ދެއްކުންތެރިކަމަށް ސަދަގާތް ކުރުމަކީ އަޒާބު ލިބެނިވި ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ސަދަގާތް ކުރުމުގެ އެންމެ މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ކުރުން ކަމަށާއި، އިހްލާސްތެރި ނޫންކޮށް، ކުރާ ސަދަގާތަކީ ބާތިލު ސަދަގާތެއް ކަމަށެވެ. އެގޮތުން އިހުލާސްތެރިކަމެއް ނެތި ރަން ފަރުބަދައެއް ސަދަގާތް ކުރިއަސް އެއީ އަގެއް ހުރި ސަދަގާތެއް ނޫން ކަމަށް ބުނެފައިވެއެވެ.

Ad
rt

"މުސްލިމް އަހުންނޭވެ. ސަދަގާތް ކުރުމުގައި އިހްލާސްތެރިވާށެވެ. އެހެނީ އިހްލާސްތެރިވުމަކީ ކޮންމެ ހެޔޮ އަމަލެއްގެ ތަނބެވެ. އިހުލާސްތެރިކަމެއް ނެތި ކުރެވޭ ސަދަގާތަކީ ރަން ފަރުބަދައެއް ކަމަށް ވިޔަސް އެއީ އެއްވެސް އަގެއް ހުރި އަމަލެއް ނޫނެވެ. އެ އަމަލު ވާހުށީ ބާތިލު އަމަލެއް ކަމުގައެވެ."

ހުތުބާގައި ބުނެފައިވެއެވެ.

މިފަދަ ހެޔޮ ޢަމަލުތަކަކީ ވަކި މަހަކަށް ޚާއްޞަ ކަންކަމެއް ނޫންކަމަށް ބަޔާން ކުރަމުން ބުނެފައިވަނީ ﷲ ގެ މަގުގައި ހޭދަ ކުރާ ކުރުމާއި، ހެޔޮ ޢަމަލުތަކަކީ މުޅި އަހަރުތެރޭގައި ކުރަންވާނޭ ކަންކަން ކަމުގައެވެ. ﷲ ގެ މަގުގައި ހޭދަކުރުމަކީ، ވަރަށް މަތިވެރި އަޖުރަކާއި، ޖަވާބެއް އެކަމުގައި އެކުލެވޭ ކަމެއްކަމަށާއި ﷲ ގެ ރުހިވޮޑިގަތުމާއި، މަޣްފިރަތު އެމީހަކަށް ލިބުމަށް އޮތް މަގެއްކަމަށް ބުނެފައިވެއެވެ.

"އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، ރިޒުޤު ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ."

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނެފައި ވަނީ ޤިޔާމަތް ދުވަހު ނަރަކައަށް އެއްލާލެވޭ ތިން ބާވަތެއްގެ މީހުންގެ ތެރޭގައި ދެއްކުންތެރިކަމަށް ސަދަގާތް ކުރާ މީހުން ހިމެނޭ ކަމަށް ބުނާ ގުދުސީ ހަދީސެއްވެސް ހުތުބާގައި ވަނީ ހިމަނާފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ ސަދަގާތް ދިނުމުގެ އެންމެ މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ކުރުންކަމަށާއި ސިއްރުން ސަދަގާތް ކުރުމަށް މާތްﷲގެ ހަޟްރަތުގައި ހާއްސަ މަގާމެއް ދެވިގެންވާކަމަށްވެސް ބުނެފައިވެއެވެ.

"ފަހެ ﷲ ތައާލާ އަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު ހަތް ބާވަތެއްގެ މީހުންނަށް ހިޔާވަހިކަން ދެއްވާނެއެވެ. އޭގެ ތެރޭގައި ކަނާތުން ކުރާ ސަދަގާތް ވާތަށްވެސް ނޭނގޭހާ ސިއްރުން ސަދަގާތް ކުރާ މީހާ ހިމެނެއެވެ."

ޚުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ﷲގެ މަގުގައި ހޭދަ ކުރުމަކީ އެކަލާނގެ ރުހުން ލިބި ގިނަ ސަވާބު ލިބޭ ކަމެއް ކަމަށެވެ. އަދި އެއީ ވަކި މީހަކަށް ހާއްސަކަމެއް ނޫން ކަމަށާއި އެންމެނަށްވެސްވާ އަޅުކަމެއް ކަމަށް ކަމަށާއި މުދަލަކީ އިމްތިހާނެއް ކަމަށްވެސް ބުނެފައިވެއެވެ. މުދަލަށް ލޯބި ކުރުމަތީ އިންސާނާގެ ފިތުރަތުގައިވާ ކަމެއްކަމަށާއި އެއީ ވަގުތީ އުފަލެއް ދީ ފަނާވެދާ އެއްޗެއްކަން ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެންނަށް އޮތީ މީހުންނަށް ހެޔޮ ފޯރުކޮށްދީ، ހެޔޮ ގޮތުގައި ﷲގެ މަގުގައި ހޭދަކޮށް އުޅުމަށް އަވަސްވެގަތުމެވެ. އެހެނީ ލޯމަރާލަން ޖެހޭނީ ކޮން އިރު ކަމެއް އެއްވެސް ނަފްސަކަށް ނޭނގެއެވެ."

ޚުތުބާގައި ބުނެފައިވެއެވެ.

ސަދަގާތް ކުރުމަކީ މަރުވުމަށް ފަހުގައިވެސް އޭގެ ސަވާބު ލިބޭ ކަމެއް ކަމަށާއި އެގޮތުން ދޫކޮށްފައި ދިޔަ އިލްމަކުންނާއި، ތިމާއަށްޓަކައި ހެޔޮ ދުއާ ކުރާ ދަރީންނާއި ދެމިގެންވާ ސަދަގާތުން ތިމާ މަރުވުމަށްފަހުގައިވެސް ސަވާބު ލިބިލިބި ހުންނާނެ ކަމަށް ރަސޫލާ (ސއވ) ހަދީސް ކުރައްވާފައިވާ ބަސްފުޅެއް ހިމަނާފައިވެއެވެ.