މިފެށޭ ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަން ފަށާއިރު 37 ރިސޯޓެއް ހުޅުވާނެކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އިން ބުނެފިއެވެ.

ޓީޓީއެމްގައި ވާގޮތުން އުތުރުގެ ހއ. ގައި އޮޕަރޭޓްކުރަމުންދާ ހައިޑަވޭ ބީޗްރިސޯޓު އެންޑް ސްޕާ ހުޅުވާލަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހއ. އަތޮޅުގެ އަނެއް ރިސޯޓުކަމަށްވާ ޖޭއޭ މަނަފަރު ރިސޯޓު ހުޅުވާލަނީ މިއަހަރުގެ އޮކްޓޯބަރު މަހުގައެވެ.

Ad
rt

ހދ. އަތޮޅުގައި އޮންނަ ހަމައެކަނި ރިސޯޓު، ހޮނޑާފުށި އައިލެންޑް ރިސޯޓު އަލުން ހުޅުވާލެ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.

ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން އެއްކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޓީޓީއެމް އިން ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ޖުލައި މަހު 37 ރިސޯޓެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

TRAVELTRADEMALDIVES.COMMaldives To Restart Tourism From 15th July | Here Are The Resorts That Will OpenMaldives will restart tourism and reopen borders for visitors from all nationalities from 15th July 2020, President Ibrahim Mohamed Solih confirmed. Tourists…

މީގެ އިތުރުން އޯގަސްޓްމަހު 15 ރިސޯޓެއް ހުޅުވާލަން ހަމަޖެހިފައިވާކަމަށާއި، ސެޕްޓެމްބަރުމަހު 11 ރިސޯޓެއް އަދި އޮކްޓޯބަރުމަހު 29 ރިސޯޓެއް ހުޅުވަން ހަމަޖެހިފައިވާކަމަށް ޓީޓީއެމްގައި ވަނީ ބުނެފައެވެ.

ރާއްޖެއިން ޖުލައި 15 ވަނަ ދުވަހު ބޯޑަރުތައް ހުޅުވާލާއިރު ކުރިއެކޭ ވެސް އެއްފަދައިން ފަތުރުވެރިންނަށް އޮން އެރައިވަލް 30 ދުވަހުގެ ވިސާ ދޫކުރާނެ އެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެއާޕޯޓުގައި ރެންޑަމްކޮށް ބައެއް މީހުންގެ ސާމްޕަލް ނަގަން ހަމަޖެހިފައިވާ އިރު، ރާއްޖެ އެތެރެވާ އިރު ބަލީގެ އަލާމާތް ހުންނަ މީހުން ޓެސްޓުކުރާނެއެވެ. އަދި އެއާޕޯޓުގައި ތާމަލް ސްކޭނިންގް ނިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާކަން ޢިއުލާން ކުރުމަށް މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 8،50،000 ފަތުރުވެރިން ގެނައުން ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް މިއަހަރު ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން 15 ޖުލައި 2020 ގައި އަލުން ފަށައިގަންނައިރު، ފަތުރުވެރިކަމުގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޢަމަލުކުރަންޖެހޭ “ގައިޑްލައިން ފޮރ ރީސްޓާޓިންގ ޓޫރިޒަމް އިން މޯލްޑިވްސް” އާއި “މޯލްޑިވްސް ޓްރެވަލް އިންފޮރމޭޝަން” 24 ޖޫންގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ޝާއިޢުކޮށްފައެވެ.

މީގެ އިތުރުން މިނިސްޓްރީގެ ސަރކިއުލަރއެއް މެދުވެރިކޮށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށްވެސް “ގައިޑްލައިން ފޮރ ރީސްޓާޓިންގ ޓޫރިޒަމް އިން މޯލްޑިވްސް” އާއި “މޯލްޑިވްސް ޓްރެވަލް އިންފޮރމޭޝަން” އެ މިނިސްޓަރީއިން ވަނީ ފޮނުވާފައެވެ.