އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.
މި އެހީއަކީ ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ވެދެއްވި އެހީއެކެވެ. އެގޮތުން އެ ބޭންކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދޭން ނިންމީ 25 މިލިއަން ޑޮލަރުގެ ލޯނަކާއި 25 މިލިއަން ޑޮލަރުގެ ހިލޭ އެހީ ކަމަށެވެ.
މިއެހީތެރިކަމަކީ ކޯވިޑް-19 އާއި ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީތެރިވާން ކަނޑައެޅި 20 ބިލިއަން ޑޮލަރުގެ ޕްރޮގްރާމްގެ ތެރެއިން ދޭ އެހީއެއް ކަމަށް ވެސް އޭޑީބީން ބުނެފައިވެއެވެ.
އެ އެހީގެ ސަބަބުން ރާއްޖޭގެ 05 ސަރަހައްދެއްގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ ނިޒާމް ގާއިމްކޮށް، ޓެސްޓް ކުރެވޭ މިންވަރު ދުވާލަކު 800 އަށް އިތުރު ކުރުމާ އެކު ފަރުވާ ދެވޭނެ އިތުރު ވަސީލަތްތައް ގާއިމްކުރެވޭނެ އެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީވާން ސަރުކާރުން ހިންގާ ޕްރޮގްރާމަށް ވެސް އޭގެ ސަބަބުން އިތުރު އެހީތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކޯވިޑާއި ގުޅިގެން ރާއްޖެއަށް އަންނަނީ ގިނަ އެހީތަކެއް ލިބެމުންނެވެ. މި ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިން ޤައުމުތަކުގެ ތެރެއިން އެމެރިކާއިން ވަނީ ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ. ކެނެޑާއިން ވަނީ 1 މިލިއަން ރުފިޔާ ދީފައެވެ.
ޖަޕާނުން 8.4 މިލިއަން ރުފިޔާގެ އެހީ ދީފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްފް) އިން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދީފައިވެއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ނިންމާފައި ވާއިރު، އަދި އިންޑިއާއިން ވަނީ 150 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފައި އެވެ.
މީގެ އިތުރުން ވޯލްޑް ބޭންކުން ވަނީ 17.3 މިލިއަން ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފައިވެ އެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ކުރިން ވަނީ 600،000 ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފަ އެވެ.
މީގެއިތުރުންވެސް ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގަތުމަށް، ޖަޕާނު ސަރުކާރުން ވަނީ އިތުރު 86.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމައި ރާއްޖެއާއިއެކު މިމަހުގެ 7 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!