ށ. ނަރުދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 11 މީހުންވެސް އެބަލިން ރަނގަޅުވެއްޖެއެވެ. އެ ހުރިހާ މީހުންވެސް އެބަލިން ރަނގަޅު ވުމުން މިއަދު ވަނީ ނަރުދޫއަށް ގެންގޮސްފައެވެ.

ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު "ތިލަދުން" އަށް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެންވެސް މިހާރު ބަލިން ފަސޭހަވުމުން ރަށަށް ގެނެސްފައިވާ ކަމަށެވެ.

Ad
rt

މިކަންވަނީ ކައުންސިލް މެމްބަރު ނިޒާރުގެ އިތުރުން އެރަށުގެ ކައުންސިލް ރައީސް އަހުމަދު އާރިފްވެސް ކަށަވަރުކޮށް ދެއްވާފައެވެ.

ނިޒާރު ވިދާޅުވީ އެރަށުން އެބަލި ހުރިތޯ ބެލުމަށް 98 މީހެއްގެ ސާމްޕަލް ނެގިކަމަށާއި، އެހުރިހާ ސާމްޕަލްވެސް ނެގެޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންވަނީ ޑަބަލްޗެކްވެސް ކޮށްފައެވެ.

ނަރުދޫން ކޯވިޑު ބައްޔަށް ޕޮޒިޓިވްވި އެންމެން ރަނގަޅު ވެފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންގއަށް ލީތާ 34 ދުވަސް ފަހުން، 29 މެއި 2020 ވަނަ ދުވަހުގެ ރޭ ވަނީ އެރަށް މޮނިޓަރިން ހާލަތުން ނަގާފައެވެ.

ނަރުދޫން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ އެރަށު އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ ބޯޓު މާލެއިން ފުރީ މާލެ ފުރަ ބަންދު ކުރި ދުވަސް ކަމަށްވާ 15 އޭޕްރިލް 2020 ވަނަ ދުވަހުއެވެ. ކެޕްޓަން ޕޮޒިޓިވްވިކަން އެނގުނީ 25 އޭޕްރިލް 2020 ވަނަ ދުވަހުއެވެ.

އަމާޒު ބޯޓުންވަނީ އުތުރުގެ 13 ރަށަކަށް ނިސްބަތްވާ 98 މީހަކު ދަތުރުކޮށްފައެވެ. އެކަމާއި ގުޅިގެން އެޗްޕީއޭއިން އެރަށްތައް މޮނިޓަރިންގއަށްލައި، ގުޅުންހުރި މީހުން ވަނީ ވަނީ ކޯވިޑަށް ޓެސްޓްކޮށްފައެވެ. އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން އިތުރު ރަށަކުން މީހަކު ޕޮޒިޓިވްވެފައި ވަނީ ށ. މިލަންދޫން އެކަންޏެވެ. އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ 28 އޭޕްރިލް 2020 ގައެވެ.

28 އޭޕްރިލް 2020 ވަނަ ދުވަހު އިތުރު 7 މީހަކު ނަރުދޫން ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަމަށް އެޗްޕީއޭއިން ހާމަކުރިއެވެ. އެދުވަހު ޕޮޒިޓިވްވީ އަމާޒު ބޯޓުގެ ކެޕްޓަގެ އަންހެނުންނާއި، ކެޕްޓަންގެ 3 ދަރިންގެ އިތުރުން ކެޕްޓަން ޅީ ދަރިއަކާއި، އަމާޒު ބޯޓުގެ ދެ ފަޅު ވެރިންނެވެ. މިމީހުން ދޮނަކުނީ ކަރަންޓީނު ފެސިލިޓީއަށް ގެންދެވުނީ 29 އޭޕްރިލް 2020 ވަނަ ދުވަހުއެވެ.

އެރަށުން އިތުރު 2 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކުރީ 2 މެއި 2020 ވަނަ ދުވަހެވެ. އެފަހަރު ޕޮޒިޓިވްވީ ކުރިން އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ އަންހެނުންނާއި، އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ.

ނަރުދޫން ކޯވިޑަށް ޕޮޒިޓިވްވި އެންމެން މިއަދު ރަށަށް ގެނެވުނީ އެމީހުން ކަރަންޓީނު ކުރެވިފައިވާ ދޮނަކުޅީ ކަރަންޓީނު ފެސިލިޓީއިންނެވެ. ދޮނަކުޅިއަކީ އުތުރުން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ މައިގަނޑު ފެސިލިޓީއެވެ.