ޤަވައިދު ނަންބަރު R-21/2016 "ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ޤަވައިދު 2016 " އަށް ފުރިހަމައަށް އަމަލު ނުކުރާތީ މޯލްޑިސް އެސޯސިއޭޝަން ފޯ އެމްޕލޯއިމަންޓް އެޖެންސީސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
01 އެޕްރިލް 2019 އިން ފެށިގެން ޤަވައިދު ނަންބަރު R-21/2016 "ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ޤަވައިދު 2016 " އަށް އަމަލުކުރަންފައްޓާނެ ކަމަށް ދިވެހި ސަރުކާރުގެ ގެޒްޓްސް ގެ ވޮލިއުމް 47، އަދަދު 218 (31 ޑިސެމްބަރ 2018) ގައި ޝާޢިޢު ކުރުމަށްފަހު އެޤަވާއިދަށް މިއަދާއި ހަމައަށްވެސް ޢަމަލު ކުރުމަށް ފަށާފައިނުވާތީ، އެޤަވާއިދަށް ޢަމަލުކުރުމަށް ފެށުމަށް އެދި މޯލްޑިސް އެސޯސިއޭޝަން ފޯ އެމްޕލޯއިމަންޓް އެޖެންސީސް އިން ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ސިޓިއެއް ފޮނުވާފައެވެ.
މިނިސްޓްރީއަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ އެމްޕްލޯއިމަންޓް އެޖެންސީން ފޮނުވި ސިޓީގައި ބުނެފައިވަނީ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ޤަވައިދު 2016 އަށް ޢަމަލު ކުރަން ފަށާނޭކަމަށް ބުނެފައިވާ ތާރީޚް ފަހަނައަޅާ 1 އަހަރު ފާއިތުވެގެން ދިޔައިރުވެސް އެޤަވާއިދުގެ ހުރިހާ ބައިތަކަށް ޢަމަލުކުރުމުގެ ބަދަލުގައި އިކޮނޮމިކް މިނިސްޓްރީއިން ޢަމަލުކުރަމުން ގެންދަނީ ޤަވާއިދުގެ ވަކި މާއްދާތަކަށް ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާފައިވާ 2008/2 ވަޒިފާއާއި ބެހޭ ޤާނޫނުން ބާރުލިބި ހަދާ، އަދި ގެޒެޓްސް ކުރެވިފައިވާ ނަންބަރު R-21/2016 ޤަވާއިދަކަށް ޢަމަލުކުރަން ވަކި ދުވަހެއް ކަޑައެޅުމަށްފަހު އެޤަވާއިދުގެ ވަކިބަޔަކަށް ޢަމަލުކޮށް ވަކިބަޔަކަށް ޢަމަލު ނުކުރުމަކީ ޤާނޫނީ ޢަދުލުވެރި ވެރިކަމާ ބީރައްޓެހި އަދި އެގޮތަށް ޢަމަކު ނުކުރެވޭނޭ ކަމެއް ކަމުގައި އެ އެސޯސިއޭޝަނުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި މުޅިޤަވާއިދަށް ޢަމަލުކުރުމުގެ ބަދަލުގައި ޤަވާއިދުގެ ވަކި ވަކި މާއްދާތަކަށް ޢަމަލު ކުރުމުން ގިނަ ގުނަ އިޖްތިމާޢީ މައްސަލަތަކެއް ފެންމަތިވެ އެތައްބަޔެއްގެ ހައްޤުތަކެއް ގެއްލެމުންދާކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އެޤަވާއިދުގައިވާ ބުނެފައިވަނީ ރާއްޖެއަށް ރެކުރޫޓް ކުރަންޖެހޭނީ އެޖެންސީތައް މެދުވެރިވެގެން ކަމަށެވެ. ނަމަވެސް މިއަދާއިހަމަށް ބޭނުން ކޮންމެ ފަރާތަކުން ދަނީ ރެކްރޫޓް ކުރަމުންނެވެ. މިއީ އެޖެންސީތަކަށް ޤާނޫނަކުން ލާޒިމުކުރާ ޤަވާއިދަކުން ލިބިދީފައިވާ ހައްޤު ގެއްލޭ ކަމެކެވެ.
އެއްވެސް ހަމައެއް އުސޫލެއް ނެތި ކޮންމެ މީހަކު ރެކްރޫޓު ކުރުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައިމިވަނީ އިންސާނީ ވަގުވިޔަފާރި އާންމުވެ، އެތައް ބިދޭސީނެއް ޤަވާއިދާ ޚިލާފަށް އުޅެންފެށުމެވެ. ހިތާމައަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެ ކަންކަމުގެ އިހުމާލުވެސް މިވަނީ އެޖެންސީތަކުގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް ހަޤީޤަތަކީ ރާއްޖެއަށް އެތެރެވާ ބިދޭސީންގެ 25% ވެސް އެތެރެވަނީ އެޖެންސީ މެދުވެރިވެގެންނޫންކަމެވެ. މިކަމުގެ ރެކޯޑްސް ތިޔަ އިދާރާގައި ހުންނާނެއެވެ.
