ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން އިތުރު ސިއްޙީ ސާމާނުގެ އެހީތެރިކަން ފޯރުކޮށް ދީފިއެވެ.

މިއީ ޗައިނާ ސަރުކާރުން ކޯވިޑާއި ގުޅިގެން ރާއްޖެއަށް އެހީގެ ތަކެތި ހަދިޔާކުރި 3 ވަނަ ފަހަރެވެ. މީގެ އިތުރުން ޗައިނާގެ ބައެއް ޖަމްޢިއްޔާތަކާއި، ކުންފުނިތަކުންވެސް ރާއްޖެއަށް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ.

Ad
rt

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖެއަށް އެހީތެރިވުމަށް ތިންވަނަ ޝިޕްމަންޓެއްގެ ސިއްހީ ތަކެތި ގެނެސްފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ 5،000 މެޑިކަލް ފޭސް މާސްކާއި 50،000 ސާޖިކަލް މާސްކްގެ އިތުރުން 5،000 ޕީޕީއީ ކިޓާއި 5،000 މެޑިކަލް ގޮގްލްސްއެވެ.

މެއި 2 ވަނަ ދުވަހުވެސް ޗައިނާއިން ވަނީ ރާއްޖެއަށް ތަކެތި ގެނެސް ހަދިޔާ ކޮށްފައެވެ. އެދުވަހު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 10،000 ޓެސްޓިންގ ކިޓް އަދި ސާމްޕަލް ސްޓިކް، 209،080 ޑިސްޕޯސެބަލް މާސްކް، 11،500 އެން 95 މާސްކް، 350 މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 10 ވެންޓިލޭޓަރުވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް ކޯވިޑާއި ގުޅިގެން ޗައިނާއިން އަންނަނީ ރާއްޖެއަށް އެހީތެރި ވަނުންނެވެ. މިގޮތުން ޗައިނާގެ ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު، ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައިގެން އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ކުރިން ވިދާޅުވެފައެވެ.

ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިންގް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ރާއްޖެއަށް ދެލައްކަ ފޭސް މާސްކް ހަދިޔާ ކޮށްފައި ވާއިރު، ޗައިނާ މެޝިނަރީ އިންޖިއަނަރިންގް ކޯޕަރޭޝަނުންވެސް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް، ޕީޕީއީ ހަދިޔާކޮށްފައެވެ.

ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިންވެސް ވަނީ ސަރުކާރަށާއި، އަދި އޭޑީކޭ ހޮސްޕިޓަލުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) ، ފޭސް މާސްކު އަދި ގޮގުލްސް ހަދިޔާކޮށްފައެވެ.

ޗައިނާއިން ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 800 މީހުންގެ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށް ދީފައެވެ. އަދި އެ ޤައުމުން ވަނީ ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާ ކުރުމުގެ މުއްދަތު ފަސްކޮށްދިން 77 ގައުމު ތެރޭގައި ރާއްޖެ ހިމަނާފައެވެ.