މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. އަތޮޅު ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހއ. ހޯރަފުއްޓަށް ކަނޑުމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ޖޫން މަހުގެ 18 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން ހޯރަފުއްޓަށް ބޭލި މުދަލުގެ ތެރޭގައި ހުރި ވެރިއަކު ނެތް ފޮށިގަނޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ކޮތަޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!