ސައޫދީ އަރަބިއްޔާ ސަރުކާރުން ޙައްޖަށް މީހުން ގެންދިއުމަށް އެންމެ ފަހުވަގުތު ފުރުޞަތު ހުޅުވާލިނަމަވެސް ޙައްޖަށް މީހުން ފޮނުވޭވަރަށް ސަރުކާރުން މިކަމުގެ އިންތިޒާމުތައް ހަމަޖައްސަވަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު ޕްރޮގްރާމްގައި" ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ މިހާރުގެ ޙާލަތަށް ރިޔާޢަތްކޮށް ޤައުމުތަކުން ޙައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން ސައޫދީ އަރަބިއްޔާ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

ދުނިޔޭގެ ޤައުމުތަކުން ޙައްޖަށް މިއަހަރު ގެންދެވޭނެ މީހުންގެ އެންމެ މަދު ޢަދަދެއް ކަނޑައަޅައިގެން އެފުރުޞަތު ދިނުމަށް ސަޢުދީ ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން އެނގިވަޑައިގެންފައިވާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިއަހަރު ދެލައްކަ ހަތްދިހަ ހާސް މީހުން ޙައްޖަށް ގެންގޮސް އަދި ވަކި އިންތިޒާމްތަކާއެކުވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޤައުމުތަކަށް ހުޅުވާލުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް މީހުން ނުފޮނުވުމަށް 9 ޤައުމަކުން ވަނީ ނިންމާފައެވެ. ޙައްޖުގެ އަޅުކަން މިއަހަރު ނުބާއްވާގޮތަށް ހަމަޖެއްސިކަން ސައޫދީ ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮންމެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ސައޫދީ އަރަބިއްޔާއަށް ދެއެވެ.