ތ. ވޭމަންޑޫ "ދިރުން-4" ކިޔާ މަސް ދޯންޏެއް ބިންދައިގެން ގޮސްގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ތ. ކިނބިދޫއާއި 4 ނޯޓިކަލް މޭލު ބޭރުން 13 މީހުނާއެކު ދަތުރު ކުރި މި މަސްދޯނި ބިންދައިގެން ދިޔަ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

Ad
rt

އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ތިބީ 11 ދިވެހިންނާއި ދެ ބިދޭސީއެއް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

އެ ދޯނި ބިންދައިގެން ދިޔަ ނަމަވެސް އަޑިކަށް ނުދެ އެވެ. އެހެންވެ ފަޅުވެރިން ތިބީ ދޯނި މަތީގަ އެވެ.

ބިންދައިގެން ދިޔަ މި މަސްދޯންޏަކީ 91 ފޫޓުގެ މަސްދޯންޏެކެވެ. މިހާދިސާ އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 7:10 ހާއިރުއެވެ.

އެ ދޯނީގެ ވެރިފަރާތުން މިހާރު ގެންދަނީ ދޯނި ކަފު ޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.