ހއ. އިހަވަންދޫއިން ގޯތިލިބުނު ގޯތި ލިބުނު 200 ( ދުއިސައްތަ ) ފަރާތުގެ ލިސްޓް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން އާއްމުކޮށްފިއެވެ.
އިހަވަންދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިލިސްޓް އެ އިދާރާގެ ނޯޓިސްބޯޑު ތަކުގައާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަން ހުންނާނެކަމަށެވެ.
އެކައުންސިލުން ކުރި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ އެ އިދާރާގެ ނަމްބަރު (IUL)248-CAA/248/2019/90 ( 08 ސެޕްޓެމްބަރ 2019 ) ގެ އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ނުވަތަ އެފަރާތްތަކުގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ދޫކުރާ ފުލެޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައިވޭތޯ ބަލާފައިވާނެކަމަށެވެ.
އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ ބޭނުމަށްޓަކައި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ބެލުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި އިޢުލާންކުރާ ތާރީޚުގައި ތަރިކައިގެ އުޞޫލުން އެއްވެސް ތަނެއް އެފަރާތްތަކަށް ލިބުމުގެ ޝަރުޠު ފުރިހަމަވެފައިވާނަމަ ތަރިކައިގެ މައްސަލަ ޝަރީޢަތް މެދުވެރިކޮށް ނިންމާފައިވޭތޯ ސިޓީ ކައުންސިލްތަކުންނާއި ރަށުކައުންސިލް ތަކުންނާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓުންނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނާއި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންނާއި އަދި ދިރިއުޅުމަށްޓަކައި އެރަށުން ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަން ބަލަހައްޓާ ކޮމެޓީންބަލާފައިވާނެ ކަމަށެވެ.
އިހަވަންދޫއިން ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ޕްރީ ސްކޫލު ގޯތީގެ ހުޅަނގުނގު މަގާއި އިރުމަތީ މަގާއި ހަވީރީ ހިނގުމާއި ދެމެދުން ޕްރީ ސްކޫލް ގޯތީގެ އުތުރުން، ރާދަ ހިނގުމާއި ދެމެދު ސަރަހައްދުން ނެގޭ ގޯތި ތަކާއި، މުތީ ގޯޅީގެ ހުޅަނގުން ނޫރާނީ މަގުގެދެކުނުން ކަތީބުކަލޭފާނު މަގުގެ އިރުން އޮތް ބިމުން ނެގޭ ގޯތިތަކާއި އަދި ކަތީބު ކަލޭފާނު މަގުގެ ހުޅަނގުން ނޫރާނީ މަގުގެ ދެކުނުން އޮތް ސަރަހައްދުން ޖުމުލަ 40 ފޫޓު 40 ފޫޓުގެ 200 (ދުއިސައްތަ) ގޯއްޗެވެ.
އިހަވަންދޫއިން ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް، އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެ ލިސްޓަކީ އިހަވަންދޫން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓު ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށައެޅުނު ޝަކުވާތަކާގުޅިގެން ގެނެވުނު ބަދަލުތަކާއެކު އާއްމުކޮށްފައިވާ ލިސްޓެކެވެ. އިހަވަންދޫން ދޫކުރަން ނިންމާފައިވާ 200 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 457 މީހަކު ކުރިމަތިލީއިރު ޝަރުތު ހަމަވުމުން ޕޮއިންޓު ދީފައި ވަނީ 455 މީހަކަށެވެ. ޝަރުތު ހަމަވުމުން ޕޮއިންޓު ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް 26 ނޮވެންބަރު 2019 ގައި ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ޝަކުވާ ހުށައަޅާފައިވެއެވެ.
އިހަވަންދޫން ގޯތި ދޫނުކުރާތާ 13 އަހަރަށް ފަހު ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ 2016 ވަނަ އަހަރު އެވެ. އޭރު ދޫކުރި 100 ގޯއްޗަށް، 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެ ގޯތިތަކަށް ހޮވުނު މީހުންނަށް، 2018 ވަނަ އަހަރު ވަނީ އެކަމުގެ ލިޔުން ވެސް ޙަވާލުކޮށްފައެވެ. އަދި އިތުރު 100 ގޯއްޗަށް ކުރިމަތިލުމަށް އޭރު އިޢުލާނު ކުރިއެވެ.
ސަރުކާރު ބަދަލުވުމާއެކު އިހަވަންދޫ ކައުންސިލުން ވަނީ ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ.
2018 ވަނަ އަހަރުގެ ފެބުރުއަރީ މަހު އޭރުގެ ސަރުކާރުން އެ ރަށުގެ ފަސް ކައުންސިލަރުން ހަ މަހަށް ސަސްޕެންޑް ކުރުމަށްފަހު، އޭގެ ފަހުން ގޯތި ދޫކުރުމުގެ ކަންކަން ކުރީ ހައުސިން މިނިސްޓްރީގެ ޓީމަކުންނެވެ. ސަސްޕެންޝަން ނިމި ކައުންސިލަރުން އޮފީހަށް ނުކުންނެވުމުގެ ކުރިން މިނިސްޓްރީން ވަނީ ގޯތި ދޫކޮށް އެކަމުގެ ލިޔުން ވެސް ޙަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!