ރާއްޖެއިން ކޯވިޑް-19 ބަލީގައި 11 ވަނަ މީހަކު މަރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިފަހަރު މިބަލީގައި މަރުވެފައި ވަނީ އުމުރުން 38 އަހަރުގެ އިންޑޮނޭޝިއާ ރައްޔިތެކެވެ. މިމީހާ މަރުވެފައި ވަނީ މިރޭ 9:47 ހާއިރުގައި ކަމަށާއި، އެ މީހާއަކީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައި އޮތް އިންޑޮނޭޝިއާގެ ފިރިހެނެއް ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މީގެކުރިން ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ ފަސް ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ޕިލިޕީންސްގެ މީހެކެވެ. މިރޭ މަރުވި މީހާއާއި އެކު ރާއްޖެއިން ކޯވިޑް -19 ޖެހިގެން މަރުވި މީޙުންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.
ރޭވެސް މިބަލީގައި ރާއްޖެއިން ވަނީ މީހަކު މަރުވެފައެވެ. ރޭ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް11) ގައި ފަރުވާ ދެމުން ދިޔަ އުމުރުން 92 އަހަރުގެ ދިވެއްސެކެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 2400 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 1969 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. މިވަގުތު މިބައްޔަށް ފަރުވާކުރެވެމުން ދަނީ 415 މީހުންނަށެވެ.
ނޯޓު: މިރޭ ކޯވިޑް-19 ބަލީގައި ރާއްޖެއިން، 11 ވަނަ މީހަކު މަރުވެއްޖެ މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް އެޗްޕީއޭއިން ވަނީ ފަހުން ބުނެފައެވެ. މިރޭ 12 ޖެހި އިރު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން ކޯވިޑް ބަލީގައި އިންޑޮނޭޝިއާ މީހަކު މަރުވިކަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެމީހާ މަރުވެފައި ވަނީ ކެންސަރު ބަލީގެ ސްޓޭޖު 4 އަށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!