ށ. ފުނަދޫ ވަލުތެރެއިންނާއި، ހޭޅިފަށުން ގިނަ ޢަދެއްގެ ގަސް ކަނޑަމުންދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެރަށުގެ ކައުންސިލުން ބުނީ މިހާރަކަށް އައިސް އެރަށުގެ ވަލުތެރެއިންނާއި، ހޭޅިފަށުން ގިނަ ޢަދެއްގެ ރޯ ގަސް ކަނޑަމުންދާ ކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައި ވާކަމަށެވެ. އެކައުންސިލުން ބުނީ އެއްވެސް ބޭނުމަކު އެރަށުގެ ވަލުތެރެއިންނާއި، ހޭޅިފަށުން ރޯގަސް ކެނޑުމަކީ މަނާކަމެއް ކަމަށެވެ.

Ad
rt

ރާއްޖޭގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅުފަޅާއި، ފަރުފަރާއި، މިނޫންވެސް މިފަދަ ތަންތަނާއި، ކަ ނޑުތަކާއި ޖައްވާއި އެ ތަންތަނުގައިވާ ތަކެއްޗާއި، އެ ތަންތަނުގައި އުޅޭ ތަކެތީގެ ތެރެއިން އިންސާނުންނަށް ގެއްލުންދޭ ނުވަތަ އުނދަގޫކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމާއި، އެ ތަންތަނާއި ތަކެތީގެ ސަބަބުން ލިބޭ ފައިދާތައް ދަމަހައްޓައި އިތުރު ކުރުމަކީ ރާއްޖޭގެ ދެމިއޮތުމަށާއި ރާއްޖޭގެ ކުރިއެރުމަށް ހިއްސާކޮށްދޭނެ ކަންތައްތަކެއް ކަމަށްވާތީ، މިކަންކަމުގެ މައްޗަށް ކައުންސިލުންނާއި، ކައުންސިލުގެ ދާއިރާތަކަށް ނިސްބަތްވާ ހުރިހާ ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދޭންވާނެކަމަށް 'ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދު' ގައި ބުނެފައިވެއެވެ.

ށ. ފުނަދޫ ކައުންސިލުން 2013 ވަނަ އަހަރު ނެރެފައިވާ "ތިމާވެރި ޙިމާޔަތްކުރުމާ ބެހޭ ގަވާއިދު" ގެ15 ވަނަ މާއްދާ "ގަވާއިދާ ޚިދާފުވުން" ގެ ހ ގައި ބުނެފައިވަނީ:

(ހ) މިގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާ މެދު، އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަ ނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/500ރ )ފަސްސަތޭކަ ރުފިޔާ( އާއި -/1000ރ (އެއްހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިން ވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/1000ރ (އެއްހާސް ރުފިޔާ) އާއި -/3000ރ (ތިން ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/3000ރ (ތިންހާސް ރުފިޔާ) އާއި -/5000ރ (ފަސްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

މިލަދުންމަޑުލުއުތުރުބުރީ މަރުކަޒީރަށް ފުނަދުއަކީ އަތޮޅުގެ އިރުމަތީ ބިތުގައިވާރަށެކެވެ. މިރަށް އޮންނަނީ އުތުރުން "53 '8 '6 ހުޅަގުން "26 '12 '73 ގައެވެ. މިރަށުގެ ދިގުމިނަކީ 2350 މީޓަރެވެ. ފުޅާމިނަކީ 450 މީޓަރެވެ. ފުނަދޫގެ ބޮޑުމިނަކީ 78 ހެކްޓަރެވެ. މިރަށަކީ ކުރިން ފަޅުރަށެކެވެ. މިރަށް އާބާދުވާން ފަށާފައިވަނީ 1968ވަނަ އަހަރު ޖެނުއަރީ 01 ދުވަހު ށ.ޅައިމަގުން ށ.އަތޮޅު އޮފީސް މިރަށަށް ބަދަލު ކުރެއްވުމާއި ގުޅިގެންނެވެ. މިރަށުގައި މީހުން އާބާދުވާން ފަށާފައިވަނީ 1970 ވަނައަހަރުގެ މާރޗް މަހުގެ 3ވަނަ ދުވަހުން ފެށިގެން ނ. ބޮމަސްދޫއިން 36 ގޭގެ 180 މީހުން މިރަށަށް ހިޖްރަކުރުމުންނެވެ. ބޮމަސްދޫ މީހުން މިރަށަށް ބަދަލުވެ ނިމިފައިވަނީ 1973 ވަނައަހަރުއެވެ. ކުރިން މިރަށަށް ކިޔަމުންއައި ނަން (ފަރުކޮޅުފުނަދޫ) "ފުނަދޫ " މިނަމަށް ބަދަލުކުރައްވާފައިވަނީ 12 މާރޗް 1995ގައެވެ.

ސަރުކާރުން ހިންގެވި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން މިރަށަށް މިއަތޮޅުގެ 9 ރަށަކުން މީހުން ބަދަލުވެފައިވެއެވެ. މިއަތޮޅު ފިރުބައިދޫގެ ހުރިހާމީހުން މިރަށަށް ބަދަލުކޮށް 19 އޮގަސްޓް 2004ގައި ފިރުނބައިދޫއަކީ ފަޅުރަށެއް ކަމުގައި ސަރުކާރުން ހަމަޖެއްސެވި އެވެ. އެގޮތުން ށ.ފިރުބައިދޫން 781 މީހުން މިރަށަށް ބަދަލުވެފައި ވެއެވެ. 2006 ވަނަ އަހަރުން ފެށިގެން 2009ވަނަ އަހަރާއި ހަމައަށް ށ.ނޫމަރާއިން 271 މީހުން ބަދަލުވެފައި ވެއެވެ. 2004 ވަނައަހަރުން ފެށިގެން 2009 ވަނައަހަރާއިހަމައަށް މާކަނޑޫދޫން 130 މީހުން މިރަށަށް ހިޖްރަކޮށްފައިވެއެވެ. އަދި 2009 ވަނައަހަރު މާއުނގޫދޫން 42 މީހުން ކޮމަންޑޫ 18 މީހުން، މަރޮށިން 8 މީހުން ފޭދޫން 6 މީހުން ޅައިމަގުން 5 މީހުން މިރަށަށްބަދަލު ވެފައިވެއެވެ.