ހައްޤުވާ މިންވަރު ނުލިބޭ ބިދޭސީން، ބައެއްގެ ބޮޑު އިހުމާލެއް

255538_3_3446e57da2336464d0dbfd50f9c25e1c188c60bd_large

ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައެވެ. ޤަވައިދުތަކާއި ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ނުޤަވައިދުން ޤައުމުގައި އުޅޭ ބިދޭސީންގެ މައްސަލަތަކެވެ.

ބިދޭސީ މަސައްކަތްތެރިންނަށް މުސާރަނުދޭ ވާހަކައަކީ ހަމައެކަނި މިއަދު ފެންމަތިވެގެން އުޅޭ ވާހަކައެއް ނޫނެވެ. މިއީ ދިގު މާޒީއެއް އޮތް އެންމެން ވެސް ދަންނަ ވާހަކައެކެވެ. ނުވިތާކަށް ކޮންމެ އިންތިޚާބަކާއި ގުޅޭ ސިޔާސީ ވައުދެއްވެސްމެއެވެ. ޤައުމުގެ ފައިސާވެރިންގެ ތެރޭގައްޔާއި، ޤައުމުގެ ކަމުވޮށިގެންވާ މަޤާމުތައް ފުރުއްވާ ބޭބޭފުޅުންގެ ތެރޭގައިވެސް، ބިދޭސީ މަސައްކަތްތެރިން ލައްވައި ބުރަ މަސައްކަތް ކުރުވާފަ މުސާރަ ނުދީ އުޅޭ މީހުން އުޅޭކަމީ އެންމެން ދަންނަ ހަޤީޤަތެވެ.

މައްސަލައެއް ކުރިމަތިވެ އެ މައްސަލައެއް ނުފެންނަ ކަމަށް ހަދާލައިގެން ނުވަތަ އެ މައްސަލައެއް ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލެވިއްޖެނަމަ، ދެން އެންމެ ފަހުން އެ މައްސަލައެއް ހައްލު ނުކުރެވޭ ދަރަޖައަށް ދާނެކަމީ ކަން ހިނގާނެ ގޮތެވެ. ބިދޭސީންނަށް މުސާރަ ނުދީ ބުރަމަސައްކަތް ކުރުވާ މައްސަލައަށް ވެސް ވެފައި މިވަނީ ހަމަ މިދެންނެވި ގޮތަށެވެ.

މި މަޢުޟޫގައި ވާހަކަ ދައްކާނަމަ ވިސްނަން ޖެހޭނޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. ފުރަތަމަ އަމިއްލަ ނަފްސާމެދު ވިސްނާށެވެ. ތިބާ އަދާކުރާ ވަޒީފާގެ މުސާރަ ނުލިބި އެންމެ މަހެއް ހޭދަވިޔަސް ތިބާގެ ހާލަކީ ކޮބައިތޯއެވެ؟ ތިބާގެ ޒިންމާގެ ދަށުގައިވާ ތިބާ ޚަރަދުކުރަން ޖެހޭ ތިމާ އެބަޔަކުދެކެ އިންތިހާއަށް ލޯބިވާ މީހުންގެ ހާލަކީ ކޮބައިތޯއެވެ؟ ތިބާއަށް ދިރިއުޅެނީ އަމިއްލަ ޤައުމުގައި ކަމުގައި ވުމުން ތިބާގެ ޢާއިލާގެ މީހުންނާއި އަދި މި ނޫންވެސް ތިބާއައި އަޅާލާނެ ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މި ޤައުމުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތު މިއާއި މުޅިންތަފާތެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަންނަނީ ޤައުމުގައި މަސައްކަތްކޮށްގެން އެބައި މީހުންގެ ޢާއިލާތަށް ބެލެހެއްޓޭނެފަދަ ވެސް ނެތުމާއި އެކު އެބައި މީހުން ގެންގުޅޭ ބައެއް އަގުބޮޑު މުދާތަށް ވިއްކާލުމަށްފަހު ނުހަނު ފޮނި އުންމީދުގައެވެ. މައިންބަފައިންނާއި އަނބިދަރިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދީ ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނިޔަތުގައެވެ.

ނަމަވެސް ކަންހިނގަނީ ވަރަށް ވެސް ހިތާމަހުރި ގޮތަކަށެވެ. ފުރަތަމަ ވެސް އެ މީހުންނާއި ކުރިމަތިލާން ޖެހެނީ އިންސާނީ ވަގުވިޔަފާރީގެ ދަންތުރަތަކާއެވެ. ކުރާބުރަ މަސައްކަތަށް ކަނޑައެޅިފައި އޮންނަ ކުޑަ އުޖޫރަވެސް ގިނަފަހަރު އޮންނަނީ ނުލިބިފައެވެ. އެއްމަހު މުސާރަ ލިބިއްޖެނަމަ ކުރިއަށް އޮންނަ ދެމަހު މުސާރަ ނުލިބެއެވެ. ނުވަތަ ވިދިވިދިގެން ހަމަހު މުސާރަވެސް ނުލިބި މަސައްކަތް ކުރަން ޖެހެއެވެ.

