ތިލަދުންމަތީގެ އަޑު އިނގިރޭސި ބަހުން އިއްވުމަށް "ތިލަދުން" ނޫހުގެ ކުޑައިގެ ދަށުން ނެރޭ އިނގިރޭސި އެޑިޝަން ފަރުމާކޮށް މިއަދުން ފެށިގެން، އިނގިރޭސި ޚަބަރުތަކާއި ރިޕޯޓްތައް ގެނެސްދޭން ފަށައިފި އެވެ.

ތިޔަ އެންމެހާ ކިޔުންތެރިންނަށްވެސް "ތިލަދުން" ނޫހުގެ ކުޑައިގެ ދަށުން ނެރޭ އިނގިރޭސި އެޑިޝަން އަށް މަރުޙަބާ ކިޔަމެވެ.

Ad
rt

"ތިލަދުންމަތީ ޓައިމްސް" ގެ ނަމުގައި ނެރެންފެށި މިވެބްސައިޓްގައި ދިވެހި ބަހުން ލިޔެފައި ހުންނަ ޚަބަރުތައް އިނގިރޭސިބަހަށް ތަރުޖަމާކުރުމުގެ ބަދަލުގައިި، އިނގިރޭސި ބަހުން އޮރިޖިނަލް ކޮންޓެންޓް ތައްޔާރުކުރުމަށް "ތިލަދުންމަތީ ޓައިމްސް" ހިންގާނީ "ތިލަދުން" ގެ ނިއުސް ރޫމާ ވަކިންނެވެ. ބޮޑު ތިލަދުންމައްޗާއި ރާއްޖޭގައި ހިނގާ ކަންކަމުގެ ތަފްސީލީ ޚަބަރުތަކާއި ޚާއްސަ ރިޕޯޓުތަކާއި ދަތުރުފަތުރު އަދި ވިޔަފާރި އާއި ފަތުރުވެރިކަމުގެ އިތުރުން ކުޅިވަރު ޚަބަރުތައް އިނގިރޭސި ބަހުން ގެނެސްދޭނެ އެވެ.

މި ނޫސް ޑިޒައިންކުރުމުގައި ބަލާފައި ވާނީ ކިޔުންތެރިންނަށް ވީހާ ވެސް ފަސޭހައިން މޮބައިލް ފޯނާއި ކޮމްޕިއުޓަރުން ވެސް ކިޔައިލެވޭ ގޮތަށެވެ.

މިދިޔަ މަހު "ތިލަދުން" އިން ވަނީ ރައްޔިތުންގެ މަޖިލީހުން ނިންމި މުހިންމު ބިލްތަކަށް ތިލަދުންމަތީގެ މެންބަރު ވޯޓުދިން ގޮތާއި މަޖިލީހުގައި މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ޚަބަރުތައް ފަސޭހައިން ބަލާލެވޭނެ ހެން “މަޖިލިސް ވޮޗް”ގެ ނަމުގައި ސެގްމެންޓް އެއް ތަޢާރަފްކޮށްފައެވެ. "މަޖިލީހުގައި ތިލަދުންމަތި" މި ޝިޔާރުގެ ދަށުން ގެނެސްދޭ މި ބައިގައި ހިމަނާލެވިފައިވާނީ ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ހއ، ހދ، ށ އަތޮޅުގެ ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން އެކިއެކި ބިލްތަކާއި މައްސަލަތަކުގައި ވޯޓުދިން ގޮތުގެ ތަފްސީލެވެ. އަދި އެ މެންބަރުން ސާމިލްވެ ވަޑައިގަންނަވާ މަސައްކަތްޕުޅުތަކާއި ތިލަދުންމަތީގެ މެންބަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީތައް ފެންނަން ހުންނާނެއެވެ. މިބަޔަށް ޒިޔާރަތް ކުރެއްވުމަށް މެއިން މެނޫގައިވާ “މަޖިލިސް” ޓެބް އިން ނުވަތަ www.thiladhun.com/majilis ޖެއްސެވުމުންވެސް ވަދެވޭނެއެވެ.

އިނގިރޭސި ވެބްސައިޓުގެ އެޑްރެހަކީ https://thiladhunmathitimes.com އެވެ. ޓުވިޓަރ އައިޑީއަކީ https://twitter.com/thiladhuntimes އަދި ފޭސްބުކް ޕޭޖް އަކީ https://www.facebook.com/ThiladhunmathiTimes/ އެވެ. މިވެބްސައިޓުގައި ގެނެސްދޭ އެންމެ ފަހުގެ ޚަބަރާއި ރިޕޯޓްތައް މީސްމީޑިޔާގެ މިމަންސަ ތަކުން ލިބިވަޑައިގަންނަވާނެއެވެ.

"ތިލަދުން" އަކީ ތިލަދުންމަތީގެ ޒުވާނުންތަކެއް އިސްނަގައިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުން އަންނަ އޮންލައިން ނޫހެކެވެ.