ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ބަންޑާރަވީ ހިޖުރައިން 1351 ވަނަ އަހަރު ޝައްވާލް މަހުން 20 ވަނަ ދުވަހުއެވެ. އެއީ އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި، އެއިރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނު ޚާއްސަ ޤާނޫނަކުންނެވެ.
މިގޮތުން ދިއްދޫ ބަންޑާރަކުރުމާމެދު އެއިރުގެ ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާ ހިސާބަށް ކަންތައްދިޔައީ، ދިއްދޫ ރައްޔިތުންނާއި އޭރުގައި ވަރުވާއަށް ދިއްދޫ ދީފައިވާ އުތީމު ރައްޔިތުންނާ ދެމެދު ހިނގަމުންއައި އަރައިރުންތަކަށް ދާއިމީ ހައްލެ ހޯދުމަށެވެ. ދިއްދޫ ރައްޔިތުން ދޮނަކުޅިން ފޭބުމަށްފަހު ދިއްދޫގައި ވަޒަންވެރިވެ ދިއްދޫގައި އުޅެމުންއައީ އުތީމު ގަނޑުވަރަށް ޖިޒީ ދައްކައިގެންނެވެ. ކޮންމެ ގެޔަކުން މަހަކު ބޮޑު ލާރިއެކެވެ. މިކަންތައް އެންމެ ރަނގަޅަށް ސާފުވަނީ ކުރިން ދެންނެވި ޤާނޫނުގައި ގެނެސްފައިވާ އިބާރާތްތަކުންނެވެ.
"އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ކައްތިރިބަވަނަ މަހާރަދުންގެ އަރިހުގައި ޤާނުނުހަދާ މަޖިލީސްއިން އަދަބުވެރިކަމާއެކު ދަންނަވައެވެ.
ތިލަދުންމަތީ ދިއްދޫ ފަޅުރަށަކަށް އޮއްވައި، އުތީމު މިސްކިތް މައްޗަށް ލެއްވުމަށްފަހު އެތައް ޒަމާނަކަށްފަހުން، އެދިއްދޫ މީހުންއުޅޭ ރަށަކަށްވެ، ޢިމާރާތްވުމަށް ފަހުގައި އެރަށުގެ މީހުންނާއި އުތީމު މީހުންނާއިވާ އަރައިރުންތަކާމެދުގައި ޤާނޫނުހަދާ މަޖިލިސްގައި ވާހަކަ ދެކެވިގެން އެދެރަށު މީހުންގެ ކަންތައްތަކާއިމެދު އިހު ރަސްރަސްކަލުން ދެއްވާފައިވާ ފަތްކޮޅުތައް ބަލައި، އެއިން ފެނުނު ގޮތްތަކާއެކު ފާސްވީމަގީމީއެވެ.


ދިއްދޫ ބަންޑާރަވި ޤާނޫނަކީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީއަށް ފަހުގައި ފާސްކުރެވުނު ޤާނޫނުތަކުގެ ތެރެއިން އެއް ޤާނުނެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޤާނުނީ ނިޒާމްގައި ގުނާލެވޭ ދޮށީ ޤާނޫނުތަކުގެ ތެރޭގައި ހިމެނޭ އެއް ޤާނުނު ވެސްމެއެވެ. ހަމައެހެންމެ ދިއްދޫއަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނަކުން ބަންޑާރަކުރެވުނު ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!