މޯލްޑިސް އެސޯސިއޭޝަން ފޯ އެމްޕލޯއިމަންޓް އެޖެންސީސް އިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ޤަވާއިދުގައިވާ ގޮތުން އެޖެންސީތަކުގެ ބެލެނިވެރި ފަރާތުން އެޖެންސީތަކުގެ ކަންކަން ބަލަހައްޓާ ޤަވާއިދު ރަނުން ރަނަށް ތަންފީޒު ކުރަންޖެހެއެވެ. ނަމަވެސް އެފަދަ ތަންފީޒުތައް ނުކުރުމުން އެޖެންސީތަކުގެ ހައްޤުގެއްލި ބަޔެއް އެޖެންސީތަކުން ކުރާ ކަންކަމުން ހުރިހާ އެޖެންސީތަކުގެ އަގުވެއްޓި ރައްޔިތުންގެ ނުރުން އެޖެންސީތަކަށާއި ސަރުކާރަށް ވަނީ ކުރިމަތިވެފައިކަމަށާއި ޤާނުނާއި ޤަވާއިދާ ޚިލާފަށް ބަޔެއް އެޖެންސީތަކުން ފާއިތުވި ތަނުގައި ޢަމަލުކޮށްފައި ހުރިކަން މިނިސްޓްރީގެ ރެކޯޑްސްތަކުން ފެންނަން ހުރިއިރު އެފަދަ އެޖެންސީތަކާއި މެދު ޤާނޫނީ ފިޔަވަޅު ނޭޅިތާންގައި އިދާރީ ފިޔަވަޅެއްވެސް ޢަޅާފައެއް ނުވާކަމަށް ބުނެފައިވެއެވެ.
މިގޮތުން އެފަދަ އެޖެންސީތަކަށް މިހާރުވެސް މިނިސްޓްރީއިން ގެންދަނީ ބަރާބަރަށް ޚިދުމަތް ދެމުންކަމަށާއި އެޖެންސީ ލައިސަންސް ހަމަވެފައި ހުރި އެޖެންސީތަކާއި، ޤަވާއިދުގައިވާ ގޮތަށް އޮފީހާއި އެޖެންސީގެ އެހެނިހެން ޚިދުމަތް ތަރުތީބުވެފައި ނެތް އެޖެންސީތަކަށްވެސް ގެންގަނީ ޚިދުމަތް ދެމުންކަމަށްބުނެ އެއީ މިނިސްޓްރީ އިން ރޫލް އޮފް ލޯ ނެގެހެއްޓިފައި ނުވާކަމުގެ ދަލީލެއްކަމަށް ބުނެފައިވެއެވެ.
މިސިޓީގައި އިތުރަށް ބުނެފައިވަނީ އެޖެންސީތަކުގެ ޤަވާއިދަށް ޢަމަލުކޮށް އެޖެންސީތަކާއި ގުޅުން ބަދަހި ކުރެވިފައިވީނަމަ، ކޯވިޑް19އާއި ގުޅިން ބިދޭސީންގެ ސަބަބުން ދިމާވި ޑިޒާސްޓާގައި ލިބުނު ގެއްލުން ކުޑަކުރެވި އެކަމަކަމަށް ދުރާލައި ތައްޔާރުވެވުނުނީސް ކަމުގައި އެ އެސޯސިއޭޝަނުން ދެކޭކަމަށާއި މާލޭގައި ކުދި ކުދި ތަންތަނުގައި ތޮއްޖެހިގެން އުޅެމުންގެންދިޔަ ގިނަ ބިދޭސީންނަނީ އެޖެންސީތައް މެދުވެރިނުކޮށް ކުންފުނިތަކާއި އަމިއްލަފަރުދުން އަމިއްލަޔަށް ރެކްރޫޓްކޮށްފައިވާ ބިދޭސީން ކަމުގައި އެ އެސޯސިއޭޝަނުން ހޯދި ހޯދުންތަކުން ވަނީ އެގިފައިވާކަމަށެވެ. އަދި އެފަދައިން ބިދޭސީން ދިރިއުޅެމުން ދިޔަ ހާލިތަށް މާކުރިންވެސް އެފަރާތަށްވަނީ އައިޑެންޓިފައި ކުރެވިފައިކަމަށާއި ނަމަވެސް އެޖެންސީތަކަކީ މިނިސްޓްރީއިން ނިޒާމުން ގެއްލުވާލާފައިވާ ބަޔަކަށް ވީތީ، މިކަމުގައި އެޖެންސީތަކަށް އެއްވެސް ކަމެއް ނުކުރެވުނުކަމުގައި ބުނެފައިވެއެވެ.
