ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންއަންނަ ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރިސޯޓްތަކުން، އެތަންތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދިއްދޫ ކައުންސިލުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް -19 ގެ ބަލިމަޑު ކަމުގެ ސަބަބުން، ޢާއްމު މަސައްކަތްތަކާއި ޓޫރިޒަމް ސިނާޢަތުގެ މަސައްކަތްތައް ހުއްޓިފައި ވުމުން، އެ ދާއިރާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ވަޒީފާއާއި ރައްކައުތެރި ކުރުމުގެ ގޮތުން ދިވެހިސަރުކާރުން ވަނީ ސްޓީމިއުލަސް ޕެކޭޖުތަކެއް ތަޢާރަފްކޮށްފައިކަމަށާއި އަދި ސްޓިމިއުލަސް ޕެކޭޖްތައް ބޭނުންކުރައްވައިގެން، މި ހުރިހާ ފަރާތްތަކުގެ ވަޒީފާތައް ނުގެއްލި އެ ފަރާތްތަކުގެ ވަޒީފާތައް ކަށަވަރުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ވަޒީފާ ދެއްވާ ފަރާތްތަކުގެ ކިބައިން ދިވެހިސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފަކަމަށެވެ.
އެހެން ނަމަވެސް ޓޫރިޒަމް ސީނާޢަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް ނޯޕޭ ލީވް ދިނުމަށްފަހު ރަށަށް ފޮނުއްވާފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި އަދި މި ހިތާމަވެރި ދަނޑިވަޅުގައި އިވިގެން ދިޔަ އެންމެ ހިތްދަތި ޚަބަރަކީ މުވައްޒަފުން ރަށުގައި ތިއްބާ އެ މުވައްޒަފުންގެ މަޤާމްތައް ރިސޯޓުގެ ވަޒީފާގެ އޮނިގަނޑުން އުވާލުމަށްފަހު، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރި ޚަބަރެވެ.
މިގޮތުން ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ވަޒީފާ އަދާކުރައްވާ ހއ. ދިއްދޫގެ ބައެއް ފަރާތްތަކުގެ ވަޒީފާތައް ގެއްލިގެން ދިއުން އެއީ މި ކައުންސިލުން އެކަމާއި އިންތިހާއަށް ކަންބޮޑުވެ ހިތާމަ ކުރާކަމެކެވެ.
ދިއްދޫ ކައުންސިލްގެ މެންބަރުން ސޮއިކުރައްވާ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ވަޒީފާ ގެއްލޭ ކޮންމެ ފަރާތަކީ ޢާއިލާ ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ ފަރާތްތަކަކަތް ވީއިރު، މި ފަދަ ގޮތަކަށް ވަޒީފާއިން ވަކިކޮށްލުމަކީ ގިނަ އާއިލާތަކެއް ނިކަމެތިވެ ޙާލުގައި ޖެހުމަށް މެދުވެރިވާނެ ސަބަބެއްކަމާއި އަދި ޓޫރިޒަމް ސިނާޢަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަކީ އެ ފަރާތްތަކުގެ އާއިލާ އާއި ދުރުގައި ތިބެ އިތުރު އެހެން މަސައްކަތެއް ކުރުމުގެ ފުރުޞަތު ނުލިބި ހަމައެކަނި ރިސޯޓްގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީއަކުން ޢާއިލާގެ ޚަރަދުތައް މަހުން މަހަށް ބަލަހައްޓަމުންދާ ބައެއްކަމަށް ވީއިރު އެ ފަރާތްތަކާއި ކުރިމަތިވާނެ ދަތި އުނދަގޫ ނުހަނު ބޮޑުވާނެކަން ފާހަގަކޮށްފައިވެއެވެ.
ޚާއްޞަކޮށް މި ދަނޑިވަޅުގައި މިފަދަ ގޮތަކަށް، ވަޒީފާތަކުން މުވައްޒަފުން ވަކިކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމަކަށް ނުވާ ހިނދު، ވަޒީފާ ގެއްލިގެންދާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އަށާއި، ވަޒީފުއާއި ބެހޭ ޓްރައިބިއުނަލް އަދި ޓޫރިޒަމް ކުރިއެރުވުމަށް އުފައްދަވާފައިވާ ޖަމްޢިއްޔާތަކަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ދިވެހިރާއްޖޭގެ މަސައްކަތްތެރީންގެ ވަޒީފާތަކަށް، ނުރަނގަޅު އަސަރެއް ކުރާނެ އެއްވެސް ކަމެއް ވަޒީފާ ދެއްވާ ފަރާތްތަކުންމި ދަނޑިވަޅުގައި ނުކުރުމަށް އެ ކައުންސިލުން ގޮވާލާކަމަށް އެނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ދިއްދޫ އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 600 އަށް ވުރެގިނަ ރައްޔިތުން އުޅެމުން އަންނަ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!