ހއ. އަތޮޅު ހޮސްޕިޓަލުގައި ހާއްސަ ޑޮކްޓަރުންނާއި އާންމު ބަލީގެ ޑޮކްޓަރުންގެ ޚިދުމަތް ހަފްތާއަކު 3 ދުވަހު ދިނުމަށް އެހޮސްޕިޓަލުން ނިންމައިފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ހާއްޞަ ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް މިހާރަށްވުރެން ލުއިފަސޭހަކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން 01 ޖޫން 2020 ވާ ހޯމަ ދުވަހުން ފެށިގެން އެޕޮއިންޓްމަންޓުގެ ހައްދައިގެން ހޯމަ، އަންގާރަ ބުދަ މި ތިންދުވަހު، 20 މީހުން ބެލޭނެ އިންތިޒާމް އެހޮސްޕިޓަލުން ހަމަޖައްސާފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. ނަމަވެސް ދަތުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް ދޫކުރެވޭނީ މި ތިންދުވަހު ދުވާލަކު 10 ނަންބަރު ކަމުގައި ދަންނަވާފައިވެއެވެ.

Ad
rt

މީގެ އިތުރުން އެހޮސްޕިޓަލުން ބުނެފައިވަނީ އާންމު ބަލިތަކުގެ ޑޮކްޓަރުން ހުކުރު ، ހޮނިހިރު މި ދެ ދުވަސް ފިޔަވާ ހުރިހާ ގަޑިތަކެއްގައި ޑިއުޓީގައި ބަލިމީހުން ބައްލަވަން ތިއްބަވާނެ ކަމަށެވެ. ނަމަވެސް ހުކުރު، ހޮނިހިރު މި ދެ ދުވަހު އާންމު ބަލިތަކުގެ ޑޮކްޓަރުން ތިއްބަވާނީ އޮންކޯލް ޑިއުޓީގައި ކަމުގައި އެހޮސްޕިޓަލުން ބުނެއެވެ.

ހާއްޞަ ޑޮކްޓަރަށް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެހޮސްޕިޓަލުގެ ނަމްބަރ 6500053، 6500003 އަށް ގުޅުއްވައި އެޕޮއިންޓްމަންޓް ހެއްދެވުމަށް ދަންނަވާފައިވެއެވެ. އަދި މި ދުވަސް ވަރަކީ ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށް ވާތީވެ، އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި އެޕޮއިންޓްމެންޓް ހެއްދުމަށް ހަމަޖެހިފައިވަނީ ފޯނުން ގުޅުއްވައިގެން އެކަނި ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

މިގޮތަށް މި ބަދަލު ގެނެވިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ގިނަ މީހުން އެއްވެ އުޅުން މަދު ކުރުމުގެ އުސޫލުގެ ދަށުން ކަމަށާއި އެޕޮއިންޓްމެންޓް ހެއްދެއްވުމަށް ގުޅުއްވާނީ މެންދުރު ފަހު 15:00 ން ރޭގަނޑު 20:00 އަށެވެ. އަދި މެމޯ ދޫކުރުން އޮންނާނީ ހެނދުނު 7:30 ން 11:30 އާއި ދެމެދުކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

މީގެއިތުރުން ކުރިއެކޭވެސް އެއްފަދައިން އެމެޖެންސީކޮށް އަންނަ ބަލިމީހުންނަށް މިހޮސްޕިޓަލުން ލިބެންހުރި ހުރިހާ ޚިދުމަތެއް ލިބެގެންދާނެ ކަމަށް ބުނެއެވެ.