ސޯސަލް މީޑިއާގައި ދައުރުވަމުންދާ، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މުވައްޒަފަކު ނަމާދު ކުރަން ހުއްޓައި ނަމާދަށް ހަޖޫޖެހާ، ނަމާދު ކުރަން ހުރި މުވައްޒަފަށް ފުރައްސާރަ ކުރާ ވީޑިއޯގާއި ގުޅިގެން އެ މައްސަލަ ބަލައި، އެ އަމަލު ހިންގި އެ ކުންފުނީގެ މުވައްޒަފަށް ފިޔަވަޅު އަޅާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމައްސަލައާއި ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "ތިލަދުން"އަށް ވިދާޅުވީ، އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކުންފުނީގެ އެޗްއާރަށް އަންގައިފާ ކަމަށެވެ. އަދި އެކަން ހިނގި ގޮތުގެ ރިޕޯޓު ލިބުނުހާ އަވަކަށް އެ އަމަލު ހިންގި މުވައްޒަފަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.
ފެންކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފަކު "ތިލަދުން" އަށް މައުލޫމާތު ދިން ގޮތުގައި ދައުރުވާ ވީޑިއޯގައި ފެންނަ މީހަކީވެސް އަދި އެ މީހާއަށް ފުރައްސާރަކޮށް ނަމާދަށް ހަޖޫޖަހާއަޑު ވީޑިއޯއިން އިވޭ މީހާއަކީވެސް އުތުރުގެ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށެވެ.
އެ ވީޑިއޯ އޮފީސް ވައިބަރ ގްރޫޕަކަށް ފޮނުވީވެސް އެތަނުން ނަމާދަށް ހަޖޫޖަހާއަޑު އިވޭ މީހާކަމަށްވެސް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ. ސޯސަލް މީޑިއާއަށް އެ ވީޑިއޯ ދިޔައީ އެހިސާބުން ކަމަށް އޭނާ ކިޔައިދިނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފަކު ހުންނަނީ ނަމާދު ކުރާށެވެ. އަދި އޭނާ ނަމާދު ކުރަން ހުންނައިރު އެކުންފުނީގެ އިތުރު މުވައްޒަފަކު ނަމާދަށް ހަޖޫޖަހައި ހުތުރު ބަސް ބޭނުންކުރާ އަޑު އެ ވީޑިއޯއިން އިވެއެވެ.
ސޯސަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއާ ގުޅިގެން އާންމުންގެ އެތައްބައެއްގެ ނުރުހުން ވަނީ އެ އަމަލު ހިންގި މީހާއަށް ރައްދުވެފައެވެ. އަދި އޭނާގެ އަމަލު ހަރުކަށި އިބާރާތުން އެތައް ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ވަކި ބަހެއް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!