ދައުލަތުގެ ދެ ބާރަށް ގޮންޖެހުމަށްފަހު ޤާނޫނާއި ޚިލާފު އަމަލެއް ހިންގުމުން އެމައްސަލަ ބަލައި، ފިޔަވަޅު އެޅުމުގެ ބަދަލުގައި ހަދިޔާދޭ އުސޫލެއް ސަރުކާރުން ގެންގުޅޭނަމަ ޤާނޫނީ ވެރިކަމެއް ނުހިނގާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރަށްވާ އާޒިމް މިހެން ވިދާޅުވީ "އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ބާއްވަން ރާއްޖޭން ބިޑްކުރަނީ" ސުރުޚީ ދަށުގައި ރާއްޖޭގެ ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި، ރައީސް ޞާލިޙާއި އަދި ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ޓެގް ކުރަށްވައި ކުރެއްވި ޓުވީޓެއްގައެވެ.
" މިއީ ޤާނޫނީ ދައުލަތެއް، ދައުލަތުގެ ދެ ބާރަށް ގޮންޖެހުމަށްފަހު ޤާނޫނާއި ޚިލާފު އަމަލެއް ހިންގުމުން އެމައްސަލަ ބަލައި، ފިޔަވަޅު އެޅުމުގެ ބަދަލުގައި ހަދިޔާދޭ އުސޫލެއް ސަރުކާރުން ގެންގުޅޭނަމަ ޤާނޫނީ ވެރިކަމެއް ނުހިނގާނެ."
ޢަލީ އާޒިމް
އާޒިމް ވަނީ ފުޓްބޯލް އެސޯސިއޭސަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙުމަދު މަޙްލޫފް ވިދާޅުވާން ޖެހޭ ކަމަށްވެސް ޖުލައި 2 ވަނަ ދުވަހު ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމްގެ އިންތިޚާބު ބޭއްވީ، ޤާނޫނާއި ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެފްއޭއެމް ގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙުމަދު މަޙްލޫފް ވިދާޅުވާން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި ޤާނޫނީ ދައުލަތެއް ހިންގަން ކަމަށެވެ.
އާޒިމް މިހެން ވިދާޅުވެފައި ވާއިރު، 2 ޖުލައި 2020 ވަނަ ދުވަހު އެފްއޭއެމްގެ ކޮންގްރެސް ބާއްވައި، ބައްސާމް އަދީލް ޖަލީލް ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސްކަމަށް ވަނީ އިންތިޚާބު ކޮށްފައެވެ. އެފްއޭއެމުން ވަނީ ކޮންގުރެސް ބާއްވަން އުޅޭކަން އެދުވަހާއި ޖެހެންދެން ސިއްރުކޮށްފައެވެ.
އެ އިންތިޚާބު ބޭއްވީ، އިންތިޚާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށެވެ.
ޔޫތު މިނިސްޓްރީއިން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް އެފްއޭއެމްއާ މެދު ފިޔަވަޅު އަޅާފައި ނުވާތީ އެ އިދާރާއާ މެދު ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އާޒިމްވަނީ މަޖިލީހަށް ހުސްވި ޖޫންމަހުގެ 30 ވަނަ ދުވަހު ހުށަހަޅުއްވާފައެވެ. އެއާއި ގުޅިގެން މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައެއް އެ ކޮމިޓީން ދިރާސާކުރަމުން އަންނާތީވެ، އިންތިހާބު ނުބާއްވަން އެފްއޭއެމުގައި އެދެން މަޖިލިސްގެ އިޖްތިމާއީ ކޮމިޓީން މިނިސްޓްރީގައި ވަނީ އެދިފައެވެ.
އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކޮށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ހަ ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.
އެފްއޭއެމްގެ ކޮންގްރެސް އަށް ފަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަލުން އެފްއޭމްގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތް ބައްސާމް ވިދާޅުވީ އިންތިހާބު ފަސްކުރަން ސްޕޯޓްސް މިނިސްޓްރީން އެދުނީ އެކަން އެގޮތަށް ކުރެވެން އޮތްނަމަ ކުރުމަށް ކަމަށާއި އިންތިހާބު ބާއްވަން ނިންމި އެންމެ ބޮޑު ސަބަބަކީ ކަނޑައެޅިފައި އޮތް ތާރީހުގައި އެކަން ކުރަން ފީފާ އާއި އޭއެފްސީން ވެސް ބޭނުންވާތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް އެފްއޭއެމްގެ މައްސަަލައެއް ބެލޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން އެފްއޭއެމްގެ މައްސަލަތަކެއް ބަލައި، އެ އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ އިންޒާރެއްވެސް ދީފައެވެ.
އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ އިޖްތިމާއީ ކޮމިޓީން ދިރާސާކުރުމުގެ ގޮތުން ޖުލައި 7 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމަށް މިނިސްޓަރު މަޙްލޫފު ވަނީ ހާޒިރުވެ ވަޑައިގެން، ކޮމެޓީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!