ފުރަބަންދުގައި އާއިލާތަކާ ވަކިން ގައުމީ ހިދުމަތުގައި ފުލުހުން ދެއްކި ސާބިތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު ފުލުހުންނަށް ޝުކުރު އަދާ ކުރެއްވީ، އިއްޔެ ހަވީރު ދިވެހި ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށްޓަށް ޒިޔާރަތްކުރައްވައި، ފުލުހުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
ފުލުހުންނާ މުހާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ފެށުނީއްސުރެ ކޯވިޑް-19 އާ ދެކޮޅަށް ފުލުހުން އަދާކުރި ދައުރު ފާހަގަ ކުރެއްވިއެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ކޯވިޑް-19 އާ ދެކޮޅަށް މިއަހަރު ފެށުނީއްސުރެ އެންމެން އެކުގައި ކުރަމުންދާ މަސައްކަތުގައި ދިވެހި ފުލުހުން އަދާކުރީ، އަދި މިހާރުވެސް އަދާކުރަމުން އަންނަނީ، ވަރަށް މުހިންމު ދައުރެއްކަމަށާއި، އެއީ ދިވެހި ކޮންމެ ރައްޔިތަކުވެސް ހެޔޮހިތުން ބަލައިގަންނާނެ މަސައްކަތެއްކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ކޯވިޑް-19 ގެ ތެރޭގައި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ޢާންމު ރައްޔިތުން ގޭގައި ތިބި އިރު، މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އަދި ރައްޔިތުންގެ ގެދޮރާއި މުދާ ޙިމާޔަތް ކުރުމުގައި، ފުރާނަ އަތްމައްޗަށް ލައިގެން، ޢާއިލާއާއި ވަކިން، ފުލުހުން ކުރެއްވި މަސައްކަތަކީ، އަގުކުރެވޭ ވަރަށް ވުރެ މާމަތީ، މާ އަގުބޮޑު މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.
ކޯވިޑް-19 ގެ އުނދަގޫ ޙާލަތުގައި ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި، ފުލުހުންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން ފާހަގަކުރައްވާ، ރައީސް ވަނީ އެކަމަށް ޝުކުރުވެރިވާކަމުގައި ވިދާޅުވެފައެވެ.
އިތުރަށް ރައީސް ދެއްކެވި ވާހަކަ ފުޅުގައި، މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން އުޅެމުންދިޔަ ބިދޭސީން އެކި ތަންތަނަށް ބަދަލުކުރުމަށް ފުލުހުން ކުރި މަސައްކަތަށް ސާބަސްދެއްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމާއި ކޯވިޑާ ގުޅިގެން ކުރެވުނު ހުރިހާ ބާވަތެއްގެ މަސައްކަތެއްގައި ފުލުހުން ބައިވެރިވެފައިވާކަމުގައި ވިދާޅުވިއެވެ.
އޭގެ އިތުރުން މި ނުރައްކާތެރި ހާލަތުގައި ވެސް ފުލުހުންގެ ގައުމީ ވާޖިބު އަދާކުރައްވާފައިވާ ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ހުރިހާ ފުލުހުން ޝާމިލުވާގޮތަށް ދިވެހި ރައްޔިތުންގެ ނަމުގައި ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ފުލުހުންގެ ޝިއާރަކީ ހިމާޔަތްކުރުމާއި ހިދުމަތް ކުރުން ކަމަށާ އަދި އަމަލީގޮތުން ފުލުހުން ސާބިތުކޮށްދެމުންދަނީ އެ ޝިއާރުގެ މަތީގައި ދިވެހި ފުލުހުން ދެމިތިބިކަން ކަމުގައެވެ.
ރައީސް ޞާލިޙް ރޭ ވަނީ ދިވެހި ސިފައިންނާއިވެސް ބައްދަލުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!