އަލްއިޞްލާޙަކީ ޢަރަބި ނަމެކެވެ. އެ ނަން ލިޔެފައިވަނީ ވެސް ޢަރަބި އަކުރުންނެވެ. މަޖައްލާގެ ބޭރުގަނޑުގަނޑާ ޖެހިގެން އޮތް ގަނޑުގައި ތާނައިން ލިޔެފައިވާ ލިޔުންތަކަށް ވުރެ ގިނައީ ޢަރަބިން ލިޔެފައިވާ ލިޔުމެވެ. އެކަމުން ދޭހަކޮށްދެނީ އެ ޒަމާނުގައި ޢަރަބި ބަހުގެ ނުފޫޒު ދިވެހިބަހުގެ މައްޗަށް އޮތް މިންވަރެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ނެރުނު މަޖައްލާއެވެ. ނޫހެއްގައި ހުންނަ އެތެރޭގެ ސިފަތައް އެ މަޖައްލާއިން ފެނެއެވެ. އެހެންވީމާ އެއީ ހަމަ ރަނގަޅަށް ވެސް ނޫސް މަޖައްލާއެކެވެ. މި ޒަމާނުގައި މިކިޔާ ނިއުސް މެގަޒިނެކެވެ. އެ ނޫސްމަޖައްލާގެ ފުރަތަމަ ޞަފުޙާގައި ލިޔެފައިވާ މުހިންމު ލިޔުންކޮޅެއް ލޮލުގައި އަޅައިގަތެވެ. "މިއީ ދިވެހި ދައިލަތުގެ ފަރާތުން ހިންގާ މަޖައްލާއެކެވެ." ދިވެހިން ލިޔެފައިވިޔަސް ބައެއް ލަފުޒުތައް ލިޔެފައި ހުރީ ޢަރަބިންނެވެ.

ތެދުފުޅެކެވެ. އެއީ ދިވެހި ދައުލަތުގެ ނޫހެކެވެ. ދިވެހި ދައުލަތުގެ އިސްނެންގެވުމެކެވެ. ދިވެހި ދައުލަތުގެ އިސް ބޭފުޅުންކޮޅެއް ފެށްޓެވި ޤައުމީ އަގުހުރި މަސައްކަތްޕުޅެވެ. އޭރަކު އެފެންވަރުގައި އަމިއްލަ ފަރުދަކަށް އެވަރުކަމެއް ކުރެއްވުމަކީ ވެވޭނެ ކަމެއް ނޫނެވެ. ފެންވަރޭ މިދެންނެވީ ހުރިހާ މާނައެއްގައެވެ. ރާއްޖޭގެ ހާލަތަށް ވެސް ތަންދީފައެވެ. އަމިއްލަ ގޮތުން ކުރެއްވިޔަސް ކުރައްވަން ތިއްބެވީ ވެސް އެ ބޭފުޅުންނެވެ. މި ޒަމާނުގެ ލޮލަށް އެ ޒަމާން ސިފަކޮށްދޭނީ ކިހިނެއްހެއްޔެވެ؟ ކިޔަވާ ވިދާޅުވެގެން ތިއްބެވި ޢިލްމުވެރިންނާއި ލިޔުންތެރިންނާ އަދި ދުނިޔެއަށް ކިރިޔާ ވެސް ލޯހުޅުވިފައިވާ ބޭފުޅެއް ނަމަ އެ ބޭފުޅަކީ ދައުލަތުގެ ކޮންމެވެސް އިސް މަޤާމެއް ފުރުއްވާ ބޭފުޅެކެވެ. ނުވަތަ ރަސްކަމާ ގުޅުމެއް ހުރި ބޭފުޅެކެވެ. ރައްޔިތުންގެ މެދުގައި ޢިލްމީ ހޭލުންތެރިކަމެއް ނެތެވެ. ޢިލްމު ފެތުރުމާއި ލިޔުންތެރިކަމާއި ޚިޔާލު ފާޅުކުރުން ވެސް އޮތީ ތަޅުލެވިފައެވެ. އެއީ ލިބިގެންވާ އަސާސީ ޙައްޤެއްކަމުގައި ރާއްޖޭގައި އެކުލަވާލި ފުރަތަމަ ޤާނޫނު އަސާސީގައި ލިޔުއްވީ ވެސް ކުރިން މި ޢިޝާރާތް ކުރެއްވި ބޭފުޅުންނެވެ. ޤާނޫނު އަސާސީއާއެކު ދިވެހިންގެ ފިކުރަށް އައި އެންމެ ބޮޑު ބަދަލަކީ މިއީއެވެ.

