ހުށަހެޅިފައިވާ އަޚްލާގީ މައްސަލަތަކަކާއި ގުޅޭ ޝަކުވާ ތަކަކާއި ގުޅިގެން، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިސްތިއުފާ ދެއްވަން ރައީސް ޞާލިޙް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ޞާލިޙަށާއި، ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައި ވާކަމަށެވެ.

Ad
rt

އެ މައްސަލައާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސް ޞާލިޙް މިރޭ އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ކަމަށްބެލެވޭ މީހެއްގެ އަޑު ހިމެނޭ އޯޑިއޯތަކެއް ފުލުފުލުގައި ވަނީ ލީކް ކޮށްލާފައިއެވެ. އެ އޯޑިއޯތަކުގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއަށް ޖިންސީ ފުރައްސާރަ އަމާޒުވާ، ބޭ އަދަބީ ބަސްތައް އަޑުއިވިގެން ގޮސްފައިވެއެވެ.

މިމައްސަލައާއި ގުޅިގެން އެކުގައި މަސައްކަތް ކުރައްވާ ބައެއް ވަޒީރުންނަކީ ވަރަށް ދަށް ބައެއްގެ ގޮތުގައި ސިފަކުރައްވައި ހުތުރު ބަހުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯގައި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރައްވާ، އެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅުއްވައިފި ކަމަށް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު މީޑިއާގައި ރިޕޯޓު ކޮށްފައިވެއެވެ. އެކަމާއި ގުޅިގެން މިނިސްޓަރު ނަހުލާގެ ފަރާތްޕުޅުން ރަސްމީ ކޮމެންޓެއް އާންމު ކުރަށްވާފައެއް ނުވެއެވެ.

ނަހުލާގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ވެސް އަލީ ވަހީދު ފާޑު ވިދާޅުވާ އޯޑިއޯތަކެއް ވަނީ ލީކުކޮށްލާފައެވެ.

ލީކުކޮށްލި ވީޑިއޯ ތަކާއި ގުޅިގެން އަލީ ވަހީދު ވަނީ އެކަމަށް އިންކާރު ކުރައްވައި، އެއީ ސައްހަ ނޫން އޯޑިއޯތަކެއް ކަމަށާއި ތަހުގީގު ހިންގައިފި ނަމަ، އޭގެ ހަގީގަތް ސާފުވާނެ ކަމަށް ވިދާޅުވެފަ އެވެ.