އިހަވަންދޫ ބަނދަރުގެ މަސައްކަތް ފެށުމާއި ގުޅިގެން އިހަވަންދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ އެދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު މިއަދު ވިދާޅުވީ މަސްވެރިންގިނަ އިހަވަންދޫ ރައްޔިތުންގެ އެއްމެބޮޑު އެއްއުއްމީދު ކަމުގައިވާ އިހަވަންދޫ ބަދަރު ބޮޑު ކުރުމުގެ މަސައްކަތް މިއަދު ފެށުމަކީ ލިބިލެއްވި ވަރަށްބޮޑު އުފަލެއް ކަމަށެވެ.

"މިދަތި ދަނޑިވަޅުގައިވެސް މިމަސައްކަތް މަޑުނުޖައްސައި ކުރިއަށް ގެންދިއުމަށް ނިންމީތީ ރައީސް އިބުރާހިމް މުޙައްމަދު ސާލިހުއަށް ހިތުޖެ އިޙުލާސްތެރި ޝުކުރު އަރިސްކުރަން. އެމަސައްކަތެއް ފެއްޓުމަށް އަޅުގަނޑު އެއްމެބޮޑު ސަމާލުކަމެއްދިން މަސައްކަތް މިހިސާބަށް ގެނައުމުގައި އެހީތެރިވެދެއްވި އެންމެފަރާތްތަކަށް ޝުކުރުދަންނަވަން. ހާއްސަ ގޮތެއްގައި އެމް ޓީސީސީ ގެ ސީއީއޯ އާދަމް އާޒިމް އަށް ސުކުރުއަދާކުރަން." ޝިފާއު ވިދާޅުވެފައި ވެއެވެ.

Ad
rt

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވައި، މިމަސައްކަތް އެރަށުގައި ފެށުމުގައި މެމްބަރު ޝިފާއުގެ ދައުރު ވަރަށް ބޮޑެވެ.

‏ހއ. އިހަވަންދޫ އައު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު، ޕްލޭނިންގ މިނިސްޓްރީއިން ސޮއިކޮށްފައި ވަނީ 26 އޯގަސްޓް 2019 ގައިއެވެ.

ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން ޚަރަދުކުރާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 51،725،810 އެވެ. މިމަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ 400 ދުވަހުގެ ތެރޭގައިއެވެ.

މިމަޝްރޫއުގެ ދަށުން 284 މީޓަރުގެ ބޭރު ތޮށި ލުމާއި، 95 މީޓަރު އެއްގަމު ތޮށިލުމާއި، 178 މީޓަރުގެ ރިވެޓްނެންޓް ޖެހުމާއި އަދި 120 މީޓަރުގެ ގްރޮއިން ހެދުން ހިމެނެއެވެ.

އިހަވަންދޫއަކީ ފުރާ ދުއްވާ ގަނޑެތި ގިނަ، މަސްވެރިކަމުގެ ބޮޑެތި އުޅަނދުތައްވެސް ވަރަށް ގިނަ އުތުރުން މަސްވެރިކަމަށް ފާހަގަ ކޮށްލެވޭ ރަށެކެވެ.