ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެއް ސާމާނާއި، އެ ހޮސްޕިޓަލްގައި ޤާއިމް ކުރަމުންގެންދާ މ.ފ.ދ.ތ.ލ ރީޖަނަލް ކޯވިޑް ފެސިލިޓީ އަށް ބޭނުންވާ ގިނަ މެޝިނަރީޒްއާއި އިކުއިޕްމެންޓް ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލަށް ފޮނުވައިފި އެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ‏ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށާއި އެ ހޮސްޕިޓަލްގައި ޤާއިމް ކުރަމުންގެންދާ މ.ފ.ދ.ތ.ލ ރީޖަނަލް ކޯވިޑް ފެސިލިޓީ އަށް ބޭނުންވާ ގިނަ މެޝިނަރީޒްއާއި އިކުއިޕްމެންޓް އިއްޔެ ވަނީ އެ ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށެވެ.

Ad
rt

އޭގެ ތެރޭގައި ޑެންޓަލް ލެބަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ އާއި ކަށީގެ ފަރުވާ އާއި ލޮލުގެ ފަރުވާ އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލެޕެރޮސްކޮޕީ ސެޓު އަދި ކުޑަކުދިންނަށް ހާއްސަ ވެންޓިލޭޓަރު ހިމެނެ އެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލަށް ބޭނުންވާ މުހިއްމު ވަސީލަތްތައް ގެންގޮސްފައި ވެ އެވެ.

މީގެއިތުރުން ގަމު ހޮސްޕިޓަލުގައި ގާއިމްކުރާ ރީޖަނަލް ކޯވިޑް ފެސިލިޓީއަށް ބޭނުންވާ ގިނަ މެޝިނަރީ އަދި އިކުއިޕްމަންޓް ވެސް ފޮނުވާފައި ވެ އެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރާއި ތަނަށް ބޭނުންވާ އެހެން މެޝިންތައް ހިމެނެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރެއިން، އެކި ސަރަހައްދުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތައް އަންނަނީ ތަރައްގީ ކުރަމުންނެވެ.