Ad
rt

22 ޑިސެންބަރު 1932 ގައި އެކުލަވާލެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ 12 ވަނަ މާއްދައި ވެއެވެ. "ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު އެ މީހަކުގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ލަފާތައް ދުލުން ނުވަތަ ގަލަމުން ފައުޅު ކުޅައުމަށް މިނިވަންކަން ލިބިގެންވެއެވެ." އާދޭހެވެ. ދުލާއި ޤަލަމުގެ މިނިވަންކަން ފުރަތަމަ ޤާނޫނު އަސާސީން ވެސް ދިވެހިންނަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

އެ ޤާނޫނު އަސާސީގެ 13 ވަނަ މާއްދާގައި ވެއެވެ. "ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފު ނުވާހައި ހިނދަކު ފޮތް ގެނުވުމާއި ނޫސް ގެނުވުމާއި މިފަދަ ތަކެތި ލިޔެ ޗާޕުކޮށް ފައުޅު ކުޅައުމާއި މި ކަންކަމަށް މިނިވަންކަން ލިބިގެންވެއެވެ." އާދޭހެވެ. މި ގޮތަށް މި ޤާނޫނު އަސާސީގައި ލިޔުމުގެ ކުރިން ދިވެހިރާއްޖޭގައި ނޫސް މަޖައްލާ ޗާޕުކޮށް ނެރެފައެއް ނުވެއެވެ. އަދި ނޫސް މަޖައްލާގެ އިތުރުން ޢިލްމީ ފޮތްތައް ވެސް ރާއްޖެ ގެނައުމުގައި ދަތިތައް ހުއްޓެވެ. ފަހުން ވެސް އެ ދަތިތައް ހުއްޓެވެ. ޤާނޫނު އަސާސީން ލިބިދީފައިވާ ބައެއް ޙައްޤުތައް އެކި ދުވަސްވަރު ހަށިކުރެވިފައިވަނީ ޤާނޫނު އަސާސީގައި އެ ޙައްޤުތަކުގެ ވާހަކަ ލިޔެފައި ނެތިގެންނެއް ނޫނެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ވެއެވެ. "ކޮންމެ ދިވެހިރައްޔިތަކުގެ މައްޗަށް ޤުރުއާން ކިޔެވުމާއި ޢަރަބި އަކުރާއި ތާނަ އަކުރު ލިޔާންކިޔާން ދަސްކުޅައުމީ މި ޤާނޫނު އަސާސީން ލާޒިމުކުރާ ކަމެކެވެ." އާދޭހެވެ. އެއީ ލިޔަންކިޔަން ދަންނަ މީހުން މިހާ ގިނަ ޒަމާނެއް ނޫނެވެ. އެއީ ކިޔެވުމަށާއި ކިޔަވައި ދިނުމަށް ވެސް ހުރަސްތައް އޮތް ޒަމާނެކެވެ. މި މާއްދާ ލިޔުއްވި އިރުވެސް ތާނަ އަކުރަށްވުރެ އިސްކަން ދެއްވާފައި އެ ވަނީ ޢަރަބި އަކުރަށެވެ. ލިޔުއްވާފައިވަނީ "ޢަރަބި އަކުރާއި ތާނަ އަކުރު" ދެއްތޯއެވެ. ލިޔަންކިޔަން ދަންނަ ގިނަ މީހުންނަށް ލިޔަންކިޔަން އެނގެނީ ވެސް އަރަބި އަކުރެވެ. ގިނަ ދިވެހިންނަށް އޭރުވެސް މިހާރު ވެސް އަރަބިން ލިޔަންކިޔަން އެނގެއެވެ. ނޭނގެނީ މާނައެވެ. ކީރިތި ޤުރުއާން ކިޔެވުމަށްޓަކައި ލިޔަންކިޔަން ދަސްކުރަނީއެވެ. އެދުރުގެ ތަކުގައި ވޮށިފިލާ އަޅައި ފިލާލިޔެ ހަދައިގެންނެވެ. އަނގައިން އަނގަޔަށް އަޅައިދީގެންނެވެ. އޭރާއި މިހާރު ވެސް ޢަރަބި އަކުރު ދަސްކޮށް ޢަރަބިން ލިޔެކިޔަން އެނގުން ދިވެހިންނަށް މުހިންމުވާ ވަރަށް ބޮޑު ސަބަބެއް އެބައޮތެވެ. އެއީ ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުންނަށް ވާކަމެވެ. އިސްލާމު ދީނުގެ އަސްލުތައް ހުރީ ޢަރަބި ބަހުންނެވެ.