ރާއްޖޭގައި އުޅޭ އަންޑޮކިޔުމެންޓެޑް ބިދޭސީން ހޯދުމަށް މިނިސްޓްރީއިން ފެށި މަސައްކަތަށް އެ އެސޯއިއޭޝަނުން ތާއީދު ކުރާކަން ކުރިން މިނިސްޓަރާއި އެކު ބޭއްވުނު ބައްދަލުވުމެއްގައިވާނީ ފާހަގަކޯށްފައިވީ ނަމަވެސް އެމަސައްކަތް ދަނީ އެ އެސޯއިއޭޝަނުން އުންމީދުކުރިވަރަށް ވުރެ ލަސްކޮށް ދޯހަޅިކޮށް ކަމުގައި ދެކޭކަމަށާއި އެޕްރޮގްރާމް މިސްމެނޭޖްގެ ސަބަބުން އެކި ދިމާލުގައި ލޫޕް ހޯލްތައްހެދި، އާންމުންގެ ނަފްރަތާއި އިތުބާރު ވަނީ ގެއްލިފައިކަމަށް ވަނީ ބުނެފައެވެ.
މިފަދަ ޕްރޮގްރާމެއް ފަށައިގެން ކުރިޔަށްދާއިރު އެޖެންސީތަކުގެ އެއްވެސް ބައިވެރިވުމެއްނެތި މިނިސްޓްރީއިން އަމިއްލަ އަމިއްލަ ކަންކަން ކުރަން އެޅުމުން، ވޯކްލޯޑް ބޮޑުވުމުގެ އިތުރަށް، ކަންކަން ތަރުތީބު ކުރެވިފައި ހުރީވެސް ފަސޭހައިން ބިދޭސީންނަށް ކަންކަން ފަހުމްވާ ގޮތަކަށް ނޫންކަމަށާއި ތަރުތީބުތައް ދިގުލައިގެން ދިޔުމަކީ އެކަންކަމަށް ވޮލަންޓިއަރ ކުރާ މީހުންނާއި އަދި އެކަމުން ނަތީޖާ ލިބިދޭންބޭނުންވާ މީހުން ފޫހިވެ އެކަމާއި ދުރައްދާކަމެއްކަމަށް ވަނީ ބުނެފައެވެ.
އެޖެންސީތަކުގެ ޤަވާއިދަށް ފުރިހަމަޔަށް ޢަމަލުކުރަންފަށައިފައި އޮތްނަމަ މިކަމުގައިވެސް މިޔަށްވުރެ ފަސޭހަ ގޮތްތަކެއް އެޖެންސީތަކާއި ގުޅިގެން މިނިސްޓްރީއަށް ރޭވުނީސްކަމުގައި މިއެސޯސިއޭޝަނުން ދެކެވެ. އެޖެންސީތަކުގެ ޤަވާއިދަށް ފުރިހަމަޔަށް ޢަމަލުކުރަންފެށިއްޖެ ނަމަ ބިދޭސީންނާއި ގުޅޭކަންކަން ޑީސެންޓްރަލައިޒްވެގެން ދާނޭކަމުގައި އަޅުގަޑުމެން ދެކެމެވެ. އެހެނީ އެޖެންސީތަކުން ހުށަހަޅާރިޕޯޓްތަކުން ބިދޭސީންގެ އިތުރު މައުލޫމާއި، އެމްޕްލޯރަރުންގެ އިތުރުމައުލޫމާތު އެނގި މިނިސްޓްރީއަށް މިކަމުގެ ފަސޭހަތަށްވާނެއެވެ.
މޯލްޑިސް އެސޯސިއޭޝަން ފޯ އެމްޕލޯއިމަންޓް އެޖެންސީސް އިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
މިސަރުކާރަކީ ބާރުތަކާއި ކަންކަން ސެންޓްރަލައިޒްކުރުމުގެ ބަދަލުގައި ޑިސެންޓްރަލައިޒް ކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާތިތަކަށް އިސްކަންދޭ ސަރުކާރަކަށް ވީހިނދު، އެޖެންސީތައް އެއްފަރާތްކޮށްފައި ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތާއި އިދިކީލި ނިންމުމެއް ކަމުގައި ދެކޭކަމަށާއި
ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާ ބެހޭ ޤަވައިދު 2016 އަށް ފުރިހަމަޔަށް ޢަމަލު ނުކުރުމެ ސަބަބުން އެޖެންސީތަކުގެ އެތައް ހައްގެއް ގެއްލި، އެޖެންސީތަކާއި ސަރުކާރަށާއި އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކަށްވެސް މިކަމުގެ ގެއްލުންދަނީ ކުރަމުންކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!