ހދ. ނައިވާދޫ ޒުވާނުންގެ ހިތުގައި ނައިވާދޫއަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަން ދައްކައްކައި ދިނުމުގެ ސިލްސިލާއަށް މިފަހަރު އިތުރުވި ބޮޅަކީ ރަށުގެ ބަނދަރުގައި ތިބެގެން ފަސޭހަ ކަމާއިއެކު މަސްކެނޑޭނެ ގޮތް ރައްޔިތުންނަށް ފަހިކޮށްދިނުމެވެ.
ނައިވާދޫ ޒުވާނުން ވަނީ އެރަށުގެ ބަނދަރު އުތުރު ކަނުގައި މަސްކަނޑާ އަށްޓެއްހަދައި، މިރޭން ފެށިގެން އެ އަށި ރައްޔިތުންނަށް ބޭނުން ކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ.
ނައިވާދޫ ބަނދަރަށް މަސްވިއްކަން އަންނަ ދޯނިފަހަރުން މަސްގަނެގެން މިހާރު ފަސޭހަކަމާއިއެކު މަސްކަނޑާލައިގެން ގެއަށް ދެވޭނެއެވެ. އަދި މަސް ބާނައިގެން އަންނަ ރަށު މީހުންނަށްވެސް ބަނދަރުގައި ތިބެގެން ފަސޭހަ ކަމާއިއެކު މަސް ކަނޑައިގެން ގެއަށް ދެވޭނެ ގޮތް ޒުވާނުން މިވަނީ ހަދައިދީފައެވެ.

ފުރަބަންދުގެ ހާލަތު ކުރިމަތި ވެފައިވާ ދުވަސްވަރަށް ދިމާވުމުންނާއި، ދޭތެރެ ދޭތެރެއިން ކުރަމުންދާ ވިއްސާރައިގެ ސަބަބުން މި މަސައްކަތް ނިންމާލަން ޒުވާނުންނަށް ވިއްސަކަށް ދުވަސް ހޭދަކުރަން ޖެހުނެވެ. 20 ފޫޓް 18 ފޫޓްގެ މި މަސްކަނޑާއަށި ހެދުމަށް ދިޔަ ހުރިހާ ޚަރަދެއް ކުރީ، އެޒުވާނުންގެ އަމިއްލަ ޖީބުން ހެޔޮ އެދޭ ބައެއް މީހުންގެ އެހީތެރި ކަމާއި އެކުގައެވެ.

ނައިވާދޫ ޒުވާނުން މީގެ ކުރިން ވަނީ އެރަށުގެ ބަނދަރު މަތީ ގައި “ނައިވާދޫ” ނަން ބޯޑު ހަދައި، އެރަށުގެ މޫނު މައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސް ދީފައިއެވެ. އަދި އެ ޒުވާނުންވަނީ ލޯކަލް ޓޫރިޒަމަށް މަރެއް ފަދަ އެރަށުގެ ހިތްގައިމު ގޮނޑު ދޮށުގައި ރަށުގެ ސާފު މޫދަށް އެރި، ކަސްރަތު ކޮށްލަން ދާ މީހުން ހިތް އުފާ ކޮށްލުމަށް ތިބޭނެ އުނދޯލިވެސް އެލުވައި ދީފައިއެވެ.
މީގެ އިތުރުން އެޒުވާނުން ވަނީ މިއަހަރުގެ މާރިޗް މަހުގެ 11 ވަނަ ދުވަހު ނުކުމެ އެރަށުގެ ހުކުރު މިސްކިތްވެސް ސާފުކޮށް، މިސްކިތުގައި ކުރަން ވެފައި ހުރި ބައެއް މަސައްކަތްތައްވެސް ކޮށްދީފައެވެ.
އެޒުވާނުންގެ މިހާރުގެ ވިސްނުމަކީ ރަށުގައި ހިނަވާގެއެއް އެޅުމެވެ. މިކަމަކީވެސް މިޒުވާނުންގެ ގުޅުމާއި، ޖޯޝަށް ބަލާއިރު ހާސިލް ނުވެ ނުދާނެ ކަމެއްކަން ގައިމެވެ.
ކޯވިޑް-19 ގެ ސަބަބުން އަދާ ކުރަމުން ދިޔަ ވަޒީފާގެ ނޯޕޭ ލީވަށް ރަށަށް ދާން ޖެހުމުންނާއި، ވަޒީފާ އަދާ ކުރަމުން ދިޔަ އޮފީސްތައް ބަންދު ވުމުން ރަށަށް ގޮސްތިބި ނައިވާދޫގެ ޒުވާނުން، ރަށުގައި ތިބި ޒުވާނުންނާއި ގުޅިގެން ކުރަމުން މިދާމަސައްކަތްތަކުން ރަމްޒުކޮށް ދެނީ ޒުވާނުންގެ ހިތުގައި އަމިއްލަ ރަށަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ އެކުވެރި ކަމެވެ. ހަމަ އެހެންމެ އެރަށުގެ ރައްޔިތުންގެ އެއްބައި ވަންތަ ކަމެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!