މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ.
އަލަށް އުފެއްދެވި އެ މިނިސްޓްރީއަށް މިނިސްޓަރު އަސްލަމް އައްޔަނު ކުރަށްވައި، މަޖިލީހަށް ހުށަހެޅުއްވުމުން މިނިސްޓަރަށް ރުހުން ހޯދުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
އެ ކޮމިޓީން މިނިސްޓަރު އަސްލަމަށް ރުހުންދޭން ފާސްކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.
މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓު ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށް، އުފެއްދެވި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރުކަމަށް މުހައްމަދު އަސްލަމް އައްޔަނު ކުރެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތިން މިނިސްޓަރު ކަމަށް އަލަށް އައްޔަނުކުރާ ފަރާތަކަށް މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!