ކޭތަ ހިފުމަކީ ޤިޔާމަތްދުވަހުގެ މަތިން ހަނދުމަކޮށް، ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއް ކަމަށް މިއަދުގެ އިރުކޭތަ ނަމާދުގެ ޚުޠުބާއިން އެންމެހާ އަޚުންނާއި، އުޚުތުންނަށް ހަނދުމަކޮށް ދީފިއެވެ.
މިއަދުގެ ކޭތަ ނަމާދުގެ ޚުޠުބާގައި މިމޭރުމުން ބުނެފައި ވަނީ ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދު ކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިޔުމަކުން ކަމަށެވެ. އެހެންކަމުން ކޭތަ ހިފުން ފަދަ ކަންތައްތަކަކީ ޤިޔާމަތްދުވަހުގެ މަތިން ހަނދުމަކޮށް ދެއްވުމަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ކަންތައްތަކެއް ކަމަށާއި، އެ ދުވަހަށް ސަމާލުވުމަށް ގޮވައިލައްވާ ގޮވައިލެއްވުމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
މި ދުނިޔެ އަކީ ވަގުތީ ތަނެއްކަމަށާއި، ދާއިމީ ގޮވައްޗަކީ މަރުވުމަށް ފަހު ދެވަނަ ފަހަރަށް ދިރިގެން ހޭދަކުރާ ނިމުމެއް ނެތް ޙަޔާތް ކަމަށާއި އަދި އެ ޙަޔާތުގެ ފެށުމަކީ ކަށްވަޅުކަމަށް ޚުޠުބާގައި ވަނީ ބަޔާން ކޮށްފައެވެ. އެހެންވެ ކީރިތި ރަސޫލާ އެލޭގެފާނު ޚުޠުބާގައި ކަށްވަޅުގެ ޢަޛާބުން ރައްކައުތެރިކޮށް ދެއްވުން އެދި ދުޢާކުރުމަށް ނަސޭހަތް ދެއްވާފައިވާ ކަމަށް ޚުޠުބާގައި ވެއެވެ.
މީހަކު ރަސޫލާގެ އަރިހުގައި ޤިޔާމަތް ވާނީ ކޮން އިރަކުންތޯ ސުވާލު ކުރިއެވެ. އެ ހިނދު އެ ކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ. "ތިބާ އެ ދުވަހަށްޓަކައި ތައްޔާރު ކުރީ ކޮންއެއްޗެއް ހެއްޔެވެ؟" ޚުޠުބާގައި ބުނެފައި ވެއެވެ.
ކޭތަހިފުމަކީ ރަސޫލު ﷲ ގެ ޙަދީޘް ކުރައްވާފައިވާ ފަދައިން ޤުދްރަތީ ނިޒާމުގެ ކަމެއްކަމަށާއި، ހަމަ އެފަދައިން އެއީ މުސްލިމުން އެކަމާއި މެދު ޝަރްޢީ ނަޒަރުން ވެސް ބަލަން ޖެހޭނެ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި ކޭތަ ހިފުމުން މުސްލިމުން ނަމާދަށް ނުކުންނަށް ޖެހޭނީ ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ކުށްފާފަތައް ފުއްސަވައި ދެއްވުމަށް އެދި ދުޢާ ކުރާ ހާލުގައި ކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ.
" ނުކިޔަމަންތެރިވާ މީހުން އެކަލާނގެ ކޯފާއަށް ބިރުވެތިވެ، ރައްކައުތެރިވާށެވެ! މާތް ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވެއެވެ.
"ފަހެ، ތިމަން ރަސްކަލާނގެ ޢަޛާބު އެއުރެންނާއި ހަމަޔަށް އައި ހިނދު ވެސް، އެއުރެން ކިޔަމަންވެ މަޑުމޮޅިނުވީ ކީއްވެގެންބާވައެވެ؟ އެހެނެއްކަމަކު އެއުރެންގެ ހިތްތައް ހަރުކަށި ވެފައިވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް ޝައިޠާނާ ޒީނަތްތެރިކޮށް ދެއްކިއެވެ. ދެން އެއުރެންނަށް ހަނދާންކޮށް ދެއްވި ކަންތައް، އެއުރެން ހަނދާން ނައްތައިފި ހިނދު (އިމްތިޙާނެއްގެ ގޮތުން) ހުރިހާ ކަމެއްގެ ދޮރުތައް ތިމަން ރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާއި މެދު އެއުރެން އުފަލުގައި ތިއްބައި، ކުއްލިއަކަށް ތިމަން ރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު އުއްމީދު ކެނޑިފައި ތިބި ބަޔަކު ކަމުގައި އެއުރެން ވިއެވެ."
(އަލް ނަޢާމް ސޫރަތުގެ 43-44 ވަނަ އާޔަތް) " ޚުޠުބާގައި ބުނެފައި ވެއެވެ.
