އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނު، ހަނދާން އައުކޮށްލުމެއް

photo_2020-05-28_00-33-09

އިންޑިއާއިން ފާސްކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނުގެ ސަބަބުން އިންޑިއާގެ އާބަދީގައި ހިމެނޭ އެތައް މިލިއަން މުސްލިމުންގެ ހައްގުތައް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ބަޔާންކޮށް، އިންޑިއާއިން ފާސްކޮށްފައިވާ ނަސްލީ ތަފާތުކުރުމުގެ ރަށްވެހިކަމުގެ ގާނޫނާއި، އެފަދަ ސިޔާސަތުތައް އުވާލުމަށް ގޮވާލައި ހިއުމަން ރައިޓްސް ވޮޗުން 82 ސަފްހާގެ ރިޕޯޓެއް ނެރުނީ 12 އޭޕްރިލް 2020 ވަނަ ދުވަހުއެވެ.

ހިއުމަން ރައިޓްސް ވޮޗުގެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ މުސްލިމުންނަކީ، އިންޑިއާގެ ދެވަނައަށް އެންމެ އާބާދީބޮޑު ދީނުގެ މީހުންނަށް ވާއިރު، މުސްލިމުންގެ އިތުރުން، ބައިމަދު އެހެން ދަރިކޮޅުތަކުގެ މީހުންގެ މެދުގައިވެސް، ރަށްވެހިކަމުގެ ގާނޫނުގެ ސަބަބުން ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިހިސާބުން މިޤާނޫނުގެ ވާހަކަ ތިލަކޮށްލަން ޖެހުނީ އަނެއްކާވެސް އިންޑިއާގައި މުސްލިމުންނަށް ދުއްތުރާލާއި، އަނިޔާވެރިކަމާއި، ނަސްލީ ތަފާތުކުރުންތައް އިތުރުވެފައިވާކަމުގެ ރިޕޯޓުތައް ގިނަވެފައިވާ ދުވަސްވަރެއްގައިއެވެ. އެ ޤައުމުގައި ކޯވިޑް ފެތުރެމުންދާއިރު އެ ބައްޔަކީ މުސްލިމުންގެ ސަބަބުން ފެތުރޭ ބައްޔެއްކަމަށް ތުހުމަތުކޮށް، ފުރުއްސާރަ ކުރުން އިތުރުވެފައިމިވާ ދަނޑިވަޅުގައި މިވާހަކަތައް ދެނެގަތުމަކީ ނެތްކަމެއް ނޫނެވެ.

11 ޑިސެމްބަރު 2019 ވަނަ ދުވަހު އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ސިޑިޒަން އެމެންޑްމަންޓް ޤާނޫނު (ސީއޭބީ) ފާސްކުރިއިރު މިޤާނޫނާއި މެދު އެތައް ހިޔާލު ތަފާތު ވުން ތަކެއް އުފެދުނެވެ. ސަބަބަކީ އިންޑިއާއާ އަވަށްޓެރި ތިން ގައުމު ކަމަށްވާ ބަނގްލަދޭޝް، އަފްޣާނިސްތާން އަދި ޕާކިސްތާނުގައި ދިރިއުޅޭ ހިންދޫ، ސިކުން، ބުދިސްޓުން، ޖެއިންސް، ޕަރްސިސް އަދި ކްރިސްޓިއަނުންނަށް ރަށްވެހިކަން ދޭން ޤާނޫނުގައި ކަނޑައަޅާފައި ވާއިރު، މުސްލިމަކަށް އިންޑިއާގެ ރަށްވެހިކަން ނުދޭން ޤާނޫނުގައި ކަނޑައަޅާފައި ވުމުންނެވެ.

މިކަމާއި ފާޑުކިޔާ ފަރާތްތަކުން ބުނަމުން އައީ ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްޤާނިސްތާނުގެ މުސްލިމުންނަށް ރަށްވެހިކަން ނުލިބޭ ގޮތަށް ފާސްކުރި ޤާނޫނުގެ ސަބަބުން އެ ގައުމުގެ ސެކިއުލަރ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމަށެވެ.

