ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްއާރުއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވަނީ އެކަމަނާ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން ޔަޤީން ކޮށްދެއްވާފައެވެ.

Ad
rt

އެކަމަނާ އިސްތިއުފާ ދެއްވަން ނިންމެވީ ސިއްހީ ހާލުކޮޅު ގޯސް ވަމުން ގޮސް އިތުރަށް ގޯސްވެގެން ކަމަށާއި، ފާއިތުވެ ދެ ދުވަހު އެކަމަނާ އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާކަމަށް މައުލޫމާތު ދިން މީހާ ކިޔައިދީފައިވެއެވެ.

އާތިފާ ހައުސިން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު އެކަމަނާ މަގާމުން ދުރު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންނެވި މައްޗަންގޮޅީ މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ރިޔާޒް ވަނީ އިއްޔެ ރައީސް ނަޝީދަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫގެ ފްލެޓުތަކުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހުގެ ނިޔަލަށް ފްލެޓްތައް އޭގެ ހައްގުވެރީންނަށް ހަވާލު ކުރެވޭނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި މިނިސްޓަރު އާތިފާ ވިދާޅުވުމަށްފަހު، އެއީ އޮޅިގެން މިނިސްޓަރަށް ވިދާޅުވެވުނު އެއްޗެއް ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ބަޔާނެއް ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމާނައަށް ވަނީ އަމާޒުވެފައެވެ.

ކުރީގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި އާތިފާ މިނިސްޓަރަކަށް ހަމަޖެއްސެވީ، ކޯލިޝަންގެ އެއް ބައިވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ސްލޮޓެއްގަ އެވެ.