ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ހާއްސަ މަގާމެއް ދިނުމަށް ނިންމައި، އެކަން ފާސްކުރުމަށް މިރޭ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ކުރީގެ ރައީސް ޑރ. ވަހީދު ވަނީ 25 ޑިސެމްބަރު 2013 ގައި އޭރުގެ ވެރިކަމުގައި އޮތް ޕީޕީއެމަށް ސޮއި ކުރަށްވާފައެވެ. ނަމަވެސް ޑރ. ވަހީދު މިހާތަނަށް ހުންނެވީ ސިޔާސީގޮތުން ހިމޭންކަން ޚިޔާރު ކުރަށްވައިގެންނެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ މިރޭ އޮންނަ ކައުންސިލް ބައްދަލުވުމުގައި ޑރ. ވަހީދަށް ދެއްވާނެ މަގާމެއް ނިންމަވާނެ ކަމަށެވެ.
ކައުންސިލްގެ ބައްދަލުވުމަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މިކަން އިއުލާން ކުރުމަށް ވެސް ޕީޕީއެމްއިން ވަނީ ނިންމާފަ އެވެ. މިރޭ 9:00 އަށް ނޫސްވެރިންގެ ބައްދަލުވުން ވަނީ ތާވަލުކޮށްފަ އެވެ.
ޕީޕީއެމް ހިންގުމުގައި މިހާރު އިސްކޮށް ތިއްބެވީ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ. އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލުހުކުމެއްގައެވެ.
7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތިއުފާ ދެއްވުމުން އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ވެރިކަމުގެ ބާކީ ދޮޅު އަހަރެއްހާ ދުވަސް ފުރިހަމަ ކުރެއްވިއެވެ.
ރައީސް ވަހީދު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރަށްވާފައެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ ފަސް ޕަސަންޓް ގެ ވޯޓެވެ. ކުރިމަތިވި ނާކާމިޔާބުގެ ސަބަބުން އެ އިންތިޚާބުގެ ދެވަނަ ބުރުގައި އެމަނިކުފާނު ވާދައެއް ނުކުރަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!