މުސްލިމުންނަށް ރައްޔިތުންކަން ނުލިބޭ ގޮތަށް ފާސްކުރި ބިލު، ގާނޫނު ހަދާ މަޖިލީހަށް ހުށައެޅި ހިސާބުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާ ކޮށްފައެވެ. ހާއްސަކޮށް އައްސާމް ސްޓޭޓްގައި ކުރި މުޒާހާރާގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ދެމެދުގައި ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ވެރިރަށް ނިއު ދިއްލީ އާއި އިންޑިއާގެ އެކި ހިސާބުތަކުގައި ވެސް މިމުޒާހަރާތައް ކުރިއަށްގެންދިޔައެވެ. ނިއު ދިއްލީގައި ދަރިވަރުން ކުރި މުޒާހަރާ ރޫޅާލުމަށް ކަރުނަގޭސް ޖަހައި 40 ދަރިވަރަކު ހައްޔަރު ވެސް ކުރި އެވެ. ކެރަލާ އާއި ކަރްނާޓަކާގައި ވެސް ދެކޮޅުވެރިކަމުގެ އެއްވުންތައް ބާއްވާފައިވެ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ގުވަހާޓީގައި ކާފިއު ހިންގައިފައި ވީނަމަވެސް މުޒާހަރާކުރާ މީހުން ކާފިއު އަށް ބެލުމެއް ނެތި މަގުތަކަށް ނުކުމެފައިވެ އެވެ.

މި މުޒާހަރާގެ ސަބަބުން 1000 މީހުން ހައްޔަރު ކުރެވި ގާތްގަނޑަކަށް 23 މީހުން މަރުވިއެވެ. ހުއްޓުމެއްނެތި މުޒާހަރާތައް ދިގުލައި ދިޔައިރު އުމުރުން 8 އަހަރުގެ ކުއްޖަކުވެސް ވަނީ މަރުވެފައެވެ.

ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން އެ ގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅާފައި އެވެ. ނަމަވެސް މުސްލިމުންނަކަށް އެ ފުރުސަތެއް ނެތެވެ. ބިލުގައި ބުނެފައި ވަނީ 1955 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު އިންޑިއާ އަށް ހިޖުރަކޮށްފައިވާ މުސްލިމުންނަށް ރަށްވެހިކަން ލިބޭނީ އެމީހުންގެ އަތުގައި ކަމާބެހޭ ލިޔެކިޔުންތައް ހުރުމުންނެވެ.

އިންޑިއާގައި ދިރިއުޅެމުން އަންނަ އެތައް މިލިއަން މުސްލިމުންގެ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް އިންޑިއާގެ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއި މެދު އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތުން ފެށިގެން އިންޑިއާގެ ފާޑުކިއުންތެރިންގެ ނަޒަރުގައި ވެސް މިއީ ސީދާ މުސްލިމުންނަށް އަމާޒުކޮށް، ބީޖޭޕީ ސަރުކާރުން ފާސްކުރި ޤާނޫނެކެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ސިފަަކުރި ގޮތުގައި މުޅި ގާނޫނުގެ ބިންގަލުގެ އަސްލަކީ ތަފާތުކުރުމެވެ. އެކަމަކު ބީޖޭޕީގެ ސަރުކާރުން ބުނާ ގޮތުގައި އެއީ މުސްލިމުންނާ ތަފާތުކުރަން ހެދި ގާނޫނެއް ނޫނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވާ ގޮތުގައި ސީއޭބީ އަކީ އިންޑިއާގެ އެއްވެސް ރައްޔިތަކަށް އަމާޒުކުރި ގާނޫނެއް ނޫނެވެ. އަދި އާންމުންނަށް އޮޅުވާލައި، ހަމަނުޖެހުން ހިންގަނީ އިދިކޮޅު ފަރާތްތަކުން ކަމަށް މޯދީ ވަނީ ތުހުމަތު ކުރައްވާފައެވެ.

އިންޑިއަން ޔުނިއަން މުސްލިމް ލީގުން މި މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ. އެ ޖަމާއަތުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ގާނޫނަށް ގެންނަ އިސްލާހު، ރައްޔިތުންގެ މެދުގައި ތަފާތު ނުކުރުމުގެ އަސާސީ ހައްގުތަކާ ފުށުއަރާ ކަމަށެވެ. މި ހުށަހެޅުމުގައި އިންޑިއާގެ ނުފޫޒުގަދަ ޖޫރިސްޓުންނާއި ގާނޫނީ ވަކީލުންނާއި އެކަޑަމިކް ދާއިރާގެ ބޭފުޅުންނާއި ފިލްމީ ތަރިން ވެސް ސޮއިކޮށްފައިވެ އެވެ. އެގޮތުން، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ 700 އަށް ވުރެ ގިނަ މީހުން ޕެޓިޝަންގައި ބައިވެރިވެ އެވެ.

ރަށްވެހިކަން ދިނުމުގައި އެމީހެއްގެ ދީނަށް ބަލަން ކަނޑައަޅައި، އިންޑިއާގައި މި ޤާނޫނު ފާސްކުރީ 2019 ވަނަ އަހަރު ވެރިކަންކުރާ ބީޖޭޕީއަށް އަޣުލަބިއްޔަތު ލިބިފައިވާ ޕާލަމެންޓުންނެވެ.

.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *