ކުޅުދުއްފުށިން މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަކަމަށް ފުލުހުން ބުނެފިއެވެ.

ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

Ad
rt

މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 19:10 ހާއިރު ހިންގި މި އޮޕަރޭޝަނުގައި 24 އަހަރުގެ މީހާ މަގުމަތިން ހުއްޓުވި ވަގުތު އޭނާ ބިންމައްޗަށް ވައްޓައިލި ތަކެތި ފުލުހުން ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 11 ސެލޯފިން ކޮޅާއި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.

މިމައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އިތުރަށް ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މީގެ 3 ދުވަސް ކުރިން ފުލުހުން ވަނީ ކުޅުދުއްފުށި ސިޓީއިން ފިނޭއަށް ދިޔަ މުދާ އުފުލާ ފެރީއަކުން ފިނޭއަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިން ކޮތަޅު ޕާނަކަށްލައި ފޮރުފައިގެން ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިގެން 3 މީހަކު ހައްޔަރުކޮށްފައެވެ. މި 3 މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.

މީގެ އިތުރުން ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށިން ހަނިމާދޫއަށް އައި ލޯންޗަކުން ފައިބައިގެން ދަނިކޮށް މިމަހުގެ 6 ވަނަ ދުވަހު 38 އަހަރުގެ މީހަކު ހަނިމާދޫއިން ވަނީ ހައްޔަރުކޮށްފައެވެ. އަދި މިމަހުގެ 7 ވަނަ ދުވަހު ކުޅުދުއްފުށިންވެސް ވަނީ 57 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.

ފަހަކަށް އައިސް ހދ. އަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވަނީ ކަންބޮޑުވާ ދަރަޖައަށް އިތުރުވެފައެވެ.