ދިވެހިރާއްޖޭގައި މިހާރު ހަފުތާއަކު މަސައްކަތް މިކުރަނީ 40 ގަޑިއިރު ކަމަށާއި، ރަނގަޅު ނަތީޖާއެއް ނެރުމަށްޓަކައި ރާއްޖޭގެ ހަފުތާއެއްގެ މަސައްކަތުގެ ވަގުތު 40 ގަޑިއިރަށްވުރެ އިތުރުކުރަން ޖެހޭ ކަމަށް ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

މެމްބަރު އިބްރޭ މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލިސްގައި ބަހުސްކުރެވުނު ސަރުކާރުގެ ފަރާތުން ކެނދި ކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖެގެ ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބުތިދާއީ ބަހުސް މަރުހަލާގައި އެ ބިލަށް ބަހުސް ކުރަށްވަމުންނެވެ.

Ad
rt

ބަހުސްގައި މެމްބަރު އިބްރޭ ވިދާޅުވީ ވިޔަފާރިއަކީ މި ރާއްޖޭގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ. ސަރުކާރު ދެމިއޮންނާނީ ވިޔަފާރިވެރިން ކުރާ ވިޔަފާރިވެރިންގެ މައްޗަށްކަމަށާއި، އަދި ވިޔަފާރިވެރިން ދައްކާ ޓެކްސްގެ މައްޗަށް ކަމަށް އިބްރޭ ވިދާޅުވިއެވެ.

ޤައުމު ހިންގަމުން މި ދަނީ ޓެކްސުން ކަމަށް ފާހަގަ ކުރަށްވައި އިބްރޭ ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަދީ އަދި އިޤުތިޞާދީ، އިޖުތިމާޢީ މަސައްކަތްތައް ކުރަމުން ގެންދަނީ ވެސް އެ ޓެކްސް ފައިސާއިން ކަމަށެވެ. އެހެންކަމުން ވިޔަފާރިވެރިން ކުރާ ވިޔަފާރި ވެސް ބަލަން އެބަޖެހޭ ކަމަށް އިބްރޭ ވިދާޅުވިއެވެ.

" މަސައްކަތްތެރިން މަސައްކަތްކުރާ ގަޑިއަށް ވެސް އަޅުގަނޑުމެން ބަލަން އެބަޖެހޭ. ރާއްޖޭގައި މަސައްކަތް މި ކުރަނީ ހަފުތާއަކު 40 ގަޑިއިރު. މި ގަޑިއިރަކީ އާއްމުކޮށް ތަރައްޤީވެފައި ހުންނަ ޤައުމުތަކުގައި، ޔޫރަޕުގައި ނުވަތަ އެމެރިކާގައި، ނުވަތަ އެހެނިހެން ވެސް ތަރައްޤީވެފައި ހުންނަ ޤައުމުތަކުގައި މަސައްކަތްކުރާ އަދަދު. އާއްމުކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި މަސައްކަތް އެބަކުރޭ 44 ގަޑިއިރު، 46 ގަޑިއިރު. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވެސް ވިސްނާލަން ވަރަށް މުހިންމު ނުކުތާއެއް. އަޅުގަނޑުމެންނަށް ގިނައިރު މަސައްކަތްކުރެވިގެން ނޫނީ ނަތީޖާއެއް އަޅުގަނޑުމެންނަށް ނުނެރެވޭނެ." އިބްރޭ ވިދާޅުވިއެވެ.

