ރެންޓް މޮރެޓޯރިއަމެއް ގެނެސް އެންމެނަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް އެދި ނަވާނަވައި ޖަމިއްޔާއިން ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީއަކުން ދަންނަވައިފިއެވެ.
އަޖަމިއްޔާއިން ރައީށްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޯވިޑް 19 ޕެންޑެމިކް އާ ގުޅިގެން ސަރުކާރުން އަޅާފައިވާ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތަކާއެކު، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ދިވެހި ރާއްޖޭގެ އިގްތިސާދުވަނީ ހުއްޓުމަކަށް އައިސްފައިކަމަށާއި މި ދަނޑިވަޅުގައި ގިނަ ބަޔަކު މިތިބީ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ ގޮތްތަކުން މަހުރޫމުވެފައިކަމަށެވެ.
ރާއްޖޭގެ 99 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މަހުން މަހަށް ލިބޭ އާމްދަނީއިންވެސް ދެކޮޅު ނުޖެހި އުޅެންޖެހިފައިވާ ބަޔަކަށް ވީހިނދު، އާމްދަނީ ނުލިބޭތާ ދެމަސް ވެގެން ދިޔައިރުވެސް ސަރުކާރުން މަޝްވަރާގެ ހަރުފަތުން އަރައިނުގަނެވި ބަނޑުހައިހޫނުކަމުގެ ބިރުހީވެފައިވާ އާއިލާތަކަށް އެހީ ފޯރުކޮށްދިނުން ލަސްކުރަމުން ދިޔަ ދިޔުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެކަމެއްނޫންކަމަށް އެސިޓީގައި ބުނެފައިވެއެވެ.
ދިރިއުޅޭ ތަނުގެ ކުލި ދެއްކޭނެގޮތް ނެތުމުގެ ސަބަބުން ގެއިން ބޭރުވެ މަގުމަތިވާންޖެހި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވި ބަނޑުހައިހޫނުކަންމަތީ ވޭތުވާ ކޮންމެ ދުވަހަކީ ރައްޔިތުން ނުހަނު ވޭނާއި ހިތްދަތިކަމުގައި ހޭދަކުރާނެ ދުވަހެއްކަމަށާއި އަދި އެއްވެސް އިންސާނަކު، ހާއްސަކޮށް މިފަދަ ބަލިމަޑުކަމެއް ފެތުރޭ ދުވަސްވަރެއްގައި، ހުށަހެޅެންޖެހޭނެ ހާލަތެއްވެސް ނޫންކަމަށް ބުނެފައިވެއެވެ.
މިހާލަތުގައި އެއްވެސް އެހީއެއްނެތި ދެ މަސްވަންދެން މީހުން ބޭތިއްބުމަށްފަހު ސަރުކާރުން "އިންކަމް ސަޕޯޓު" ގެ ގޮތުގައި މަސައްކަތްތެރިންނަށް ދޭން ނިންމާފައިވާ 5000 ރުފިޔާގެ އެލަވަންސްގެ އުސޫލަކީ މި ހާލަތާ ނުބައްދަލު އިޖާބައެއް ކަމުގައި އެޖަމިއްޔާއިން ދެކޭކަމަށް ބުނެފައިވެއެވެ.
މިގޮތުން މި އެލަވަންސާމެދު އަހަރެމެން ކަންބޮޑުވާ ނުކުތާތައްކަމުގައި އެޖަމިއްޔާއިން ވަނީ ދެކަމެއް ބަޔާންކޮށްފައެވެ.
މާލޭގައި ކުއްޔަށް ދިރިއުޅޭ އާއިލާތަކުން ކުލިދެއްކުމަށް ހިނގާ ބޮޑު ހަރަދަށް ބަލާފައިނެތުން:
އާންމު ހާލަތުގައިވެސް މާލޭގައި ކުއްޔަށް ދިރިއުޅޭ އާއިލާތަކުން އާމްދަނީގެ ބޮޑުބައި ކުއްޔަށް ހަރަދުކުރަންޖެހުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާއިރު، އާމްދަނީއެއް ނުލިބި ތިބި މިހާލަތުގައި ކުއްޔަށް އެއްވެސް ލުޔެއް ދިނުމެއްނެތި 5000 ރުފިޔާގެ އެލަވަންސެއް ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އަދި މުޅި އިގްތިސާދު ހުއްޓި ވިޔަފާރިވެރި މަހުޖަނުންގެ އަތުގައިވެސް ފައިސާއެއް ނެތް ކަމަށް ސަރުކާރުންދެކި ރިސޯޓުތަކުގެ ކުލިނެގުން މެދުކަނޑާލަން ނިންމާފައިވާ މި ދަނޑިވަޅުގައި، ބޮޑު އަދަދުން ކުލި ދޭނެ ފައިސާ އާއްމުންގެ އަތުގައި ހުންނާނެ ކަމަށް ދެކުމަކީ ހަމަޖެހޭކަމެއްނޫނެވެ.