ރާއްޖޭގައި ފުރަތަމަ ލިޔުންތެރިކަން ފެށިގެން އައި ދުވަސްވަރަކީ ތާނަ އަކުރު ދަސްކޮށް ތާނައިން ލިޔެކިޔަން ދަސްކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ބައެއް މީހުން ދެކުނު ޒަމާނެއް ނޫނެވެ. ދިވެހިން ލިޔެފައި ހުންނަ ފޮތްތައް މަދުކަމުންނެވެ. ދިވެހިން ނޫސްމަޖައްލާއާއި ފޮތްފަދަ ތަކެތި ލިޔެ ހެދުމުގެ މިނިވަންކަން ޤާނޫނު އަސާސީން ދިނުމާއެކު ލިޔަންކިޔަން ދަސްކުރުން ލާޒިމުކުރުމަކީ ޤާނޫނު އަސާސީ ލިޔުއްވައި އެކަށައެޅުއްވި ޢިލްމީ ބޭފުޅުންގެ ވަރަށް ބޮޑު އުންމީދަކެވެ. ލިޔަންކިޔަން ނުދަންނަ މުޖުތަމަޢުއެއްގައި ނޫސްމަޖައްލާއާއި ފޮތްފަދަ ތަކެތި ޗާޕުކޮށްކޮށްގެން ނެރުމުގެ ފައިދާއެއް ނޯންނާނެތީއެވެ.

ޤާނޫނު އަސާސީ ވުޖޫދަށް އައިތާ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ނޫސްމަޖައްލާ ޗާޕުކޮށްގެން ނެރުއްވައިއެވެ. އެއީ އަޅުގަނޑު މި ދަންނަވާ "އަލްއިޞްލާޙު" އެވެ. ދުވަހަކީ 8 ޖުލައި 1933ގައެވެ. ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޝާތިރު (2020) ވިދާޅުވި ގޮތުގައި އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއް ވެސް އާންމުކޮށް ލިބިފައެއް ނުވެއެވެ.

"އަލްއިޞްލާޙުގައި ދީނީ، އަޚްލާޤީ، ޢިލްމީ (ސައިންސް) ތަޢުލީމީ، ތާރީޚީ ލިޔުންތައް ހިމެނޭ. އަދި ސިޔާސީ، އިޖުތިމާޢީ، އިޤްތިޞާދީ ލިޔުންތައް ހިމެނޭ. މި މަޖައްލާގެ ލިޔުންތެރިންނަކީ އޭރު ރާއްޖޭގައި ތިއްބެވި އެކަމަށް ކުޅަދާނަ ޢިލްމީ ލިޔުންތެރިން" ޝާތިރު (2020) ލިޔުއްވާފައިވެއެވެ.

އަލްއިޞްލާޙަކީ ދިވެހިރާއްޖޭގައި ފުރަތަމަ ޗާޕުކޮށް ނެރެވުނު މަޖައްލާއެވެ. މަޖައްލާއެކޭ މި ދެންނެވީ ބޭރުފުށަށް ބަލާފައެވެ. މަޖައްލާ ނުވަތަ މެގަޒިންގެ ބޭރުފުށުގެ ސިފައަކީ ބަލާބެލުމަށް ފޮތަކަށް ވުމެވެ. އެ ޒަމާނުގައި މި ޒަމާނުގައި ނެރެއުޅޭ އީމެގަޒިން ގޮތަށް މަޖައްލާ ނެރެއުޅުނު ދުވަސްވަރެއް ނޫނެވެ. ނޫސް ނުވަތަ ނިއުސް ޕޭޕަރ ފުރަތަމަ ކިޔާއުޅުނު ތަކެތީގެ ބޭރުފުށުގެ ސިފައަކީ ވަކިވަކި ގަނޑުތަކެއް ނުވަތަ ކަރުދާސްތަކެކެވެ. ލަފުޒީ މާނައަށް ބަލާއިރު މަޖައްލާއަކީ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ނުކުންނަ، މަޒުމޫނާއި ވާހަކައާއި ޅެންފަދަ ތަފާތު ލިޔުންތައް ހުންނަފޮތެވެ. ނޫހަކީ ޚަބަރުތަކާއި ޢިލްމީ މަޒުމޫންތައް ޗާޕްކޮށްގެން ޤަވާއިދުކޮށްނެރޭ ލިއުންތަކެވެ. ނުވަތަ ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ޗާޕުކޮށްގެން ގަވާއިދުން ނެރޭ ފަތްފުށްތަކެވެ.

