ހއ. ދިއްދޫ ޒުވާނުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙްމަދު މަޚްލޫފު މިރޭ ދެއްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ އަބްދު ﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ދިއްދޫގެ ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް މިރޭ ވަނީ އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރ އަބްދުﷲ ވަހީދު އާއި ދިއްދޫގެ ކްލަބްތަކާއި، ދިއްދޫ ކައުންސިލާއި އަދި ޒުވާނުންގެ މަރުކަޒުގެ ފަރާތުންވަނީ ބައިވެރިވެފައެވެ.

Ad
rt

މިބައްދަލުވުމަށްފަހު ދިއްދޫ ދާއިރާގެ މެމްބަރ އަބްދުﷲ ވަހީދު ބުނެފައިވަނީ ދިއްދޫ ދެކުނު ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތަކާއި، އުތުރު ދަނޑު ބޭނުންކުރަން ފެށުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ދިއްދޫގެ ދަނޑުގެ މަސައްކަތްކުރިއަށް ގެންދިޔުމުގައި ޒުވާނުން އެދޭ ކަންކަމަށާއި ޒުވާނުން ފާހަގަކުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވައިގެން އެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވި

ދިއްދޫ ދާއިރާގެ މެމްބަރ އަބްދު ﷲ ވަހީދު ބުނެފައިވެއެވެ.

މީގެ އިތުރުން ވަހީދު ބުނެފައިވަނީ މި މަސައްކަތުގައި މިނިސްޓަރ ދެއްވާ އެހީތެރިކަމަށާއި ދިއްދޫގެ ޒުވާނުންނާ މެދު ބަހައްޓަވާ ގާތްކަމަށް ޝުކުރު ދަންނަވާކަމަށާއި އަދި ދިއްދޫގެ ޒުވާނުންނާއި ކްލަބްތަކުގެ ވެރިންނާއި މެމްބަރުންނަށް އަދި ކައުންސިލާއި ސަރުކާރުގެ މުއައްސަސާތަކަށް ވެސް ޝުކުރު ދަންނަވާކަމަށެވެ.

ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ޓާފްގެ ސަބްބޭސް ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތާއިމެދު އެރަށު ޒުވާނުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.