އެހެން ކަމުން މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަހަރެމެން ގޮވާލަނީ މިހާރުން މިހާރަށްވެސް ކުލި ނެގުން ވަގުތީ ގޮތުން މެދުކަނޑާލާ (ރެންޓް މޮރެޓޯރިއަމެއް ގެނެސް)، ކުއްޔަށް އުޅޭ ފަރާތްތައް ގެއިން ބޭރުކޮށް މަގުމަތިކުރުން މަނާކުރުމަށެވެ. އަދި މިހާރުން މިހާރަށް މާލޭގެ ކުލި ކޮންޓްރޯލުކޮށް، ހިޔާވަހިކަމުގެ އަސާސީ ހައްޤު އެންމެންނަށް ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ނެރެ އިސްކުރުމަށް ގޮވާލަމެވެ.
އެލަވަންސަށް އެދޭ އިންތިޒާމް ހަމަޖައްސާފައިވާ ގޮތުގައި ހުރި ދަތިތަކުގެ ސަބަބުން ގިނަ ބަޔަކު އެހީލިބުމުން މަހުރޫމުވުން:
މި އެލަވަންސް ހޯދުމަށްޓަކައި، ނިމިދިޔަ 3 މަހުގެ މުސާރަ ސްލިޕް، ބޭންކް ސްޓޭޓްމަންޓް، ވަޒީފާގެ އެއްބަސްވުން އަދި ވަޒީފާއިން ކަނޑާލިކަމުގެ ލިޔުން ހުށައަޅަން ޖެހުމުން، މި އެލަވަންސްގެ ހައްގުވެރިންނަށް މި ފައިސާ ހޯދުމަށް އެތަކެއް ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެލަވަންސް ހޯދުމަށްޓަކައި ޖޮބް ސެންޓަރުގައި މިހާތަނަށް ރަޖިސްޓްރީވެ ޝަރުތު ހަމަވެފައިވަނީ އެންމެ 69 ފަރާތުންނެވެ.
މިކަމުންވެސް ހާމަވަނީ ވަރަށް ގިނަ މަސައްކަތްތެރިންނަށް މި ލިޔެކިޔުންތައް ހޯދައި ލިބުން ދަތިވެފައިވާ ކަމެވެ. އަދި ހަމަ މިއާއިއެކު، ރިޒޯޓުތަކުގައި ތިންވަނަ ފަރާތަކަށް ކޮންޓްރެކްޓް އުސޫލުން ދީފައި ހުންނަ މަސައްކަތްތެރިން ފެށިގެން، ފްރީލާންސްކޮށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި، ފިހާރަތަކުގައި މަސައްކަތް ކުރާ އެތަށް މަސަކަތްތެރިންނަކީ ވަޒީފާ އެއްބަސްވުމެއް ނެތި ވަޒީފާ އަދާކުރާ، ކުރިން ފާހަގަކުރެވުނު ލިޔެކިޔުންތައް ދެއްކެން ނެތް މަސައްކަތްތެރިންނެވެ. މިނިސްޓްރީގެ ޝަރުތުތަކާއި ހެދި މި މަސައްކަތްތެރިން މިވަނީ އިތުރަށް ނިކަމެތިވެފައެވެ. އަދި މިއީ ވަޒީފާއާ ބެހޭ ގާނޫނާވެސް ހިލާފު ކަމެއްކަން ފާހަގަކުރަމެވެ.