" އަޅުގަނޑުމެން ކުންފުނިތަކަށް، ސަރުކާރަކަށް އަޅުގަނޑުމެން ހިއްސާއެއް ނުކުރެވޭ މަސައްކަތްތެރިން. އަޅުގަނޑުމެންނަކީ މަސައްކަތުގައި މާ ގިނަ މެޝިން ބޭނުންކުރާ ޤައުމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްކުރާ ގަޑި ވެސް މުރާޖާކުރެވެން އޮވެއްޖެ ނަމަ، މުރާޖާކުރެއްވުމަށް. އެހެންވީމާ، މި ގަޑިއަކީ ވެސް އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިންމު އެއްޗެއް މަސައްކަތްކުރުމުގައި، މި ދަންނަވާ ގޮތަށް ވިޔަފާރިވެރިންނަކީ މި ޤައުމުގެ އެންމެ ބޮޑު ހިއްސާދާރު، އަޅުގަނޑުމެންގެ އިޤްތިޞާދަށް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ވިޔަފާރިވެރިން ކަމުގައި ވާތީވެ." މެމްބަރު އިބްރޭ އިތުރަށް ވިދާޅުވެފައި ވެއެވެ.

ބަހުސްގައި އިބްރޭ އިތުރަށް ވިދާޅުވެފައި ވަނީ މިނިމަމް ވޭޖް ވާންޖެހޭނީ ސަރުކާރުން ފޯރުކޮށްދޭ ސޯޝަލް ހައުސިންއަށް ވެސް، ސޯޝަލް ހައުސިންގ ނަގައިގެން އެއަށް ފައިސާ ދެއްކޭނެވަރުގެ އަދަދަކަށް ކަމަށެވެ. ދެމަފިރިން މަސައްކަތްކޮށްގެން ދެ ކުދިންނާއެކީ ތާހިރު ދިރިއުޅުމެއް އުޅެވޭވަރުގެ އަދަދަށް މިނިމަމް ވޭޖް ވާންޖެހޭ ކަމަށްވެސް އިބްރޭ ވިދާޅުވިއެވެ.

ރިސޯޓުތަކުގައި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަދި ދަށު ފަންތީގެ ވިޔަފާރިތަކަށް މި ވޭޖް ތަފާތުކުރި ނަމަވެސް، ތާހިރު ދިރިއުޅުމެއް ނުދަރައި އުޅެވޭނެވަރު މުސާރައަކަށް މިނިމަމް ވޭޖުން ލިބޭ މުސާރަ ވާންޖެހޭ ކަމަށްވެސް އިބްރޭ ވިދާޅުވިއެވެ.

ސަރވިސް ޗާޖުގެ ދިނުމާއި ގުޅޭގޮތުން އިބްރޭ ވިދާޅުވީ ރިސޯޓުގައި މަސައްކަތްކުރާ ހުރިހާ އެންމެންނަށް ސަރވިސް ޗާޖު ދޭންޖެހޭނެ ކަމަށެވެ. ކޮންޓްރެކްޓް ގޮތަށް ނަގާފައި ތިބޭމީހުންނަށާއި، ވަގުތީ މަސައްކަތު މީހެއްގެ ގޮތުގައި ނަގާފައި ތިބޭ މީހުންނަށާއި، އެ ރިސޯޓުގެ އޮފީހާއި، މާލޭ އޮފީހާއި އަދި އެހެނިހެން އޮފީސްތަކުގައި ރިސޯޓަށް ގެސްޓުން ހޯދައިދިނުމަށާއި ގެސްޓުންނަށް ޚިދުމަތްދިނުމަށް މަސައްކަތްކުރާ އެންމެންނަށް ސަރވިސް ޗާޖުން ބައިއެޅިގެން ބެހެންޖެހޭ ކަމަށް އިބްރޭ ވަނީ ވިދާޅުވެފައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ބަދަލު ކުރަން ހުށަހަޅާފައިވާ ގޮތް:

  • "ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނުކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓިފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނޫނީ، އެ މުވައްޒަފަކަށް ސަލާމަތުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ."

މުވައްޒަފުން ބަލިވެގެން ސަލާމް ބުނާނަމަ، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އޮންނަ އުސޫލު ބަދަލުކުރުމަަށް، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރަނގަޅުކަމަށް އިއްޔެގެ ޖަލްސާގެ ބަހުސްގައި ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.