އިދިކޮޅު މައިޕާޓީ، ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރެއްގެ މަޤާމު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދެއްވައިފިއެވެ.

އެކަން ޢިއުލާނުކުރެއްވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.

Ad
rt

އެ ކޯލިޝަނުން ބުނީ އެޑްވައިޒަރު ކަމުގެ މަގާމަށް ވަހީދު ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ހުރިހާ ދިމާއަކުން ފެންނަނީ ރައްޔިތުން ބިކަވާ ތަން ކަމަށާއި އެކަންކަމާ އަޑު އުފުލަން ޖެހޭ ކަމަށެވެ. އަދި ޖަލުގައި ހުންނެވި ޕީޕީއެމްގެ ރައީސް، އަބުދު ﷲ ޔާމީނަށް އިންސާފު ހޯދާ ދެއްވުމަށް މަސައްކަތް ކުރަށްވާނެ ކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.

އެބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބުދުއް ރަޙީމް އަބުދުﷲ ވިދާޅުވީ، މިރޭ ކުރީގެ ރައީސް ވަހީދު އެ ކޯލިޝަންގެ ލީޑަރސިޕަށް ވަޑައިގަތުމުން، ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި ބައިނަލް އަޤްވާމީގޮތުން ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ.

ކުރީގެ ރައީސް ޑރ. ވަހީދު ވަނީ 25 ޑިސެމްބަރު 2013 ގައި އޭރުގެ ވެރިކަމުގައި އޮތް ޕީޕީއެމަށް ސޮއި ކުރަށްވާފައެވެ. ނަމަވެސް ޑރ. ވަހީދު މިހާތަނަށް ހުންނެވީ ސިޔާސީގޮތުން ހިމޭންކަން ޚިޔާރު ކުރަށްވައިގެންނެވެ.

7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތިއުފާ ދެއްވުމުން އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ވެރިކަމުގެ ބާކީ ދޮޅު އަހަރެއްހާ ދުވަސް ފުރިހަމަ ކުރެއްވިއެވެ.

ރައީސް ވަހީދު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރަށްވާފައެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ ފަސް ޕަސަންޓް ގެ ވޯޓެވެ. ކުރިމަތިވި ނާކާމިޔާބުގެ ސަބަބުން އެ އިންތިޚާބުގެ ދެވަނަ ބުރުގައި އެމަނިކުފާނު ވާދައެއް ނުކުރަށްވައެވެ.