މީގެތެރޭގައި ވަޒީފާ އަދާ ކުރަމުން ކިޔަވަމުން އައި ގިނަ ދަރިވަރުންތަކެއްވެސް ހިމެނެއެވެ. މިދަރިވަރުންނަކީ މިވަގުތު އާމްދަނީ ހުއްޓުމުން ތައުލީމަށް ކުރަންޖެހޭ ހަރަދު ނުކުރެވި، ކުލި ނުދެއްކި އަދި ޒަރޫރީ އެހެނިހެން ކަންކަމުން މަހުރޫމުވެ މާލޭ ބަންދުގައި ތިބި ބައެެއްކަން ފާހަގަ ކުރަމެވެ. މިހާރު އުސޫލު އޮތްގޮތުން ކޯވިޑްގެ ކުރިން ވަޒީފާއެއް ހޯދަމުން ދިޔަ ފަރާތްތައްވެސް އެލަވަންސް ލިބުމުން މަހުރޫމުވާނެކަން ފާހަގަކުރަމެވެ. މިހެންކަމުން އަހަރަމެން ގޮވާލަނީ އިންކަމް ސަޕޯޓު އެލަވަންސް، ހުރިހާ އެންމެނަށްވެސް ދޭ އެއްޗެއްގެ ގޮތުގައި ފޯރުކޮށްދިނުމަށެވެ. އެތައްހާސް ބަޔެއްގެ ވަޒީފާގެއްލިފައިވާ މިދަނޑިވަޅުގައި މިއެންމެންގެ އެތަކެއް ލިޔެކިޔުންތަކެއް ހޯދައި މުރާޖާކޮށް މި ޕްރޮގްރާމު ހިންގުމުން އެހީ ބޭނުންވެފައިވާ ގިނަ ބަޔަކު އެހީއިން މަހުރޫމުވުމުގެ އިތުރުން، މިގޮތަށް ޕްރޮގްރާމް ހިންގުމަށް ދައުލަތުން ހޭދަކުރަންޖެހޭނެ ވަސީލަތްތައް އިންތިހާއަށް ބޮޑުވެގެން ދާނެކަމަށް އަހަރަމެން ދެކެމެވެ.
މީގެ ބަދަލުގައި އެޖަމިއްޔާއިން މި ހުށަހަޅާ ގޮތަށް މި ވަގުތަށް ހުރިހާ އެންމެނަށް އެލަވަންސް ދިނުމުން މިފަދަ އިދާރީ މަސައްކަތްތަކާއި ހަރަދުތައް ބޮޑުތަނުން ކުޑަކޮށް، ދައުލަތުން ކުރަންޖެހޭ ހަރަދުތައް ކުރެވޭނީ އާންމުންނަށް އެންމެ ފައިދާވަނިވި ގޮތްކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެސިޓީގައި ބުނެފައިވަނީ އެއްވެސް ބަޔަކު އުނި ކުރަން ޖެހޭނަމަ ރާއްޖޭގައި ތިބި މަދު މުއްސަނދިން، (އިންކަމް ޓެކްސް ދައްކަ އެއްވެސް ބަޔަކު އުނި ކުރަން ޖެހޭނަމަ ރާއްޖޭގައި ތިބި މަދު މުއްސަނދިން، (އިންކަމް ޓެކްސް ދައްކަން ޖެހޭ ފަރާތްތައް) މި ޕުރަގްރާމުން އުނިކުރެވިދާނެކަމަށާއި އަދި ހަމަމިއާއެކު ކުރިން ފާހަގަކުރެވުނު ރެންޓް މޮރެޓޯރިއަމްއާއެކު އެޖަމިއްޔާއިްނ ގޮވާލާފައިވަނީ 18 އަހަރު ނުފުރޭ ބަލަދުވެރިން ތިބި އާއިލާތަކަށް ބަލަދުވެރިންގެ އަދަދަށް ބަލައި އިތުރު އެހީއެއް ފޯރުކޮށްދިނުމަށެވެ.
މި ދަތި ދަނޑިވަޅުގައި ގިނަބަޔަކަށް އެހީއެއް ނުލިބި ދިގުމުއްދަތެއް ވެފައިވާއިރު އަދި މިކަމަށް ސަރުކާރުން އިޖާބަދޭއިރު، މަސައްކަތްތެރިންނަށް ދިމާވެފައިވާ ތަކުލީފާއި ނުބައްދަލު މިންވަރެއްގެ އެހީއެއް، ނަމެއްގަ ދިނުމުގެ ބޭނުމެއް ނެތްކަމަށް އެސިޓީ ނިންމާލަމުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!