ވިސްނާށެވެ. އެބައި މީހުންގެ ދަށުގައި ވެސް ޚަރަދު ދޭންޖެހޭ އެތައްބަޔަކު ތިބޭނެއެވެ. މުސާރަ ނުލިބޭނަމަ އެކަންކަން ހަމަޖައްސާނީ ކިހިނަކުން ހެއްޔެވެ. މައިންބަފައިންނާއި އަނބިދަރިން ކާނެފަދަ ނެތި އެ ޝަކުވާ އަޑުއިވޭނަމަ ދެން ކުރިމަތިވެގެން އަންނާނެ ހާލަތާމެދު ވިސްނާލާށެވެ. ރުންކުރުވުމާއި ރުޅިގަދަނުވާނެ ހެއްޔެވެ؟އަތުންފައިން ގޯސް ހެދޭދަރަޖައަށް ނުދާނެ ހެއްޔެވެ؟ އެއީވެސް އެހެން މީހުންފަދައިން އިހުސާސްތަކެއްވާ ބައެކެވެ. މި ދަރަޖައަށް ކަންތައްތައް ދިޔަނަމަވެސް އެބައި މީހުންނަށް އަޅާލާނެ އެބައި މީހުންގެ ޢާއިލާ މީހުންނެއް ނުވަތަ އަވައްޓެރިންނެއް މިތާކު ނެތެވެ.

ކުންފުނިތައް ހަދައި ބޮޑެތި ޕްރޮޖެކްޓްތައް ނަގައި އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ކުންފުނީގެ މުވައްޒަފުން ލައްވާ ބުރަ މަސައްކަތް ކުރުވާފައި މުސާރަ ދޭން ޖެހުމުން އެކަމުގެ ބަހަނާދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. ބަޔަކުލައްވައި މަސައްކަތެއް ކުރުވާނަމަ އެކަމެއް ކުރުވަން ވާނީ އުޖޫރަދެވޭނެ ނަމައެވެ. އެވަރު ނުވާނަމަ އެކަން ކުރިއަށް ގެންދިއުމަކީ ގޯހެކެވެ. އެކަމުގެ ސަބަބުން އެ އަރައި ގަނެވެނީ އެތައް ބައެއްގެ ހައްޤުތަކަށެވެ.

މުސާރަނުދީ މަސައްކަތް ކުރުވުމަކީ ދީނީގޮތުން ބެލިނަމަވެސް ވަރަށްބޮޑު ގޯހެކެވެ. އަނެކާގެ ހައްޤައް އަރައިގަތުމަކީ ވަރަށް ވެސް ބޮޑު ނުރައްކަލެކެވެ. ތިމާ ކިތަންމެ ވަރަށް ހެޔޮއަމަލުކޮށް ތަޢުބާވި ނަމަވެސް އެހެން މީހެއްގެ ހައްޤު އަދާނުކުރާހާ ހިނދަކު އެކަން ފިލައިގެން ނުދާނެއެވެ. އެއީ ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވެ ދިޔަ މީހެއް ނަމަވެސް މެއެވެ. ކަމުގެ ނުރައްކާކަމާމެދު ޤާފިލުވުމަކީ ކިހައި ބޮޑު މަގުފުރެދުމެއްތޯއެވެ.

މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާފައި މުސާރަ ނުދިނުމަކީ ދިވެހި ރާއްޖޭގެ ޤާނޫނުތަކާވެސް ޚިލާފުކަމެކެވެ. މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާނަމަ ދޭސީއަކަށް އަދި ބިދޭސީއަކަސް ހައްޤުވާ މިންވަރު ދޭން ޖެހޭނެއެވެ. އެކަމުގައި ނަސްލެއް ކުލައެއް އަދި ވަކި ޤައުމަކަށް ނިސްބަތް ވުމަކުން ތަފާތެއް ނުކުރެވޭނެއެވެ.

ދިވެހިރާއްޖޭގައި ބިދޭސީންގެ މައްސަލަ މި ދަރަޖައަށް ދިއުމުގައި ފުރަތަމަ އިހުމާލުވީ ބަޔަކީ ދިވެހީންނޭ ބުނުމަކީ އެންމެ ރަނގަޅު ބުނުންކަމުގައި އަޅުގަނޑު ދެކެމެވެ. މިއަދު މި ދެކެމުންދަނީ އެ ދުވަހު ބިދޭސީން އެކި ނަންނަމުގައި އެތެރެކޮށް ކޮރަޕްޝަންގެ ފައިސާއިން މި ޒިންމާތަކާއި  ހަވާލުވެ ތިއްބެވި ފަރާތްތަކުގެ ޖީބުތައް ބޮޑުކުރުމުގެ ނަތީޖާއެވެ. ހައްދެއް ހުދޫދެއް ނެތި ޤައުމަށް ނުކަތާވަރަށް އެކިއެކި ނަންނަމުގައި ބިދޭސީން އެތެރެވެފައި ވަނީ މި ދިވެހި ފަސްގަނޑަށް އުފަން ދިވެހީންގެ އިހުމާލުންކަން މިއީ ޤަބޫލުކުރަންޖެހޭ ހިތި ހަޤީޤަތެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ހައްޤު އުޖޫރަނުދީ މަސައްކަތް ކުރުވާކަން، ނުދަންނަ  މުއްސަސާއެއް ނުވަތަ ނުދަންނަ މީހަކު ރާއްޖޭގައި ނޫޅޭއިރު އެކަންކަން ބެލުމަށް މަތިކޮށްފައިވާ މުއައްސަސާތަކުން އެކަމަށް ބީރުކަންފަތެއް ދީފައި އޮތްއޮތުމަކީ ހިތާމަހުރި ކަމެކެވެ. ކޮންމެ ކަމެއް ހައްލު މުޒާހަރާކޮށްގެން ހޯދަންޖެހޭ ދަރަޖައަށް ދާނަމަ ޒިންމާތަށް މަތިކޮށްފައިވާ މުއައްސަސާތަކުގެ ޒިންމާއަކީ ކޮބައިތޯ މިއީ ގިނަބަޔަކު ކުރަމުން އަނަން ސުވާލެކެވެ؟

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *