•  
  •  
  •  
  •  
  •  
  •  
  •  

މައްކާގައިވާ ކަޢުބަތުﷲ ގެފުޅު ފެނުމުން ރަސޫލާ އާއި އަސްޙާބުންގެ ޒިކުރާތައް އާވެގެން ދެއެވެ. އަދި މިޞްރާބުގައިވާ އަރާމްތައް ފެނުމުން ފިރުޢައުނު ތަކުގެހައިބަތާއި ޤަދަރު ހާމަވެ އެދުވަސްވަރު މިސްރު މީހުންގެ މަސައްކަތްތެރިކަން ހުރި މިންވަރު ވަޒަން ކުރެވިގެން ދެއެވެ. ހަމަ މި ބީދައިން އަޅުގަނޑުމެންގެ ރާއްޖޭގައިވާ އާސާރީތަންތަން ފެނުމުން ކާބަފައިންގެ މަސައްކަތްތެރިކަން ހާމަވެ އެމީހުންގެ ދިރިއުޅެމާއި އާދަކާދަ އަދި ސަޤާފަތް ހުރި ނެތް ގޮތް ވަޒަން ކުރެވިގެން ދެއެވެ. މިގޮތުން ރާއްޖޭގައިވާ މިފަދަ އާސާރީތަންތަނުގެ ނިސްބަތުން ވަރަށް ގިނަ ތަންތަން އަޅުގަނޑުގެ އަތޮޅު، ހއ. އަތޮޅުގައި އެބަހުއްޓެވެ.

މިގޮތުން ހއ. އަތޮޅުގައިވާ އާސާރީ ތަންތަން ހުރި ތަންތަނަށް ބަލާއިރު އުތީމަކީ އެތަނެއްގައި ތާރީޚީ އާސާރުތަކެއް ހިމެނޭ މުހިއްމު އެއް މަރުކަޒެވެ. މީލާދީން 1573 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމާ ކުޅެލި ނުބައި ޕޯޗުގީޒުންގެ އަނިޔާވެރި ވަކިތަކުގެ ދަށުން ރާއްޖެ ސަލާމަތްކޮށްދެއްވި އުތީމު ތިން ބެއިންގެ އާއިލާ ގެކޮޅު އުތީމުގައި ވާކަމީ އެކަމުގެ ދަލީލެކެވެ. އުތީމު ގަނޑުވަރުގެ ނަމުން މަޝްހޫރުވެފައިވާ މި ގެކޮޅަކީ އެ މަތިވެރި މުޖާހިދުން ދިރިއުޅުއްވި ގެކޮޅެވެ. މިހާރު ރާއްޖޭގައިވާ އެންމެ ގިނަ ދުވަސްވީ ގެ ކަމުގައިވާ މި ގެކޮޅަކީ އެބޭފުޅުންގެ މަތިވެރި ޖިހާދުގެ ހަނދާން އާކޮށްދޭ އުޖާލާ ވިދުވަރެކެވެ. މީލާދީން 16 ވަނަ ޤަރުނުގައި އަޅުއްވާފައިވާކަމަށް ލަފާކުރެވޭ މި ގެކޮޅުގައި އެބޭފުޅުން ހެވިކަމަށް ގެން ގުޅުއްވި ބައެއް ތަކެތީގެ އިތުރުން އެދުވަސްވަރުގެ ވަރަށް ގިނަ ތަކެތި ރައްކާ ކުރެވިފައި އެބަހުއްޓެވެ.


‏އުތީމު ކަނދުވަލު މިސްކިތް – ބޭރު
ފޮޓޯ: ނާޖިޙު

އުތީމު ގަނޑުވަރުގެ އިތުރުން އެ މިސްކިތެއްގެ ކައިރީގައިވާ ޤަބުރުސްތާނު ގައި ބޮޑު ތަކުރުފާނުގެ ބައްޕާފުޅުގެ އުތީމު ކަޅު ޢަލީ ޚަތީބު ތަކުރުފާނުގެ މަހާނަ ފުޅުވާ ކަނދުވަލު މިސްކިތަކީވެސް އުތީމުން ފާހަގަ ކޮށްލެވޭ އާސާރީ ތަނެކެވެ. މި މިސްކިތަކީ ބޮޑު މިސްކިތެއް ނޫން ނަމަވެސް ވަރަށް މޮޅަށް ފަރުމާކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތުގެ ތަނބުތަކުގަ އާއި ފާރުތަކުގައި އަޢޫޛު ބިސްމި އަދި ޤުރުއާނުގެ އާޔަތްތަކުގެ އިތުރުން ހަތް ސުވަރުގޭގެ ނަމާއި ތުންޖީނާ ޞަލަވާތް ފަދަ ތަކެތި ލިޔެފައި ހުރެއެވެ. އަދި މި މިސްކިތުގެ ކައިރީޤައި ކަނޑައެޅިގެން ކޮންބޭފުޅެއްގެ ޒިޔާރަތެއްކަން. ނޭނގޭ ޒިޔާރަތެއްވެސް އެބަހުއްޓެވެ. ކަނދުވަލު މިސްކިތާއި އުތީމު ގަނޑުވަރުގެ ވާހަކަ ބަޔާން ކުރާއިރު އުތީމުގެ “ދޫނިތުނޑި” ކިޔާ ސަރަޙައްދުގެ ކައިރީގައިވާ ބަޑިފަސްގަނޑާއި އެރަށުގައި ހިމާޔަތްކުރެވިފައިވާ ކާނި ގަހުގެ ވާހަކަ އަކީ ވެސް ދޫކޮށްލައިގެން ވާނެ ވާހަކަ އެއް ނޫނެވެ. ބަޑިފަސްގަނޑަކީ ބޮޑުތަކުރުފާނު އަމާޒަށް ބަޑި ޖައްސަވަން ދަސްކުރެއްވި ފަސްގަނޑެއް ކަމުގައި ކިޔާއުޅެއެވެ. އަދި ހިމާޔަތް ކުރެވިފައިވާ ކާނިގަހަކީ ފޭރާން ކުރައްވަން މުޙައްމަދު ތަކުރުފާނު ޖެއްސެވީ ދެ ވަޑައިގެ ތެރެއިން ކަޑައެއް ކަމުގައި ބުނެވެއެވެ.

ބޮޑުތަކުރުފާނު ފޭރާންވިޔަން ޖެއްސެވި ކަޑައިން ހެދިފައިވާކަމަށް ބުނާ ކާނިގަސް

ބާރަށަކީ ވެސް ރާއްޖޭގެ ތާރީޚު އެރަށަކާ ގުޅިފައިވާ ރަށެކެވެ. މިގޮތުން އެރަށުގައިވާ ތިން ބެރެބެދި ކިޔާ ސަރަޙައްދަކީ ފާހަގަ ކޮށްލެވޭ ތިންބެއިން ޕޯޗުގީޒުންނާ ކުރެއްވި ހަނގުރާމާގައި ބޭނުންފުޅު ކުރެއްވި އޮޑި “ކަޅުއޮށްފުންމި” ވަދެ ނިކުމެވީތަނެވެ. މިތަނުގެ އިތުރުން ކަޅުއޮށްފުންމި ބެންނެވި ދުވަސްވަރު އެބޭފުޅުން ދެލި އުނބަށް ފެންޖަހަން ބޭނުންފުޅު ކުރެއްވި ދެ ވަޅުވެސް އާސާރީ ތަންތަނުގެ ގޮތުގައި ބާރަށުގައި އެބަހުއްޓެވެ.

ކަޅުއޮށްފުންމި ބެންނެވި ތަނުގައި ދެލިއުނބަށް ފެންޖެހިކަމަށް ބުނާ ވަޅު ( އާސާރީ ވަޅު ) ހއ. ބާރަށުގައި

ކަޅުއޮށްފުންމީގެ ރިޔާ (ފަނު ރިޔާ) ހެއްދެވުމަށް އެބޭފުޅުން ޖެއްސެވި ކަޑަތަކުގެ ތެރެއިން ކަޑައެއް ކަމުގައި ބުނެވޭ ދުވަސްވީ ކާނި ގަހަކީ ވެސް ބާރަށުން ފާހަގަ ކޮށްލެވޭ އާސާރެކެވެ. މިއަތޮޅު ތަކަންދޫގައި ހުންނަ އަލިތަކުރުފާނުގެ ޒިޔާރަތަކީ ވެސް މިއަތޮޅުގައިވާ އާސާރީތަންތަނަށް ބުރަދަނެއް ގެނުވައިދޭ ތަނެކެވެ.

ބާރަށުގައި ހުރި ޒަމާންވީ ކާނިގަސް

ބޮޑުތަކުރުފާނުގެ ޖިހާދުގައި ބައިވެރިވެ ފުރާނައިން ޤުރުބާންވި އަލިތަކުރުފާނުގެ މި ޒިޔާރަތުގެ އިތުރުން އެރަށު ކުޑަ މިސްކިތުގެ ހަރިންމަ ތެރޭގައިވާ ޤަބުރުސްތާނުގައި ވަށައިގެން ގާ ޖަހާފައިވާ ހަތަރު މަހާނަ އަކީ ވެސް އާސާރީތަނެއްގެ ގޮތުގައި ބެލެވުމުންދާ ތަނެކެވެ. މި މަހާނަ ތަކަކީ އެދުވަސްވަރު މަޢުލޫދު ހަރުގޭގައި ފޮތި ދަމާން އުޅުނު މީހުންގެ މަހާނަތަކެއް ކަމުގައި ދޫދޫ މަތިން ކިޔާ އުޅެއެވެ.

ހއ. ކެލާގައިހުރި ތާރީޚީ މިސްކިތް

ކެލަޔަކީ ވެސް މި އަތޮޅުން ފާހަގަ ކުރެވޭ އާސާރީތަންތަން ހުރި ރަށެކެވެ. މިގޮތުން ކެލާސް ނެގި ވަޅު ގަނޑާއި އެރަށު އާސާރީ މިސްކިތް އަދި ބަޑިގޭގެ ފާރަކީ އެރަށުގައިވާ އާސާރީ ތަންތަނުގެ ގޮތުގައި ފާހަގަކުރެވޭ ތަންތަނެވެ. ބަޑިގޭގެ ފާރަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ކެލަޔަށް އިނގިރޭސިން ފައިބާ އުޅުނު ކަމުގެ ހެއްކެކެވެ. އަދި ފާޚާނާ ނަރުދަމާ ނިޒާމު މޫދު ގުޅިފައިވާ ގާފޮޅަކީވެސް އެ ރަށުގައިވާ އިނގިރޭސީން ފައިބާ އުޅުނު ކަމުގެ އަސަރުތައް ދައްކުވައިދޭ ތަނެކެވެ. އަދި ކެލާގެ އާސާރީ މިސްކިތުގެ ޤަބުރުސްތާނުގައިވާ މަހާނަ ގައުތަކަކީ ރާއްޖޭގައި ފަރުމާކުރުމުގެ އެފަދަ ދެވަނައެއް ނެތް ތަށް ގައުތަކެއް ކަމުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

ބޮޑުތަކުރުފާނު ބިނާކުރެއްވި މިސްކިތެއް ހުރި ތާނގައި ބިނާކުރައްވާކަމަށް ބުނެދޭ ދިއްދޫ ޢީދު މިސްކިތަކީވެސް މިއަތޮޅުން ފާހަގަ ކޮށްލެވޭ އާސާރީ ތަނެކެވެ. މީގެ އިތުރުން މި އަތޮޅު އިހަވަންދޫގައިވާ ހިރިގަލު މިސްކިތަކީ ވެސް މި އަތޮޅުގައިވާ އާސާރީ މިސްކިތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މިސްކިތެކެވެ. މި މިސްކިތް ފެނިއްޖެނަމަ މިސްކިތް ފަރުމާކުރި ބައެއްގެ މޮޅުކަން ހިތަށް އަރާ ކަމީ މި މިސްކިތް ފާހަގަ ވެގެން ދިޔުމުގެ އެއް އަސްލެވެ. މި މިސްކިތް ބިނާކުރެވި ފައިވަނީ ހިރިގާ ކަނޑާ ނަޤައިގެން އެ ގާތައް ބޭނުން ކޮށްގެންނެވެ.

ހއ. އިހަވަންދޫ އާޘާރީ މިސްކިތް މަރާމާތު ނުކުރާއިރު ފެންނަން ހުރިގޮތް

މި މިސްކިތުގައިވާ މުންނާރަކީ ވެސް މި މިސްކިތުގެ އިތުރުން މޮޅަށް ފަރުމާ ކުރެވި ހެދިފައިވާ އިހަވަންދޫ ގައި ހުރި އާސާރީ ތަނެކެވެ. މި އަތޮޅުގެ އެންމެންގެ ހިތްތަކުގައި މަތީ ‘މަޤާމެއް ދެވިފައިވާ މިއަތޮޅު މަތީ ރަށުގައިވެސް ވަރަށް ފާހަގަ ކޮށްލެވޭ އާސާރީ ތަނެއް ހުރެއެވެ. އެއީ ސައްޔިދު އަލިއްޔުލް މައްކިއްޔާ އޭ ކިޔޭ ބޭފުޅެއްގެ ރަށަށް ލައްގާފައިވާ ފޮއްޓެއްގައިވާ ބޭފުޅެއް ކަމުގައި ބުނެވެއެވެ. މި ފޮށީގައިވަނީ ކޮންބޭފުޅެއް ކަމެއް ފޮށި ހުޅުވައިގެން ނުބަލައެވެ. އެބޭފުޅެއް އެނގުނީ ފޮށީގެ ބޭރުގައި ލިޔެފައިވާ ނަމޫނާ ކަމުގައި ވެއެވެ. އަމީނުގެ ވެރިކަމާ ހަމަޔަށް މިތަން ހުރީ ހިޔާ ނުކުރެވިއެވެ. ނަމަވެސް އަމީނުގެ ވެރިކަމުގައި މިތަންވަނީ ކޮންމެވެސް ގޮތަކުން ހިޔާ ކުރެވިފައެވެ. މިތަނަކީ އިހުގެ މީހުން ނަދުރު ބުނެ އުޅުނު ތަނެކެވެ.

ހއ. ތަކަންދޫގައި ހުންނަ ޢަލިތަކުރުފާނުގެ ޒިޔާރަތް

މީގެ އިތުރުން ވެސް މިއަތޮޅުގައި އުޅޭ އެހެނިހެން ބައެއް ފަޅުރަށް ތަކާއި މީހުން އުޅޭ ރަށްތަކުން ކަށްބިންތަކާއި ހަލާކުވެފައިވާ އާސާރީ ބިނާތަކުގެ ތަންތަން ފެނިފައިވެއެވެ. އޭގެ ތެރޭގައި އުލިގަމާއި ދައްޕަރާއި މުޅަދޫ އަދި ދޮނަކުޅި ހިމެނެއެވެ.
މިހުރިހާ އާސާރީ ތަންތަން މި އަތޮޅުގައި ހުރުމަކީ ހަމައެކަނި މިއަތޮޅަށް އެއިން މަންފާ ކުރާނޭ ކަމެއް ނޫނެވެ.

ހއ. ތަކަންދޫ ކުޑަމިސްކިތު ގޯތިތެރޭގައިވާ ޤަބުރުސްތާން

އެއީ މުޅި މި ދިވެހި ޤައުމަށް ފައިދާ ހުރި ތަންތަނެވެ. މުޅި ދިވެހި އުއްމަތަށް އެތަކެއް ޢިބްރަތްތަކާއި ފިލާވަޅުތައް ލިބިގެންދާ ތަންތަނެވެ. ވީމާ މިތަންތަން މި ގޮތުގައި ރައްކައުތެރިކޮށް ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެން ކުރަން ޖެހޭނެ ކަމެކެވެ. އަޅުގަނޑުމެންގެ ވާޖިބެކެވެ. ވީމާ، އަޅުގަނޑުމެންގެ އަތޮޅުގައި މިފަދަ ތަންތަން ހުރިކަމުގައި ބުނެ ފަޚުރުވެރިވެފައި ތިބުމުގެ ބަދަލުގައި އެ ފަޚުރު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން އެންމެން މަސައްކަތްކުރަމާ ހިނގާށެވެ. ޅެންވެރިޔާގެ ޚިޔާލާ އެއްގޮތަށް ޢަމަލުކުރަމާ ހިނގާށެވެ.

ވާރުތަ ވެގެން މިއައި މޮޅު
ތަރިކައިގެ އަގުވަޒަންކޮށް
އާރުގެ ފެނަށް އެދޭށޭ
ހަނުބުގެ އެފެން ލިބޭ ހިނދު

(ނިމުނީ)

ނޯޓް: މިއީ 2008 ވަނަ އަހަރުގެ މަޒުމޫނު ލިޔުމުގެ ޒޯން މުބާރާތުން އެއްވަނައަށް ދިޔަ ހއ. އިހަވަންދޫ މަދަރުސާ ގެ ދަރިވަރު އައިމިނަތު ޢަބްދުﷲ ލިއުއްވައިފައިވާ “އަޅުގަނޑުގެ އަތޮޅުގައި ހުރި ބައެއް އާސާރީ ތަންތަން” މި މަޒުމޫނެވެ.

މަސްދަރު: ފަތްތޫރަ

ޚިޔާލު

Your email address will not be published.

More in ރިޕޯޓް