އަލްއިޞްލާޙުގެ ރައީސުލް ތަހުރީރު (ޗީފް އެޑިޓަރ) އަކީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. އެޑިޓަރަކީ އޭރުގެ ވަޒީރުލްދާޚިލިއްޔާ އަދި ވަޒީރުލްމަޢާރިފް އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީއެވެ. އަލްއިޞްލާޙުގެ މަޤްޞަދާއި ލިޔުންތަކުގެ ބާވަތަށް ބަލާއިރު އެއީ ނޫހެކެވެ. ނުވަތަ ނޫސްމަޖައްލާއެކެވެ. އާދެ! ނިއުސް މެގަޒިނެކެވެ. މި ވިސްނުމުން ބަލާއިރު އަލްއިޞްލާޙަކީ ދިވެހި ނޫސްވެރިކަމުގެ ވެސް ފެށުމެވެ. އެހެންނަމަވެސް ދިވެހި ނޫސްވެރިކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. އެއީ ސަރުކާރުގެ ޚަބަރުގެ ފުރަތަމަ އަދަދު ނެރެންފެށި ދުވަސްކަމުގައިވާ 05 ޖޫން 1943 އަށް ނިސްބަތްކޮށެވެ. މި ތާރީޚުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް މި ފެންނަނީ ދިވެހިރާއްޖޭގައި ލިޔުންތެރިކަމާއި ނޫސްވެރިކަމާ ދެމެދުގައި 9 އަހަރާއި 10 މަހާއި 27 ދުވަހުގެ ތަފާތެއް ހުއްޓައެވެ.

އަލްއިސްލާހު އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޗާޕުކޮށްގެން ނެރެން ފެށުނު ނޫސް މަޖައްލާ އެވެ. މަހަކު އެއްފަހަރު ނެރެމުން ގޮސް ޖުމުލަ 8 އަދަދު ނެރެފައިވާ އަލްއިސްލާހު ގެ ފުރަތަމަ އަދަދު ނިކުމެފައިވަނީ 8 ޖުލައި 1933 ގައެވެ. ސަރުކާރުގެ ފަރާތުން ނެރުނު މިނޫހުގެ ފުރަތަމަ އަދަދުގައި 54 ޞަފްޙާ އެކުލެވިގެން ވެއެވެ.

އަލްއިޞްލާޙުގެގެ ފުރަތަމަ އަދަދުގެ ފުރަތަމަ ޞަފްޙާގައި ޢަރަބި ބަހުން ލިޔެފައިވާ ލިޔުމުގެ ތަރުޖަމާއަކީ "މިއީ މަހަކު އެއްފަހަރު ނެރޭ ދީނީ، ސިޔާސީ، އަޚްލާޤީ، ތަޢުލީމީ، އިޤްތިޞާދީ، ތާރީޚީ، މަޖައްލާއެކެވެ. އަދި މިމަޖައްލާ ގޮވާލަނީ އިސްލާހަށް ކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށެވެ."

އެ މަޖައްލާގެ ފުރަތަމަ އަދަދުގައި 54 ޞަފްޙާ އެކުލެވިގެން ވެއެވެ. ދިވެހިރާއްޖެ އާއި، ބޭރުދުނިޔޭގެ ތަފާތު ލިޔުންތަކާއި، ޚަބަރުތައް ހިމަނާފައިވެއެވެ. މަހަކު އެއްފަހަރު ނެރުމަށް ހަމަޖައްސާފައިވާ މަޖައްލާގެ ފުރަތަމަ އަދަދުގައިވާ ގޮތުން އެއް އަހަރު ދުވަހުގެ އިޝްތިރާކަކީ 8.84 ރުފިޔާ އެވެ. ހަމަހަށް 4.27 އަދި އެއް އަދަދަށް 96 ލާރި އެވެ. އަލްއިޞްލާޙުގެ 8 އަދަދު ނެރެވުނެވެ. ރާއްޖޭގައި ނެރެވުނު ގިނަ ނޫސް މަޖައްލާތައް ވަޅުލެވިފައިވާ ސަހަރާގައި އެންމެ ދުވަސްވީ މަހާނައަކީ އެއީއެވެ.