަޅެއް ނުކުރެވޭނެ، މިހިސާބަށް 50 އަހަރުން އައި މައްސަލައެއް އެއްދުހަކުން ހައްލެއް ނުވާނެ، ކޮންމެ ކަމެއްގެ ދެކޮޅަށް ވިސްނަނަންވާނެ"
ޔާސިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޔާސިރު ފާހަގަކުރި އެއްކަމަކީ މިދިޔަ ސަރުކާރުގެ ތެރޭ އޮތް ޕޮލިސީ ތަކުރާރުވަމުން ދާނަމަ 2054 އާއި ހަމައަށް ދާއިރު އޮންނާނީ ކިހިނެތްތޯ އުފެދޭ ސުވާލުކަމަށެވެ.
އެންމެ މުހިންމު އެއް ކަމަކީ މިކަމުގައި ގެންގުޅޭ ޕޮލިސީ މިކަމަށް އެޑްރެސް ކުރަން، މިމަސައްކަތުގައި ހަމައެކަނި ސަރުކާރަށް މިކަމުގައި ހުންގާނެއް ނޭނބުރޭނެ، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނާއިވެސް މިކަމުގައި ގުޅިގެން އަންނާނެ ހެން ހީވަނީ
ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ އެ މައްސަލާގައި ކުރެވޭ މަސައްކަތް އެންމެ އެދެވޭ މިންވަރަށް ކުރެވެމުން ނުދާކަމަށް އެއްބަސްވާން ޖެހޭ ކަމަށެވެ.
ޔާސިރު ވިދާޅުވީ މިކަމަށް ބަހުސްކުރާއިރު ފުރަތަމަ ބަލަން ޖެހެނީ ފުރަތަމަ މާލެއަށް މީހުން ޖަމާކުރެންފެށީ ކީއްވެގެން ކަމާއި މިކަން ފެށުނީ ކިހާ ހިސާބެއްގައިކަމަށެވެ. ތާރީޙުން މިސާލު ނަންގަވަމުން ޔާސިރު ވިދާޅުވީ ކުޅުދުއްފުށީ ގައި އޭރު 7 ބައްތެލި އޮންނަކަމަށާއި އަޅުގަނޑުމެންނަކީ ބަރާބަރަށް ބޭރަށް ގޮސް އުޅުނު ބައެއްކަމަށެވެ. 70 ގެ އަހަރު ތެރޭ ރާއްޖެއިން ބޭރަށް ދާން މަނާ ކުރި ފަހުންވެސް އިންޑިއާއަށް ވަގަށް ގޮސް ސާމާނު ގެނެސްފައި އެބަހުރިކަން ފާހަގަ ކުރިއެވެ.
އަމީން ދީދީ ދުވަސްވަރު ކީއްވެތޯ ބޭރަށް ދިއުން މަނާކުރީ، އެއީ 2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެތަކެއް ދޯނިތަކެއް ފައްތާލި، އެގޮތުން ފާހަގަކޮށްލަން އައްޑޫ ޔާހުންބާ، 41 މީހުން އެހާދިސާގައި މަރުވެ ދިޔަ، މާތޮޑާ މަސްދޯނި، ދާންދޫ ތަކުރުފާނުގެ ވެޑި، އެއީ ހަމަ ސީދާ ޖަރުމަނު ބޯޓަކުން ހަމަލަދީ، އޭރު ދަތުރު ކުރުން ހުއްޓާލި"
ޔާސިރު ވިދާޅުވިއެވެ.
ނާސިރުގެ ވެރިކަމުގައި މާލެއަށް މީހުންގެނެވޭނެ ގޮތްތަކަށް ޕޮލިސީތައް ބަދަލުވެގެން ދިޔަ ކަމަށާއި، މާލެއަށް ހިޖުރަކުރާ މީހުންނަށް އިސްކަންދީ، ގެވަޅު ދޫކުރުމާއި، ހުރި ހުރިހާތަނެއް ބަހާލާފައި މީހުން ގެނައުމުގެ ސިޔާސަތުތަކެއް ކަނޑައެޅުނު ކަމަށް ޔާސިރު ވިދާޅުވިއެވެ.
