ކޯވިޑް19 އާއި ގުޅިގެން ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ހުއްޓިފައިވީ ނަމަވެސް، އަލުން މަސައްކަތް ފަށައި މިދައުރުގެ ތެރޭގައި އެރަށުގައި ޖަލެއް އަޅާނެކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހދ.ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވުމާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިޖަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެއްކަމަށާއި ބަޖެޓް ތަންދިން މިންވަރަކުން މަސައްކަތް މިއަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.

Ad
rt

ނޭކުރެންދޫގައި އަޅާ ޖަލާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނޭކުރެންދޫގައި ޖަލު އެޅުމަށް ބިންކަނޑައެޅުނު ސަރަހައްދު ބެލުމަށް މިދިޔަ އަހަރު އެރަށަށް ގޮސް، ކައުންސިލާއިވެސް މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. ޖަލުއެޅުމަށް މިއަހަރުގެ ބަޖެޓްގައި ފައިސާ ހިމެނި މަސައްކަތް ފެށުމަށް ފެބްރުއަރީ މަހުގައި އެންވަޔަރަންމަންޓަލް އެސެސްމަންޓް ހެދުމަށް ބަޔަކާއި ހަވާލުކުރުމާއި ހަމަޔަށް ގޮސްފައިވަނިކޮށް ކޯވިޑް19 އާއި ގުޅިގެން އެމަސައްކަތް މެދުކަނޑާލަން ޖެހުނުކަމަށެވެ. ނަމަވެސް މިހާރު އަނެއްކާވެސް އެމަސައްކަތް އަލުން ފެއްޓުމަށްޓަކައި، މަސައްކަތްކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެން އަމާޒުކުރީ އީއައިއޭގެ މަސައްކަތް ނިންމައި، ޖުލައިގައި މަސައްކަތް ފެށުމަށް އަޅުގަނޑުމެން އަމާޒުކަނޑައެޅީ. މިހާރުވަނީ މަޝްރޫޢު އަލުން މުރާޖާ ކުރަންޖެހިފަ. މިއަހަރު ބަޖެޓް ހުރި މިންވަރަކުން އެމަސައްކަތް ކުރެވޭނެ. މަސައްކަތް ފަށާތާ 1 އަހަރުގެ ތެރޭގައި ޖަލުގެ މަަސައްކަތް ފަށައި ނިންމައި މީހުން ބަދަލުކުރުމަކީ އަޅުގަނޑުމެންގެ އަމާޒު. މިޖަލުގައި ވޮކެޝަނަލް ޓްރައިނނިން، ރިހިބިލިޓޭޓް އަދި ތަމްރީން ޕްރޮގުރާމް ދެވޭނެ ގޮތަކަށް ހަމަޖެހިގެންދާނެ. މިވެރިކަމުގައި ޖަލު އަޅާނެ، މިއީ ސަރުކާރުގެ ވައުދެއް"

މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހދ. ނޭކުރަންދޫގައި ޖަލެއް އެޅުމަށް މިއަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ. ކޯވިޑް19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައިވީނަމަވެސް އަލުން މިމަސައްކަތް ފެއްޓުމަށްޓަކައި މުރާޖާކޮށް ބަޖެޓްހުރި މިންވަރަކުން މަސައްކަތް ފަށައި މިއަހަރުގައިވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ފެށިގެންދިއުމަކީ އުންމީދެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ނޭކުރަންދޫގައި ޖަލު އަޅާ ސަރަހައްދުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ހަދާނެ ބަޔަކު ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާން ކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

ނޭކުރެންދޫގައި ހައި ސެކިއުރިޓީ ޖަލެއް އަޅަން އެންމެ ފުރަތަމަ ނިންމާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެ ޖަލު އަޅަން އޭރު ނިންމާފައި އޮތީ، ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ލައްވަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު އައިފަހުން ވެސް ނޭކުރެންދޫ ޖަލު އަޅަން އުޅުނެވެ. އެގޮތުން ޖަލު އަޅަން ނެގި 21 ހެކްޓަރުގައި ބިމުގައި ހުރި ރުއްގަހަށް ސަރުކާރުން ބަދަލުދީ، ޖަލު އަޅާ ސަރަހައްދު ބެލުމަށް، ހޯމް މިނިސްޓްރީގެ ޓީމުތައް އެކި ފަހަރު މަތިން އެ ރަށަށް ގޮސްފައިވެ އެވެ. އެކަމަކު ޖަލު އަޅާ ސަރަހައްދުގެ އިން ވަކިކުރުން ފިޔަވައި އެހެން މަސައްކަތެއް އެތަނުގައި މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 260 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ޖަލު މަޝްރޫއު ލަސްވެގެން، ނޭކުރެންދޫ ކައުންސިލުން އެކި ފަހަރު މަތިން ވަނީ މާލެ އައިސް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ވެސް ކޮށްފަ އެވެ. ރައީސް ޔާމިނުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ވަނީ މިޖަލު ނޭޅޫމަށްވެސް ނިންމާފައެވެ. ޖަލު ނޭޅޫމަށް ނިންމާފައި ވަނީ މާފުށީ ޖަލުގައި މި ވަގުތު ޖާގައިގެ މާ ބޮޑު ދަތިކަމެއް ނެތުމާއި އާ ޖަލެއް ހަދާ ނަމަ އެކަމަށް އިތުރު ހަރަދު ހިނގާނެ ކަމަށް ބަލާފައި ކަމަށް ނޭކުރެންދޫ ކައުންސިލުން ބުނެފައިވެއެވެ.