"ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ
ތުރާ ހިތްމަ ކޮށްފާ އަދަން ނެތި ދަނިއްޔޭ"
އިހުގެ ދިވެހި ފަރިހި ފަރިއްސަކީ ގިނަ ފަހަރަށް އެހެދި މީހެއް ސާފުކޮށް އެނގޭ އެއްޗެއްސެއް ނޫނެވެ. އެގޮތަށް އެކަން ދިމާވާން މެދުވެރިވާ ބައިވަރު ސަބަބުތައް ވެސް ހުރެއެވެ. ދިވެހީންގެ މަޝްހޫރު ފަރިއްސެއް ކަމުގައިވާ "ދުލާ ކަރު ތަލިން ކުޅު މަގޭ ހިކި ދަނިއްޔޭ. ތުރާ ހިތްމަ ކޮށްފާ އަދަން ނެތި ދަނިއްޔޭ" ގެ އަސްލު ފަރިއްސާ މެދުގައި ވެސް އެހެދި މީހަކާމެދު ބުނެވެނީ އެކި ގޮތަށެވެ. ކުޅުދުއްފުށީ ލަގޮނޑި މާލިމީ ކަމުގައި ވެސް ބުނެވެއެވެ. އުނޫޝާގެ ކާފަ ކަމުގައިވެސް ބުނެވެއެވެ. ތަކަންދޫ މުސްކުޅީން މާގަދަކޮށް ބުނާގޮތުގައި މިފަރިހީގެ އަސްލު ފަރިއްސަކީ ތަކަންދޫ ޝާޢިރެއް ކަމުގައިވާ އެރަށު ކަތީބުކަލޭފާނުގެ ފުތް އައިސާފުޅުދައިތަ ހެދި ފަރިއްސެކެވެ.
އައިސާފުޅުދައިތަ އަކީ ލޯފަން ޝާޢިރާ އެކެވެ. އަންހެނުންގެ އިމާމާއެއްގެ ގޮތުގައި އީދު ނަމާދާއި ތަރާވީސް ނަމާދު ކޮށް ހަދާ ދައިތައެއް ކަމުގައި ބުނެވެއެވެ. ނިކަން ހިތް އަލި ދައިތައެކެވެ. ތަކަންދޫ ކޮންމެ ދެމަފިރިއަކަށް އެމީހުން ހިތާވެގެން އުޅުން ދުވަސްވަރު އައިސާފުޅު ދައިތަ އެމީހުންނަށް ރައިވަރެއް ހަދާފައި އޮންނަ ކަމަށް ބުނެވެއެވެ. މިދައިތަމެންގެ ދުވަސްވަރު ތަކަންދުއަށް ޖައްސާ ދޯނިފަހަރާ ވާދައަށް ދޮންވެލި ގަނޑަށް އެއްވެ އަންހެންވެރިން ރައިވަރު ކިޔައިހަދާ އިރު އެކަމުގައި އިސްކޮށް ހުންނަކަމަށް ވަނީ މިދައިތައެވެ. އައިސާފުޅުދައިތަ ހަދާ ރައިވަރާއި ފަރިހި އެއްޗެހި ކުދީންކުދީން ލައްވައި ކަރުދާހުގައި ލިޔުއްވާ ހަދައެވެ. ލޯފަން މީހެއް ކަމަކު، ބަދިގޭގެ މަސައްކަތުގައި ވެސް އުޅެއެވެ. އެއްޗެހި ތެލުލައި، ގަރުދިޔަ އެއްޗެހި ކައްކާވެސް ހަދައެވެ. ނިޔާވީ މީގެ 70 ވަރަކަށް އަހަރުކުރީންނެވެ.
މިފަދަ މައްސަލަތަކުގެ ތަޖުރިބާކާރެއް ކަމުގައިވާ ތިލަދުންމަތީ ކުޅުދުއްފުށީ މަހަމޫދު މޫސަގެ ފުތް މަހަމޫދު ހުސޭނުގެ ފުތް މަރުޙަބާ މުޙައްމަދު (ރަޙިމަހު ﷲ) ދެކޭގޮތުގައި މިފަރިއްސަކީ އުނޫޝާގެ ކާފަގެ ފަރިއްސެއް ވެސް ނޫނެވެ. އަދި ކުޅުދުއްފުށީ ލަގޮނޑި މާލިމީގެ ފަރިއްސެއް ވެސް ނޫނެވެ. މުޙައްމަދު ހުސޭނު މަރުޙަބާ، ދެކޭގޮތުގައި މިފަރިއްސަކީ ކުޅުދުއްފުއްޓަށް ވުރެ ވެސް އުތުރުގެ ފަރިއްސެކެވެ. ފިއްލަދޫ ކަމަށް އޭނާ ލަފާކުރެއެވެ. އަދި މާރަންދުއަށް ވެދާނޭކަމަށް ވެސް ދެކެއެވެ. ތަކަންދޫގެ ފަރިއްސަކަށް ވުން ވެސް ގާތްކަމުގައި އޭނާ ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!