ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަޞީމް، މަސްޖިދުލް ބަހާއުއްދީން (މާވެޔޮ މިސްކިތް) އަށް ޒިޔާރަތްކުރައްވައި އެ މިސްކިތް ބައްލަވާލައްވައިފިއެވެ.
އެމަަނިކުފާނު މާވެޔޮ މިސްކިތަށް ޒިޔާރަތް ކުރަށްވައި އެ މިސްކިތް ބައްލަވައި ލެއްވީ މިއަދުއެވެ. އެ ޒިޔާރަތުގައި ނައިބުރައީސް އަރިހުގައި އެމިސްކިތް އަމިއްލަ ޚަރަދުގައި އިމާރާތްކޮށް ދެއްވި މުހައްމަދު އަލީ ޖަނާހުވެސް ބައިވެރިވެ ލެއްވިއެވެ.
ކުރިން ދެ ބުރިއަށް އަޅާފައި ހުރި މާވެޔޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރިއަށް ތަރައްގީ ކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ. އެތަން ތަރައްގީކުރަން ނިންމީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަހާނުގެ ބައިވެރިވުމާއެކު، ދައުލަތުން 17 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. އެއީ މިސްކިތުގެ ފަސް ބުރީގެ ތެރެއިން ތިން ބުރިއަށް ވާ ހަރަދެވެ.

ނަމަވެސް މިސްކިތް ހަތް ބުރިއަށް އަޅަން ނިންމަވައި، އެތަނުގެ ހުރިހާ މަސައްކަތެއް ނިންމެވީ ދައުލަތުގެ އެއްވެސް ހަރަދެއް ނުނަންގަވައި، ޖަނާހުގެ އަމިއްލަ ހަރަދުގައެވެ. މިސްކިތުގެ ޑިޒައިނާއި އިމާރާތްކުރުމުގެ މަސައްކަތް ކުރީ އޭނާގެ އެޗްއާރުސީ ކުންފުނިންނެވެ.
މާވެޔޮ މިސްކިތުގައި ހިމެނޭ ހާއްސަ ސިފަތަކުގެ ތެރޭގައި މުޅި މިސްކިތަކީ އެއްކޮށް އެއާކޮންޑިޝަން ކޮށްފައިވާ ތަނެކެވެ. އަދި މިސްކިތަށް ގެނައި ބަދަލުތަކާއެކު މިސްކިތް ޓެރަސްއާއެކު ހަތް ބުރިއަށް ހަދާފަ އެވެ. އަދި މީހުންނަށް ލިފްޓް ބޭނުން ކޮށްގެން އަރައި ފޭބޭ ގޮތަށް ފަރުމާ ކޮށްފައިވެ އެވެ.

މީގެ ކުރިން 400 އެއްހާ މީހުންގެ ޖާގައިގެ މިސްކިތުގައި މިހާރު އެއް ފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި އަންހެނުންނަށް ހާއްސަ ނަމާދު ކުރާނެ ބަޔަކާއި ފާހާނާ ހަދާފައިވެ އެވެ. މުޅި މިސްކިތުގައި ސީސީ ޓީވީ ހަރުކޮށްފައިވާއިރު، މިސްކިތުގައި ހަތަރު ގުއްބު ހުރެ އެވެ. މިސްކިތުގެ އިންޓީރިއާ ހަދާފައިވަނީ މާބަލް ޖަހައި، އަދި ކާޕެޓުވެސް އަޅައިގެންނެވެ.
ކޯވިޑް-19 ގެ ސަބަބުން މާލޭ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން އެ މިސްކިތުގެ މަސައްކަތް ވަނީ ނިންމައި، އެތަން ސަރުކާރާ ހަވާލު ކުރުމަށް ސިޓީ ފޮނުވާފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!