" އިރާއި ހަނދު އަޅުގަނޑުމެންގެ ޚިދުމަތުގައި މާތް ﷲ ލެއްވި އެވެ. އިރާއި ހަނދުގެ ސަބަބުން، ވަގުތާއި، މޫސުމާއި، އަހަރުތައް އެނގެއެވެ. އެއީ މާތް ﷲ ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ދައުރު ކުރާ ދޭއްޗެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެ އެވެ. الشَّمْسُ وَالْقَمَرُ بِحُسْبَانٍ (އައްރަޙްމާން ސޫރަތުގެ 5 ވަނަ އާޔަތް) މާނައީ: "އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިން ހިނގައެވެ." އިރަކީ ތަރިއެކެވެ. އެކަމަކު ހަނދަކީ އިރުގެ ވަށައިގެން އެއަށް ކަނޑައެޅިފައިވާ މަހާރެއްގައި ދައުރުކުރާ ޖިސްމެކެވެ. އިރަކީ ހަކަތައިގެ މަސްދަރެކެވެ. އިރުގެ ހަކަތަ ނުލިބޭ ނަމަ މި ބިމުގައި އެއްވެސް ދިރުމެއް ނުހުންނާނެ އެވެ. ވައި ބަދަލުވުމާއި، ވިލާ އުފެދުމާއި، ވާރޭ ވެހުމާއި، ކޯރުތަކާއި، ކުޅިތަކުގެ މަގުތައް އުފެދުމާއި، ރައްކައުތެރި ގޮތަކަށް ބިމުއަޑީގައި ފެން ޖަމާވުމާއި، ވެއްޔާއި ގަލާއި ހިލަ އުފެދުމާއި، މަޢުދަންތައް އުފެދުމާއި، ކަނޑުތަކުގެ ރާޅުތަކާއި، ދިޔަވަރު ހިކުމާއި ބޮޑުވުން ފަދަ ކަންތައްތަކަކީ އިރުން ލިބޭ ހަކަތައަށް ބަރޯސާވެފައިވާ ކަންތައްތަކެކެވެ." ޚުޠުބާގައި ބުނެފައިވެއެވެ.
އިރާއި ހަނދަކީ، މާތް ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ހެކިތަކެއް ކަމަށާއި، އަދި އެކަލާނގެ ޢިލްމުފުޅުގެ ފުރިހަމަކަމާއި މަތިވެރިކަމާއި، އަދި އެކަލާނގެ އޯގާވަންތަކަމާއި ގަދަ ކީރިތިވަންތަކަން ކަމަށް ޚުޠުބާގައި ބަޔާން ކޮށްފައި ވެއެވެ.
" ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އިރުކޭތައެއް ހިފިއެވެ. އެއީ އެކަލޭފާނަށް ލިބި ވަޑައިގަތް އެންމެ ފަހު ދަރިކަލުން އިބްރާޙީމްގެ ފާނު އަވަހާރަވި ދުވަހެވެ. ވަރަށް ހޫނު ގަދަ ދުވަހެކެވެ. ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ މިސްކިތަށް ވަޑައިގެން މީސްތަކުންނަށް ނަމާދަށް އައުމަށް އުމަށް އެންގެވިއެވެ. ނަމާދުގައި ފިރިހެނުންނާއި އަންހެނުން ބައިވެރިވި އެވެ. ކޭތަ ނަމާދު ކުރެއްވުމަށް ފަހު ތެދުވެވަޑައިގެން ޚުޠުބާއެއް ދެއްވިއެވެ. އެ ޚުޠުބާގައި ޙަދީޘް ކުރެއްވި މާނާގައިވެ އެވެ. "ކޭތަ ވީއްލައިފުމަށް ދާނދެން ތިޔަބައިމީހުން ﷲ އަށް ދުޢާ ދަންނަވައި، ތަކްބީރު ކިޔައި، ޞަދަޤާތް ކުރާށެވެ!"
އަދި ވެސް އެކަލޭގެފާނު އެ ޚުޠުބާގައި ޙަދީޘް ކުރެއްވި އެވެ.
" އޭ މުޙައްމަދުގެފާނުގެ އުއްމަތުގެ މީހުންނޭވެ! ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންތައްތައް ތިޔަބައިމީހުންނަށް އެނގޭ ނަމަ، ތިޔަބައިމީހުން ހުނުން މަދު ކުރާނެތެވެ. އަދި ރުއިން ގިނަކުރާނެތެވެ. މިތާނގައި ތިމަންކަލޭގެފާނު މީގެ ކުރިން ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ބިރުވެރި މަންޒަރުތަކެއް، ތިމަން ކަލޭގެފާނަށް ދައްކަވައިފި އެވެ. ނަރަކާގައި އެއްބަޔަކު އަނެއް ބަޔަކު ޗިސްޗިސް ކުރާ މަންޒަރެވެ." އެ ނަމާދުގެ ތެރޭގައި އެކަލޭގެފާނަށް ސުވަރުގޭގެ ބައެއް މަންޒަރުތައް ވެސް ދެއްކެވި އެވެ. " މިއަދުގެ ޚުޠުބާގައި އިތުރަށް ބަޔާންކުރަށްވާފައި ވެއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އިރުކޭތަ ނަމާދު ކުރުން މިއަދު އޮތީ ހެނދުނު 10:30 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!