ހައްލު އޮތީ ބާ ކައުންސިލްގެ ޤާނޫނުގައި ބުނާ ބާ އިމްތިހާނުގެ މުޤައްރަރު، ޤާނޫނެއްގެ ގޮތުގައި މަޖިލީިހުން ހަދައި، އެ ކައުންސިލަށް ފޮނުވައިގެން ކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުޙްސިން ހަމީދު ވާހަކަ ދައްކަވައި ނިމުމުން، ދެއްކެވި ވާހަކާގައި އެވެ.

Ad
rt

މެމްބަރު އަބުދުލް މުޙްސިންގެ ވާހަކައަށް އިޝާރާތް ކުރަށްވަމުން މަޖިލިސް ރައީސް ރައީސް ނަޝީދު ވިދާޅުވީ ހުރިހާ އިއްޒަތްތެރި މެންބަރުން ގާނޫނީ ވަކީލުކަން ކިޔަވާ ނިންމާ ދަރިވަރުންނަށް ލުއި ލިބޭނެ ގޮތަށް އެފުރުޞަތު އެ ކުދިންނަށް ދިނުމަށް އެދޭނެ ކަމަށް ޔަޤީން ކުރަށްވާ ކަމަށެވެ.

" އަޅުގަނޑުމެން ކުރާންޖެހިފައި މި އޮތް ކަމަކީ ބާ ކައުންސިލުގެ އިމްތިހާނެއްގެ މުޤައްރަރު ވެސް މިތަނުން ހަދާފައި، އޭތި ވެސް ފޮނުވުން. އެހެންނޫނިއްޔާ، އަނެއްކާވެސް އަޅުގަނޑަށް ފެންނަ ތަނުގައި އަހަރެއްހާ ދުވަސް ކޮށްފައި އަޅުގަނޑުމެންނަށް އޮންނާނީ މިކަން ނުވެފަ. އެހެންވީމާ، އިމްތިހާނު މުޤައްރަރު އެއީ ގާނޫނެއްގެ ގޮތުގައި މި ތަނުން ހަދާފައި ފޮނުވުންހެން އަޅުގަނޑަށް ފެންނަފެނުމުގައި މީގައި ޙައްލަކަށް މި އޮތީ." މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

މެމްބަރު އަބުދުލް މުޙުސިން ވަނީ އެ ބިލުގައިވާ އިޞްލާޙަކީ ރަނގަޅު އިޞްލާޙެއް ކަމަށް
ފާހަގަކުރެއްވައި ވާހަކަ ދައްކަވާފައެވެ. އަދި ގާނޫނީ ވަކީލުކަން ކިޔަވާ ނިންމާ ދަރިވަރުންނަށް ހުރި ދަތިތައް، ފާހަގަ ކުރަށްވައި އެކަންކަމުގެ ހައްލު ބޭނުންވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ “ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު”ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުވަހުގެ ތަމްރީނު ފުރިހަމަކުރުމާއި، ބާ އިމްތިހާނު ފުރިހަމަކުރުމަށް އަމަލުކުރުން ފަސްކުރަން، އެ ގާނޫނަށް ރައްޔިިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްލާހެއް ހުށަހަޅުއްވައި ބިލެއް މަޖިލީހަށް ހުށަހެޅުއްވީ 17 މެއި 2020 ގައެވެ.

އެ އިސްލާހު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވެފައި ވަނީ ކޯވިޑް-19 އާ ހެދި ރާއްޖޭގެ ފަރުދުންނާއި މުއައްސަސާތަކުގެ މަސައްކަތް ލަސްވެ، އަމިއްލަ ގިނަ މަސައްކަތްތައް މުޅިން ހުއްޓުމަަކަށް އައިސްފައިވާ ކަމަށާއި އެހެންވެ، ގާނޫނީ ވަކީލުކަން ކިޔަވާ ނިންމާ ދަރިވަރުން ހަދަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީނަށް މިހާލަތުގައި ހުރަސްއެޅިފައިވާ ކަމަށެވެ.

ތަމްރީނު ނިންމުމަށް ފަހު ހަދަން ޖެހޭ އިމްތިހާނަކީ އެެމެރިކާގެ ނެޝަނަލް ސެންޓާ ފޯ ބާ އެގްޒެމިނާސް (އެންސީބީއީ)އާ ގުޅިގެން ބާއްވާ އިމްތިހާނެއް ކަމުން، މިހާލަތުގައި އެ އިމްތިހާނު ބާއްވަން ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް ބާ ކައުންސިލުން ބުނެފައިވާ ކަމަށް ވެސް ނާޒިމްގެ ހުށަހެޅުއްވުމުގައި ވިދާޅުވެފައި ވެ އެވެ.

ނާޒިމް އިސްލާހު ހުށަހެޅުއްވީ ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތައް އަމަލުކުރުން 1 ޖެނުއަރީ 2021 ހަމަޔަށް ފަސްކުރުމަށެވެ.

އިސްލާހުގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަ ކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރެވިފައި ނުވާތީ 300 ވުރެ ގިނަ ވަކީލުންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ފެށިފައިނުވާ ކަމަށް ބުނެފައި ވެއެވެ.