މާލޭގައި ގޯތީގެ ކަންތައް ފެށިގެންއައީ 70 ގެ އަހަރު ތަކުގައި ކަމަށާއި، ލާމަރުކަޒު ކުރަންވެއްޖެ ކަމުގެ އިހްސާސް ކުރެވެން ފެށީ ވަރަށް ފަހުން ކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި އެވާހަކަ ދައްކަން ފެށުނީވެސް ދާދިފަހުން ކަމަށާއި، އެވާހަކަ ބޮޑަށް ފެށުނީ 2008 ގައި ކަމަށާއި، 2010 ވަނަ އަހަރު ލާމަރުކަޒީ ގާނޫނެއްގެނެސް ކައުންސިލްތައް ގެނެވިފައިވާއިރު، ކައުންސިލްތައް ގެނެސް އެއްދުވަހުން ޤައުމުގެ ބަޖެޓް އެމީހުންނަށް ދެވިދާނެތޯއާއި، އެމީހުން ޤާބިލު ވެއްޖެތޯއާއި އަދި އެމީހުންނަށް އެ ޕްރޮސެސް ހިންގި ދާނެތޯ ޔާސިރު ސުވާލު ކުރެއްވިއެވެ.
ސަރުކާރުގެ ވިސްނުން ހުރީ އެކަން ކުރަންތޯ ނުކުރަންތޯވެސް ބަލައިލަން ޖެހޭ ކަމަށާއި، މިސަރުކާރުގެ ވިސްނުން މިކަމުގައި ހުރިގޮތް ރަނގަޅުކަން އުފަލާއިއެކު ފާހަގަކުރާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
މިދައްކާ ވާހަކައަކީ، މީހުން ގެންގޮސްގެންނޭ މިކަން ކުރެވޭނީ، މިސާލަކަށް ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ ގުދުރަތުގެ ނިޒާމަކުން އުފެދިގެންއައި ބާޒާރެއް، އަޅުގަނޑު މިދައްކާ ވާހަކައަކީ ކުރިއަރައިދާނެ މަގު ފަހިކޮށްދޭން ޖެހޭނެ، ގާނުނުވެސް ފާސް ކުރަން ޖެހޭނެ، ހުޅުވާލެވޭ ފުރުޞަތުތަކުގެ ބޭނުން ރައްޔިތުންވެސް ހިފަންޖެހޭނޭ
ޔާސިރު ވިދާޅުވިއެވެ.
މާލޭގައިވެސް ވިޔަފާރި ކުރަން ފެށީ ރަށްރަށުން އައިސްތިބި މީހުންކަމަށާއި، މާލޭގެ މަގުތަކުގައި ހިނގާލުމުން އެކަން ސާފު ވާނެކަމަށް ޔާސިރު ވިދާޅުވިއެވެ. މިވާހަކަ ދައްކާއިރު، މިކަންކަމުގައި އެބޭފުޅުންގެ ނުފޫޒު ހިނގާކަންވެސް ޤަބޫލުކޮށް ހަޤީޤަތާއި ކުރިމަތިލާން ޖެހޭ ކަމަށް ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، ވަޒީފާއަކީ ހަމައެކަނި ސަރުކާރުގެ ވަޒީފާ ނޫންކަން ދަންނަންޖެހޭ ކަމަށާއި، ކޯވިޑްގެ ހާލަތުގައި ކަން ހިނގާދިޔަގޮތުން މީހުން އިތުރަށް ސަރުކާރުގެ ވަޒީފާއަށް ކުރާ ޑިމާންޑް ބޮޑުވެގެން ދާނެކަމަށާއި، ނަމަވެސް އެކަންވެސް ބަދަލުވާނެ ވިސްނުން އިސްކުރަން ޖެހޭކަމަށެވެ.
އައްޑޫއާއި ކުޅުދުއްފުށި ސީދާ ވައިގެ ދަތުރު ފަތުރުން ގުޅާލުމަކީވެސް އޭގެ ހެޔޮ ބަދަލު ފެނިގެންދާނެ ކަމެއްކަމަށާއި، މަސައްކަތް އޮތީ ފެށިފައިކަމަށާއި، ނަތީޖާވެސް ފެންނާނެ ކަމަށާއި ނަމަވެސް އަދިވެސް "ނޮޓް އިނަފް" ކަމަށް ޔާސިރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!