އަވަށްޓެރި އިންޑިއާގައި ހަލުވި ކަމާއިއެކު ކޯވިޑް-19 ފެތުރެމުން ދިޔަ ނަމަވެސް އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފިއެވެ.
އެ ޤައުމުން އިއްޔެވެސް އަލަށް 8،442 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި 266 މީހުން އިއްޔެ ވަނީ މަރުވެފައެވެ. މިހާތަނަށް އިންޑިއާގެ 265,928 މީހުންނަށް މި ބަލިޖެހި، 7,473 މީހުން ބަލީގައި ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 129,095 މީހުންނެވެ. އެ ޤައުމަކީ ދުނިޔޭން 6 ވަނަ އަށް އެންމެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހުނު ޤައުމެވެ.
އެ ޤައުމުގެ ބަލީގެ ހާލަތު މިގޮތަށް އޮތްނަމަވެސް އެ ޤައުމުގެ އެކި ކަންކޮޅުތަކުގެ ސިޓީތަކުންވަނީ، ވިޔަފާރި މޯލްތައް ހުޅުވައި، ފައްޅިތައްވެސް ހުޅުވާފައެވެ. ވެރިރަށް ނިއުދިއްލީގައިވެސް ޝޮޕިންގ މޯލްތަކާއި، ރެސްޓޯރަންޓްތަކާއި، ފައްޅިތަކާއި، މިސްކިތްތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.
މިއީ، އިންޑިއާގައި އިޢްލާންކޮށްފައިވާ ލޮކްޑައުންއަށް 10 ހަފްތާ ވެގެން ގޮސްފައިވާއިރު، މިއަހަރުގެ މާޗްމަހުގެ 25 ވަނަދުވަހުގެ ފަހުން އެތަންތަން އާންމުކޮށް ހުޅުވާލުމުގެ ހުއްދަދިން ފުރަތަމަ ފަހަރެވެ.
ބޮޑެތި ލުއިތައް ދިނުމުގެ ރިސްކު އިންޑިއާ ސަރުކާރުން މިނެގީ، އިގްތިސާދަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެއެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، ކޯވިޑް-19 ބަލީގެ ހާލަތު އިންޑިއާގައި ޕީކަށް އަރައިގެންދާނީ ޖުލައިމަހުގެ ތެރޭގައި ކަމަށެވެ.
މިހާރު މުޅިދުނިޔޭން މިބަލި ވަނީ 7,193,476 މިލިއަން މީހުންނަށް ޖެހި، 408,614 މީހުން މަރުވެފައެވެ. އަދި މިބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 3,532,224 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!